ކޮލަންބޯ (އެޕްރީލް 7) : ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމާއެކު އެގައުމުގައި ސިޔާސީ ހަލަބޮލިކަމާއި ހަމަނުޖެހުން އުފެދެމުންދާތީ ސްރީލަންކާއަށް ދަތުރުކުރާއިރު ރައްކާތެރިވެގެން އުޅުމަށް ގޮވާލައި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ޓްރެވަލް އެޑްވައިޒަރީތައް ނެރެފިއެވެ.

ސްރީލަންކާގެ ޕާލަމެންޓްގެ ރައީސް މަހިންދަ އަޕާ އަބޭވަރުދަނާ ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުންނަށް ހައިހޫނުކަން ތަހައްމަލް ކުރަންޖެހިދާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން އޮސްޓްރޭލިއާއިން ނެރުނު ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ ސްރީލަންކާގެ އެތެރޭގެ ސަލާމަތީ ހާލަތު ކޮންމެ ވަގުތަކުވެސް ގޯސްވެގެން ހިނގައިދާނެކަމަށާ އެކަމަށް ވިސްނައި ރައްކާތެރިވެތިބެގެން ނޫނީ އެގައުމަށް ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި މެނުވީ ސްރީލަންކާއަށް ދަތުރު ނުކުރުމަށްވެސް އެ ތިން ގައުމުން އެ ގައުމުތަކުގެ ރައްޔިތުނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.

ތެޔޮކޮޅެއް ހޯދުމަށް ސްރީލަންކާގެ ރައްޔިތުން ކިޔޫގައި

ސްރީލަންކާގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނީ އެ ގައުމަށް އިގްތިސާދީ ބޮޑު ތަދުމަޑުކަމެއް އައުމާ ގުޅިގެންނެވެ. މި ތަދުމަޑުކަމުގެ ތެރޭގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވުމާއި ފައިސާގެ އަގުވަރަށް ބޮޑަށް އާންމު ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވުމާއި ތެލާއި ގޭސް އަދި ކަރަންޓު ފަދަ އަސާސީ ތަކެތި ލިބުން ވެސް އިންތިހާއަށް ދަތިވުން ހިމެނެއެވެ.

މިމައްސަލަތަކާއެކު ސްރީލަންކާގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު ސްކޫލްތަކާއި ތައުލީމީ މުއައްސަސާތައް ވެސް ވަނީ ބަންދުކުރަން ޖެހޭ ހިސާބުގައެވެ. އެ ތަންތަނުގައި ކިޔަވައިދޭން ޖެހިފައި ވަނީ ކަރަންޓް ނެތިއެވެ.

އަނެއްކޮޅުން މި މައްސަލަތައް ހައްލުވާނެކަމުގެ ކޮޅުމަތި ފެންނަން ނެތްއިރު މިހާލަތު ދިގުލައިފިނަމަ 23 މިލިޔަން މީހުންގެ އާބާދީ އެއްއޮންނަ ސްރީލަންކާގެ ބައެއް ސަރަހައްދުތައް ބަނޑަށް ޖެހިދާނެކަމުގެ އިންޒާރުވެސް އެގައުމުގެ ޕާލަމެންޓްގެ ރައީސް މަހިންދަ އަޕާ އަބޭވަރުދަނާ ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވީ މިވަގުތަށް ހައިހޫނު ކަން ނެތްނަމަވެސް ސްރީލަންކާގެ އިގްތިސާދީ ހާލަތު ރަނގަނޅު ނުކުރެވި ދިގުލައިގެންދާނަމަ ބައެއް ސަރަހައްދުތައް ބަނޑަށް ޖެހިދާނެކަމުގެ ކަމުގެ ބިރަކީ ހަގީގީ ބިރެއް ކަމުގައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް އެ ގައުމުން އެންމެ ބޮޑަށް އެހީތެރިކަމަކަށް އެދިފައިވަނީ އިންޑިޔާއާއި ޗައިނާގެ ކިބައިންނެވެ. މި ދެ ގައުމުން ވަނީ މިކަމުން އަރައިގަތުމަށްޓަކައި ސްރީލަންކާއަށް ބޮޑެތި ލޯންތަކެއް ދީފައެވެ. އަދި މިހާރުވެސް އިންޑިއާ ގެންދަނީ ދޭތެރެއަކުން ސްރީލަންކާއަށް އެތައް ސަތޭކަ ޓަނެއްގެ ތެލާއި ކާބޯތަކެތި އަދިބޭސް ފޯރުކޮށްދެމުންނެވެ. ޗައިނާވެސް ހިލޭ އެހީތައް ދެމުން ގެންދެއެވެ. ނަމަވެސް މިވަރުންވެސް ސްރީލަންކާގެ ހާލަތު ރަނގަޅެއް ނުވެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ މި ތަދުމަޑުކަމުގެ ސަބަބުން އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި އާއްމުންވަނީ މުޒާހަރާކުރަން ފަށާފައެވެ. މިއާއެކު ސަރުކާރުގެ ހުރިހާ ވަޒީރުންނާއި މަރުކަޒީ ބޭންކުގެ ގަވަރުނަރުވަނީ އިސްތިއުފަ ދެއްވާފައެވެ. ޕާލަމެންޓްގެ އަޣްލަބިއްޔަތުވެސް ވަނީ ސަރުކާރަށް ގެއްލިފައެވެ. ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ރައީސް ގޮތަބަޔަ ދެއްވި ދައުވަތު އިދިކޮޅުންވަނީ ގަބޫލުނުކޮށް ރައީސް އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

ނަމަވެސް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ.