07 Apr 2022, 13:48
އައްޑޫ ސިޓީގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ ޝަރަފުއްދީން ސުކޫލުގެ މަސައްކަތު މުވައްޒަފެއް ކަމަށްވާ އާމިންދިޔެ (އާމިންދައްތަ) ހައްޔަރުކުރީ ނުހައްގުންކަމަށް ބުނެ އައްޑޫގެ ރައްޔިތުން ސޮއިކުރަމުންދާ ޕެޓިޝަނުގައި އެ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ސޮއިކުރައްވައިފިއެވެ.
މި ހަފްތާ ތެރޭގައި އައްޑޫގެ ރައްޔިތުން ސޮއި ކުރަން ފެށި އެ ޕެޓިޝަނުގެ މަސައްކަތުގައި އިސްކޮށް އުޅޭ މީހަކު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ނިޒާރު ވަނީ ޕެޓިޝަނުގައި ސޮއި ކުރައްވާފައެވެ. އަދި ވީހާވެސް ގިނަ ބަޔަކު އެ ޕެޓިޝަނުގައި ސޮއި ކުރުމަށް މޭޔަރު އެދިވަޑައިގަތް ކަމަށް ވެސް އެ ޕޯސްޓުގައިވެއެވެ.
ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ އޭނާ ޕެޓިޝަނުގައި ސޮއި ކުރެއްވީ އެ މައްސަލައިގައި ވަކި ކޮޅަކަށް ޖެހެން ނޫން ކަމަށެވެ.
"އަޅުގަނޑު ކޮންމެހެން ވަކި ކޮޅަކަށް ބުރަވަނީއެއްނޫން. އެކަމަކު ދެ ފަރާތަށްވެސް އިންސާފުވެރި ދެފުށްފެންނަ ތަހުގީގެއް ކުރިއަށްދާންވާނީ. އަޅުގަނޑު ގަބޫލެއްނުކުރަން އާމިންދައްތަ ބަންދުގައި ބަހައްޓަން ޖެހޭވަރުގެ ހެކިތަކެއް ހުރި ކަމަކަށް،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު އިތުރަށް ވިދާޅުވީ، އާމިންދައްތަގެ އަންހެން ދަރިފުޅު ނިޔާވި ފަހުން ތިން މާމަ ދަރިން ބަލަމުން ދަނީ އާމިންދައްތަ ކަމަށެވެ. އަދި އޭނާ ކުޑަކުއްޖަކަށް ގޯނާ ކޮށްފާނެކަމަށް މީހުން ގަބޫލުނުކުރާނެ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
ހަމައެއާއެކު، މިއީ ރޯދަމަސް ކަމުން، އުމުރުން 59 އަހަރުވެފައިވާ އާމިންދައްތައަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭންޖެހޭނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ މި ނިންމުމާ އެއްބަސްވާ ކޮންމެ ރައްޔިތަކުވެސް މި ޕެޓިޝަންގައި ސޮއިކޮށްދެއްވާ. އާމިންދައްތައަށް އިންސާފު ހޯދުމުގައި ވީވަރަކުން އެހީތެރިވެދެއްވާ،" ނިޒާރު ވިދާޅުވިއެވެ.
ނިޒާރުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޝުޢާޢު އާއި ހިތަދޫ މޫލެކެނޑެ ދާއިރާގެ ކައުންސިލް މެންބަރު އަޙްމަދު ސައީދު ވަނީ މި ޕެޓިޝަންގައި ސޮއިކުރައްވާފައެވެ.
ހަ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އާމިންދައްތަ ހައްޔަރު ކުރީ މިދިޔަ މަހުގެ 24ގައެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ އެކުއްޖާގެ ކާފައެވެ. އެގޮތުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކުއްޖާގެ ބަޔާން ނެގި އިރު، އެ ކުއްޖާ ވަނީ އޭނާއަށް އަނިޔާކުރީ ކާފަ ކަމަށް ބުނެފައި ކަމަށް އެ އާއިލާއިން ބުންޏެވެ.