07 Apr 2022, 00:06
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ހޯދި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިސް ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު ދޫކޮށްލީ ޕީއެންސީގެ ކައުންސިލް މެމްބަރެއްކަމަށްވާ ގއ. ވިލިނގިލީ ލައިޓްހައުސް، ޝަހީބް އިބްރާހީމާއި ހއ. ހޯރަފުށީ ވައިލެޓްވިލާ އަޙްމަދު މޫސާއެވެ. ޝަހީބަކީ އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ފުލުހުން ތުހުމަތުކުރާ މީހާއެވެ.
އެ ދެމީހުން ވެސް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވަނީ ދެ މަސްދުވަހަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޝަހީބުގެ ވަކީލުން ވިދާޅުވީ ނަފްސާނީ ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރު އޭނާއަށް ލަފާދީފައިވާކަމަށެވެ. އަދި މީގެކުރިން ވެސް މައިބަދައިގެ މައްސަލަތަކެއް އޭނާ އަށް ކުރިމަތިވެފައި ވާކަމަށް ވަކީލުން ވިދާޅުވިއެވެ.
މީގެއިތުރުން އަޙްމަދު މޫސާގެ ވަކީލުން ވިދާޅުވީ ފުއްޕާމޭގެ އިތުރު ޓެސްޓުތަކެއް ހަދަން ޑޮކްޓަރުން އޭނާ އަށް ލަފާދިނަސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެކަން ކޮށްފައިނުވާކަމަށެވެ.
މި މައްސަލައިގައި ގާޒީ ވިދާޅުވީ ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް މީގެކުރިން ވެސް ދައުލަތަށް ގިނަ ފުރުސަތުތަކެއް ދީފައިވާނެކަމަށެވެ. އެހެންކަމުން ދައުލަތުން އެކަންކޮށްފައިނުވާތީ ބޭސްފަރުވާއަށް އެ ދެމީހުން ދެ މަސްދުވަހަށް ބަންދުން ދޫކޮށްލަން ނިންމީ ކަމަށް ގާޒީ ވިދާޅުވިއެވެ.
އަޙްމަދު މޫސަ އާއި ޝަހީބުގެ އިތުރުން އެ މައްސަލައިގައި ދެން ދައުލަތުން ދައުވާ އުފުލާފައިވަނީ ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން ބަންގްލަދޭޝައަށް ނިސްބަތްވާ ދެ މީހަކަށެވެ. އެއީ މުޙައްމަދު ރިޔާދު އަދި އިގްބާލްއެވެ.
އެ އެންމެން ހައްޔަރުކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.