07 Apr 2022, 00:51
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތް ޔުނިޓެއް ގާއިމްކުރަން ހަމަޖެހިއްޖެއެވެ.
އިންޑިއާ ސަރުކާރުން ފޯރުކޮށްދޭ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ހަތް ރަށެއްގައި ވަނީ 27 މިލިއަން ރުފިޔާގެ އިތުރު މަޝްރޫޢުތަކެއް ހިންގަން ހަމަޖެހިފައެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ޔުނިޓް ގާއިމްކުރަނީ އޭގެދަށުންނެވެ.
އެ މަޝްރޫޢުތައް އިޢުލާންކުރެއްވީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައެވެ. 132 މިލިއަން އިންޑިއަން ރުޕީސް (27 މިލިއަން ދިވެހި ރުފިޔާ) ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭ މި ހަތް މަޝްރޫޢު ވަނީ ރާއްޖޭގެ ހަތް އަތޮޅަަކަށް ބަހާލާފައެވެ.
އެއީ ހދ، ނ، ކ، އދ، ތ، ގއ، އަދި އައްޑޫ ސިޓީއެވެ. އެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ސިއްޙީ ޚިދުމަތާއި، ޒުވާނުން ކުރިއެރުވުމާއި ތަރިކަ ދިރުވައި އާލާކުރުމުގެ ދާއިރާއިންނެވެ.
އެ މަޝްރޫޢުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޯޑިއޮލޮޖީ ޔުނިޓެއް ގާއިމްކުރަން ވެސް ވަނީ ހަމަޖެހިފައެވެ. އަދި ނ. ލަންދޫ މާބުދުގެ އާއި، ތ. ދިޔަމިގިލި ގަނޑުވަރުގައި ސައިޓް މިއުޒިއަމެއް ގާއިމްކުރުމާއި، ނ. މަނަދޫގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމާއި، ހުޅުމާލެ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް ފެސިލިޓީއެއް ގާއިމްކުރަން ވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން އދ. ދިއްގަރާއި ގއ. ގެމަނަފުށީގައި ޒުވާނުންގެ މަރުކަޒެއް އެ މަޝްރޫޢުގެ ދަށުން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ހަތް މަޝްރޫއާއެކު އިންޑިއަން ހައި އިމްޕެކްޓް ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ)އިން ރާއްޖެގައި 20 މަޝްރޫއު މިހާރު ކުރިއަށްގެންދެއެވެ. އޭގެ ތެރެއިން ދެ މަޝްރޫޢުކަމަށްވާ 'ވިލުނު' ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރާއި އައްޑޫ މީދޫގައި އިކޯ ޓުއަރިޒަމް ޒޯން ވަނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު ދާދިފަހުން ކުރެއްވެވި ދަތުރުފުޅުގައި އިފްތިތާޙްކޮށްދެއްވާފައެވެ.
އެޗްއައިސީޑީޕީން މަޝްރޫޢުތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ މަސްވެރިކަމާއި، އިކޯ ޓުއަރިޒަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ދަނޑުވެރިކަމާއި، ސަޤާފަތާއި ތަރިކައާއި، ސިއްޙީ ދާއިރާއާއި، ރަށްރަށުގެ އިންފްރާސްޓްރަކްޗާ އަދި ތަޢުލީމީ ދާއިރާއެވެ.
ރާއްޖޭގައި ހިންގާ އެޗްއައިސީޑީޕީ މަޝްރޫޢުތަކަށް ޖުމްލަ 155 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.