ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ވިލަރެއާލުން ވަރުގަދަ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.

ވިލަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ކުރީކޮޅު ވިލަރެއާލުން ވަނީ ލަނޑެއް ޖަހައި ބަޔާން ސިއްސުވާލާފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ވިލަރެއާލަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޑެނިއެލް ޕަރެޖޯ ދިން ބޯޅައަކުން އާނަފްޓް ޑަންޖުމާއެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބަޔާންގެ ޖޯޝުއާ ކިމިޗް ފޮނުވާލި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ފުރަަތަމަ ހާފު ނިމުމުގެ ކުރިން ވިލަރެއާލުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ވިލަރެއާލުން ޖެހި ލަނޑު، ވީއޭއާރުން ނިންމީ ބަަލައިނުގަތުމަށެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 48 ވަަނަ މިނެޓުގައި ބަޔާންގެ އަލްފޮންސޯ ޑޭވިސް ހަމަލާއެއް ފޮނުވާލި ނަމަވެސް، ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ ދެ މިނެޓު ފަހުން ސާޖް ގްނަބްރީ ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒެއް ނުވިއެވެ.

މެޗުގެ 52 ވަނަ މިނެޓުގައި ވިލަރެއާލްގެ ޖެރާޑް މޮރެނޯއަށް ލީޑު ފުޅާކުރުމަށް ފުރުސަތެއް ލިބުނެވެ. ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން 62 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ބަޔާންގެ ލިރޯއީ ސާނޭ ފޮނުވާލި ބޯޅަ ވިލަރެއާލްގެ ކީޕަރު ވަނީ ހުއްޓުވާފައެވެ.

ޕަރެޖޯ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ވިލަރެއާލުން ރޭ ބަޔާންގެ މައްޗަށް ކުރި ހޯދި ނަމަވެސް، ދެވަނަ ލެގު އޮތީ ބަޔާންގެ ދަނޑުގައެވެ. އެ މެޗު އޮތީ މި މަހުގެ 13 ވަނަ ދުވަހުއެވެ.