07 Apr 2022, 10:22
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކަރީމް ބެންޒީމާގެ ހެޓްރިކާއެކު، ރެއާލް މެޑްރިޑުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ޗެލްސީ ބަލިކޮށްފިއެވެ.
ޗެލްސީގެ ސްޓެމްފޯޑު ބްރިޖްގައި ކުޅުނު އެ މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ރެއާލްގެ ވިނީޝިއަސް ޖޫނިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ރެއާލުން ލަނޑު ޖަހައި ލީޑު ނަގާފައިވަނި މެޗުގެ 21 ވަަނަ މިނެޓުގައެވެ. ވިނީޝިއަސް ޖޫނިއާގެ އެހީތެރިކަމާއެކީ ރެއާލަށް މި ލަނޑު ޖަހައިދިނީ ކަރީމް ބެންޒީމާއެެވެ.
އޭގެ ތިން މިނެޓު ފަހުުން ލޫކާ މޮޑްރިޗް ދިން ބޯޅައަކުން ބެންޒީމާ ވަނީ އިތުރު ލަނޑެއް ޖަހައި ރެއާލަށް ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 32 ވަނަ މިނެޓުގައި ރެއާލްގެ ޑެނީ ކާވަހާލް ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު އެޑްވާޑް މެންޑީ ވަނީ މަތަކޮށްފައެވެ.
މެޗުގައި ލަނޑެއް ޖެހުމަށް ޗެލްސީން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބޔުވެފައިވަނީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. މެޗުގެ 40 ވަނަ މިނެޓުގައި ޗެލްސީއަށް ލަނޑު ޖަހައިދިނީ ކައި ހަވާޓެޒްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޖޯގިންހޯ ދިން ބޯޅައަކުންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ 2-1ގެ ނަތީޖާއަކުން މެޑްރިޑް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން ކުރީކޮޅު ބެންޒީމާ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދައިފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މެޗުގެ 46 ވަނަ މިނެޓުގައެވެ.
މެޗުގެ 69 ވަނަ މިނެޓުގައި ލިބުނު ބޯޅައަކުން ޗެލްސީގެ ރޮމެލޫ ލުކާކޫ ބޮލުން ފޮނުވާލި ބޯޅަ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. އޭގެ އެއް މިނެޓު ފަހުން މޭސަން މައުންޓް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގެ 79 ވަަނަ މިނެޓުގައި ހަވާޓެޒް ފޮނުވާލި ހަމަލާވެސް ގޯލާ އަމާޒެއް ނުވިއެވެ.
ރޭ ރަށުން ބޭރުގައި މޮޅުވެ ރެއާލުން ވަނީ މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފައެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު ސެންތިއާގޯ ބާނެބައުގައެވެ.