އިސްކަންދަރު ކޮށި ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލްތަކަކަށް ބަޔަކު ރޭ ގެންލުންދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ރޭ ގެއްލުންދީފައި ވަނީ އިލެކްޝަންސް ކޮމިޝަން ހުންނަ، ރިޔާސީ ހިނގުމުގައި ހުރި ސައިކަލުތަކުގެ ތެރެއިން 20 ސައިކަލަކަށް ކަމަށެވެ. އެ 20 ސައިކަލްގެ މަޑި ތޫނުއެއްޗަކުން ކަފާލައި ގެއްލުންދީފައި ވާކަމަށާއި އޭގެ ތެރޭގައި ގިނައީ ފުލުހުންގެ ސައިކަލްތައް ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

ފަހަކަށް އައިސް އާންމުންނާއި ފުލުހުންގެ ސައިކަލްތަކަށް އެކި ގެއްލުން ދިނުން ވަނީ އާންމުވެފައެވެ. މިމަހުގެ 10 ވަނަ ދުވަހުގެރޭ ރަށްދެބައި މަގުގައި ޕާކްކޮށްފައި ހުރި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ދެ ފުލުހަކާއި އާންމުންގެ 10 ސައިކަލްގެ މަޑިވެސް ވަނީ ތޫނު އެއްޗަކުން ކަފާލައި ގެއްލުންދީފަ އެވެ.