07 Apr 2022, 15:09
ކިޔޭވް (އެޕްރީލް 7) : އިސްރާއީލުގެ އަމަލުތަކާ އަދި ސިޔާސަތުތަކާމެދު ފަޚުރުވެރިވާ ކަމަށާއި ޔޫކްރެއިނުން ބޭނުން ވަނީ ދެވަނަ އިސްރާއީލަކަށް ވާންކަމަށް އެ ގައުމުގެ ރައީސް ވްލަޑިމީރު ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޒެލެންސްކީ ވިދާޅުވީ އިސްރާއީލަކީ އެ ގައުމުގެ ދިފާއުގައި ދުޝްމަނުންނާ ދެކޮޅަށް ވަރަށް މޮޅު އަދި ހަރުދަނާ ސިޔާސަތެއް ގެންގުޅޭ ގައުމެއްކަމަށާ އިސްރާއީލަކީ މިސާލެއް ކަމަށް ބަލަން ޖެހޭ ގައުމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ޒެލެންސްކީ މި އިޝާރާތް ކުރައްވަނީ އިސްރާއީލުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އިސްތިއުމާރުކޮށްގެން އުޅޭ އުޅުމަށާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ މުޖާހިދުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ އަނިޔާވެރި އަމަލުތަކަށެވެ. ނަމަވެސް ޒެލެންސްކީ ފަލަސްތީނުގެ ނަން ސީދާ ގޮތެއްގައި ވިދާޅެއްނުވެއެވެ.
ޒެލެންސްކީގެ ވާހަކަތައް ހުރިގޮތުން އޭނާ ފަލަސްތީނު ސިފަކުރަނީ ރަޝިއާ ކަމުގައެވެ. އިސްރާއީލު ސިފަކުރަނީ ޔުކްރޭންގެ ގޮތުގައެވެ. އިސްރާއީލުގެ ސަބަބުން ފަލަސްތީނުގެ މުޅި ރައްޔިތުންގެ ހަޔާތާއި ދިރިއުޅުން މުޅިން ބަރުބާދުވެ ފަލަސްތީނު މީހުންގެ ބިމާއި ގެދޮރާއި ވަޒަން ގެއްލި ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންނަށްވެ ނިކަމެތިވެފައިވާ މައްސަލައަކީ އޮތްކަމެއްކަން ވެސް ޒެލެންސްކީއަށް އެނގިވަޑައި ނުގަންނަވާ ކަހަލައެވެ.

އިސްރާއީލުގެ ޕާލަމެންޓް މެންބަރުންނާ މުޚާތަބު ކުރައްވައި ޒޫމް މެދުވެރިކޮށް ޒެލެންސްކީ ވާހަކަ ދައްކަވަނީ
ޒެލެންސްކީ އަކީ ޔަހޫދީއެކެވެ. އޭނާގެ ވެރިކަމުގައި ޔުކްރޭނުން ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށްފައިނުވާއިރު ޔުކްރޭނުންވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި އުދުވާނީ ހަނގުރާމައަށް ތާއީދުކޮށް އެއީ އަމިއްލަ ނަފްސު ދިފާއުގައި އިސްރާއީލު ކުރި ހަނގުރާމައެއް ކަމަށް އެ ދުވަސްވަރު ސިފަކޮށްފައެވެ.
ޒެލެންސްކީ ވިދާޅުވިގޮތުގައި ޔުކްރޭން ހަނގުރާމަ ނިމުމުން އޭނާ ބޭނުންވަނީ އިސްރާއީލު ފަދައިން ސިފައިންގެ އިތުރުން އާންމުންނަށްވެސް ހަތިޔާރު ގެންގުޅުމުގެ ފުރުސަތު ދޭ ގައުމަކަށްވާށެވެ. އިސްރާއީލުގެ ކޮންމެ ރައްޔިތަކީވެސް ހަތިޔާރު ބޭނުންކުރަން އެނގޭ ހަނގުރާމަވެރިއަކަށް ހަދާފައިވާ ގޮތަށް ޔޫކްރެއިންގެ ކޮންމެ ރައްޔިތަކީވެސް ހަނގުރާމަވެރިއަކަށް ހަދަން ޖެހޭކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
"ޔުކްރޭންގެ ހަނގުރާމަ ނިމުމަށްފަހު ޔުކްރެއިންގެ ހުރިހާ މުއައްސަސާތަކެއްގައާއި ވިޔަފާރި މަރުކަޒުތަކުގައާ އަދި އާންމުން އެއްވެއުޅޭ ސަރަހައްދުތަކުގައި ސިފައިންގެ އިތުރުން ޢާއްމުންނަށްވެސް ހަތިޔާރުގެންގުޅެވޭގޮތަށް ކަންތައްތައް ހަމަޖައްސާނެ" ޒެލެންސްކީ ވިދާޅުވިއެވެ.
އިސްރާއީލުގައިވެސް އޮންނަނީ މިގޮތަށެވެ. ހުރިހާ މުއައްސަސާތަކެއްގައާއި ވިޔަފާރި މަރުކަޒުތަކުގައާ އަދި އާންމުން އެއްވެއުޅޭ ސަރަހައްދުތަކުގައި ސިފައިންގެ އިތުރުން ޢާއްމުންނަށްވެސް ހަތިޔާރު ގެންގުޅެވޭ ގޮތަށެވެ. އެއީ ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެންއުޅޭ ޔަހޫދީ ސިފައިންނާއި ޔަހޫދީ އާންމުންނާ ދެކޮޅަށް މިނިވަންކަމުގެ ހަރަކާތްތައް ހިންގާ ފަލަސްތީނުގެ މުޖާހިދުންނަށް ހަމަލާދީ އެ މީހުން ޝަހީދުކުރުމަށެވެ.
އިސްރާއީލު ދެކެ ވަރަށް ބޮޑަށް ލޯބިވާކަމާއި އިސްރާއީލަށް ހަމްދަރުދީވާކަން ޒެލެންސްކީވަނީ އެތައް ފަހަރަކު ހާމަކުރައްވާފައެވެ. ވާޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) އިސްރާއީލުގެ ޕާލަމެންޓްގައި ދާދިފަހުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވަނީ އިސްރާއީލާއި ޔޫކްރެއިނާ ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އިސްރާއީލަކީ ޔުކްރޭނުން ނަމޫނާއަކަށް ބަލާ ނަމޫނާ ގައުމެއްކަމަށް ޒެެލެންސްކީ ވިދާޅުވިއެވެ.
ޒެލެންސްކީ ވިދާޅުވާގޮތުން އޭނާގެ ގައުމު މަސައްކަތްކުރަނީ ރަޝިއާގެ އުދުވާނާ އިސްތިއުމާރާ އަދި ރަޝިއާއިން ޔުކްރޭނަށް ވެރިވެގަތުމަށް ކުރާ މަސައްކަތްތަކާ ދެކޮޅަށެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ އުދުވާނާއި އިސްތިއުމާރާ އަދި އިސްރާއީލު ގަދަބާރުން ފަލަސްތީނަށް ވެރިވެގަނެފައިވާއިރު އަމިއްލަ މިނިވަންކަމަށް މަސައްކަތް ކުރުމުގެ ހައްގު ފަލަސްތީނަށް އޮންނާނެކަމަށް ޒެލެންސްކީ ވިދާޅެއް ނުވެއެވެ. އޭގެބަދަލުގައި އޭނާ ތާއީދުކުރައްވަނީ ފަލަސްތީނާ ދެކޮޅަށް އުދުވާން ހިންގާ އިސްރާއީލަށެވެ.