07 Apr 2022, 00:35
ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ތިން މަހަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރުއެވެ.
ހިޔާ ފްލެޓްގެ ކުލި މި ހިނގާ އޭޕްރިލް މަހުން ފަށައިގެން ނަގަން އެޗްޑީސީން ނިންމާފައިވާއިރު ހިޔާ ފްލެޓްގެ މަހު ކުއްޔަކީ މެއިންޓަނެންސް ފީ ހިމަނައިގެން 8،500 ރުފިޔާއެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަމަށްފަހު މާލީ ގޮތުން ރައްޔިތުންނަށް އަރައިނުގަނެވެނީސް ބަރަކާތްތެރި ރަމަޟާން މަސް ފެށުމާއެކު ހިޔާ ފްލެޓުން ކުލި ދައްކަން ޖެހުމުން ގިނަ ބަޔަކަށް މާލީ ގޮތުން ގިނަގުނަ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން ފްލެޓުގެ ކުލި ނުދައްކައިފިނަމަ ޖޫރިމަނާ ކުރަން އެޗްޑީސީން ނިންމުމަކީ އިތުރު ތަކުލީފުތަކެއް ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން އުފުލަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.
"ހިޔާ ފްލެޓްތަކުގެ ކުލި ނެގުން އިތުރު ތިން މަހަށް ފަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން މި މައްސަލަ ހުށަހަޅަން" އޭނާ ހުށަހެޅުއްވި މައްސަލައިގައިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެއްޓެވި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތް ކޮށްފައި ހިޔާ ފްލެޓުތައް މި ސަރުކާރުން ހަވާލުކުރީ ފިނިޝިންގެ މަސައްކަތްތައް ވެސް ނުނިންމައެވެ.
އެހެން ކަމުން ފުލެޓްތައް ލިބުނު ފަރާތްތަކުން އެތަންތަނަށް ބަދަލުވީ އަމިއްލައަށް އެތަނުގެ ފިނިޝިން މަސައްކަތްތައް ކޮށްގެންނެވެ.