06 Apr 2022, 17:32
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަމިއްލަ ދަނޑުގައި މިރޭ ރެއާލްއާ ދެކޮޅަށް ނިކުންނައިރު، މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި އެ ޓީމު ބަލިކުރެވިފައި އޮތުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ޗެލްސީގެ ކްރިސްޓިއަން ޕުލްސިކް ބުނެފިއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ މިހެން ބުނެފައިވާއިރު، މިިދިޔަ ސީޒަންގައި ޗެލްސީން މުބާރާތުގެ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގައި ރެއާލްގެ މައްޗަށް 3-1 ގެ އެގްރިގޭޓްގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ޗެލްސީން ތަށި ހޯދީ ފައިނަލްގައި މެންޗެސްޓާ ސިޓީ ބަލިކޮށްގެންނެވެ.
"އަހަރެމެން ކޮންފިޑެންސް ނަގަން ޖެހޭ [މިދިޔަ ސީޒަންގައި ރެއާލް ބަލިކުރެވިފައި އޮތީމާ]. މިދިޔަ ސީޒަންގައި ރަނގަޅު ނަތީޖާއެއް ނެރެވުން. ހަމަ އެކަން މި އަހަރު ވެސް ތަކުރާރުވާނެކަމަށް އުންމީދު ކުރަން،" ޕުލްސިކް ބުންޏެވެ.
މީގެ އިތުރުން ޕުލްސިކް ބުނެފައިވަނީ މިއީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްކަމަށް ވުމުން، މިއީ ފަސޭހަ ބުރެއް ނޫން ކަމަށެވެ. އެހެން ވިޔަސް މިދިޔަ ސީޒަންގެ ނަތީޖާއާއެކު ކޮންފިޑެންސް އޮތް ކަމަށް އޭނާ ބުންޏެވެ.
ޕްރިމިއާ ލީގުގެ އެންމެ ފަހުން ކުޅުނު މެޗުން ބަލިވި ނަމަވެސް، މިއީ އެ ބަލިވުން ފޫބައްދަން ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ބޭނުންވަނީ ވީ އެންމެ އަވަހަކަށް ދަނޑަށް ނިކުމެ މެޗުން މޮޅުވާން ކަމަށް ވެސް އޭނާ ބުންޏެވެ.
ޗެލްސީއާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 00:00 ގައެވެ.