09 Apr 2022, 10:01
ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ގިނައިން ލިބެންހުންނަ މޭވާއެއްކަމަށްވާ އަތައަކީ ކާލަން މީރު އަދި ގިނަގުނަ ސިއްޙީ ފައިދާތަކެއް ލިބޭ މޭވާއެކެވެ.
ވިޓަމިން އޭ އަދި ވިޓަމިން ސީއިން މުއްސަނދި ވެފައިވާ އަތައަކީ މާބަނޑު ދުވަސްވަރު ކާން ރަނގަޅު މޭވާއެކެވެ. ވިޓަމިން އޭ އަދި ވިޓަމިން ސީ އަކީ ބަނޑުގައިވާ ދަރިފުޅުގެ ހެދި ބޮޑުވުމަށް މުހިންމު މާއްދާތަކެވެ. އެގޮތުން ދަރިފުޅުގެ ހަންގަނޑު، ލޯ އަދި އިސްތަށިގަނޑުގެ ހެދިބޮޑުވުމުގައި މި މާއްދާތައް ބޮޑު ރޯލެއް އަދާ ކުރެއެވެ.
އަތައަކީ ކެލްސިއަމް އާއި މެގްނީޒިއަމް އެކުލެވިގެންވާ މޭވާއަކަށްވާއިރު، މި މާއްދާތަކަކީ މާބަނޑު މީހުންގެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ މޭވާއެކެވެ.
މާބަނޑު އަންހެނުންގެ ހަށިގަނޑަށް އެންމެ މުހިންމު މާއްދާއަކީ ފޯލިކް އެސިޑެވެ. ފޯލިކް އެސިޑުގެ ގުދުރަތީ ބާވަތަކީ ފޮލޭޓް ކިޔާ މާއްދާއެކެވެ. ފޮލޭޓް އަކީ ލޭގެ ސެލްތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ އަދި ތުއްތު ދަރިފުޅުގެ ސިކުނޑީގެ ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާއަކަށްވާއިރު އަތައަކީ ވިޓަމިން ބީއާއި ފޯލިކް އެސިޑް ގިނައިން އެކުލެވިގެންވާ މޭވާއެކެވެ.
ގިނަ އަދަދެއްގެ ތަޖުރިބާކާރުން ބުނާގޮތުގައި، އަތައަކީ މާބަނޑު ދުވަސްވަރުގައި ދަރިފުޅު ބައިގެން ދިއުމުގެ ފުުރުސަތު ކުޑަކޮށްދޭ މޭވާއެކެވެ. އެހެންކަމުން، ދުވާލަކު އެއްފަހަރު އަތަ ކެއުމަކީ މުހިންމު ކަމެކެވެ.
މާބަނޑު ދުވަސްވަރު މޭނުބައިކޮށް، ހޮޑުލެވުމަކީ ގިނަ އަންހެނުންނަށް ދިމާވާކަމެކެވެ. އަތައިގައި ހިމެނޭ ވިޓަމިން ބީއަކީ މާބަނޑު ދުވަސްވަރު މޭނުބައިކޮށް، ހޮޑުލެވުން ކުޑަކޮށްދޭނެ މާއްދާއެކެވެ.
އަތައަކީ މާބަނޑު ދުވަސްވަރު ދިމާވާ ސިއްހީ މައްސަލަތައް ދުރުކޮށްދިނުމަށް އެހީތެރިވެދޭ މޭވާއެކެވެ. ހަމައެއާއެކު، އަތައަކީ ބަނޑުގައިވާ ދަރިފުޅަށާއި މައި މީހާއަށް ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެހެންކަމުން މާބަނޑު ދުވަސްވަރު އަތަ ކެއުމަކީ މުހިންމު ކަމެކެވެ.