18 Mar 2012, 20:13
ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަދެވަޑައިގަތަ ނުދެއްވުމަށް ގޮވާލައި އެމްޑީޕީން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކޮށްފި އެވެ.
މިއަދު 4:00 ގައި ލޮނުޒިޔާރަތްކޮޅުން ފެށި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެ އަޑު އުފުލާފައި ވަނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މާދަމާ ބާއްވާ ޖަލްސާއަށް ރައީސް ވަހީދަށް ވަދެވަޑައި ގަތް ނުދެއްވާނެ ކަމަށް ބުނަމުންނެވެ. އަދި މިހާރު މިއޮތް ސަރުކާރަކީ ޣައިރު ގާނޫނީ ސަރުކާރެއްކަމަށް ބުނެ އަވަހަށް ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.
މީގެ އިތުރުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ހޯމް މިނިސްޓަރު މުހައްމަދު ޖަމީލު އަހުމަދާއި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ގެ އިސްތިއުފާއަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާފަ އެވެ.
ކުރީގެ ރައީސް ނަޝީދާއި މަޖިލީސް މެންބަރުން ބައިވެރިވެ ވަޑައިގެންނެވި މުޒާހަރާގައި މަޝްހޫރު ބައެއް ލަވަކިޔުންތެރިން ވެސް ބައިވެރިވެ ވަޑައިގަތެވެ. މާލޭގެ ބޮޑު ދެމަގު، އަމީނީ މަގާއި މަޖީދީ މަގުގައި ކުރި މުޒާހަރާ ހަވީރު 6:00 ގައި ނިންމާލީ ލޮނުޒިޔާތް ކޮޅާއި ހިސާބަށެވެ.
މުޒާހަރާ ނިންމާލުމާއެކު ލޮނުޒިޔާރަތްކޮޅުގައި މުޒާހަރާގެ ބައިވެރިންނާއި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރުގެ ސަރުކާރަކީ ބަޣާވާތްކޮށްގެން ގެނައި ސަރުކާރެއްކަމަށާއި ރައްޔިތުން ބޭނުންވަނީ އިންތިޚާބީ ސަރުކާރެއް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ތަނަވަސް ކަމާއި އެކީ އުޅޭނެގޮތް މެދުވެރިވުން ކަމަށެވެ.