06 Apr 2022, 21:39
އެފްއޭއެމް ވެޓަރަންސް ލީގުގައި މިއަދު ހަވީރު ޕޮލިސް ޓީމު ބަލިކޮށް ސޮކާ މޭޓްސް މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.
ޓާފް އެއް ނަންބަރު ދަނޑުގައި ކުޅުނު މި މެޗު ސޮކާ މޭޓްސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ސޮކާ މޭޓްސް އަށް ލަނޑު ޖަހައި ލީޑު ނަަގައިދިނީ މުޚްތާރް ނަސީރު (ޓޫކިލޯ)އެވެ. މީގެ އިތުރުން ވެސް ސޮކާ މޭޓްސް އިން ވަނީ ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކުރުމަށް މަސައްކަތްކޮށްފައެވެ.
ސޮކާ މޭޓްސްގެ ދެ ވަނަ ލަނޑު ޖަހައިދިނީ އަހުމަދު ނަސީމް (އައްމަޑޭ)އެވެ. އޭނާއަކޫ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިއެކެވެ.
ދެ ވަނަ ހާފުގައި ޕޮލިސް އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހާފައެވެ. ޕޮލިސް ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ނަސްރުﷲ އެވެ.
އޭގެ ފަހުން ސޮކާ މޭޓްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިސްމާއިލް އަނީލްއެވެ.
ޕޮލިސް އިން އުފެއްދި އެޓޭކްގައި އެ ޓީމުގެ އަޙުމަދު ޢަބްދުﷲ އާއި ނަސްރުﷲ ފޮނުވާލި ހަމަލާ ސޮކާ މޭޓްސްގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.
މި މުބާރާާތަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްގެ ފަރާތުންނެވެ.
މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.