07 Apr 2022, 00:23
މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވުމަށް ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 47 ވަނަ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭ ސިޓީ ކައުންސިލުން ވަނީ މީގެ ކުރިންވެސް އަމިއްލަ ބޭންކް އެކައުންޓެއް ހެދުމަށް ފާސްކޮށްފައެވެ.
އެހެންނަމަވެސް ސަރުކާރުގެ ވުޒާރާތަކުން އެފަހަރު ވަނީ އެކަން ހުއްޓުވާފައެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހެދުމަށް ހުއްދަ ދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްއިން ކަމަށެވެ.
ސިޓީ ކައުންސިލްގެ އަމިއްލަ ބޭންކް އެކައުންޓެއް ހުޅުވުމުގެ އިތުރުން އެ ކައުންސިލުގެ މާލީ ހިސާބުތަށް ބެލެހެއްޓުމަށް ޓަކައި ބޭނުންކުރާ އެސްއޭޕީ ސިސްޓަމް ވިއަ މޮޑިއުލަށް ބަދަލުކުރުމަށް ވެސް ވަނީ އެ ޖަލްސާގައި ނިންމާފައެވެ.
ވިއަ މޮޑިއުލަކީ މާލެ ސިޓީ ކައުންސިލް ފިޔަވާ ރާއްޖޭގެ އެހެން ހުރިހާ ކައުންސިލް ތަކަކުން މާލީ ހިސާބުތަށް ބެލެހެއްޓުމަށް ބޭނުންކުރާ މޮޑިއުލެވެ.