އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަކީ މި ވަގުތު ދުނިޔޭގައި އޮތް އެންމެ މޮޅު އެއް ކުލަބް ކަމަށް ރެއާލް މެޑްރިޑްގެ އެއް ނަންބަރު ކީޕަރު ތިބައޫ ކޯޓުއާ ބުނެފިއެވެ.

ކޯޓުއާ މިހެން ބުނެފައިވަނި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ.

ކުއާޓާ ފައިނަލްގައި ރަށުން ބޭރުގައި ރެއާލް މިރޭ ޗެލްސީއާ ދެކޮޅަށް ނިކުންނައިރު، ޗެލްސީއަކި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ކޯޓުއާ ރެއާލް ބަދަލުވީ ޗެލްސީގައި ހުރުމަށް ފަހުއެވެ. ނޫސްވެރިންނާ ވާހަކަ ދައްކަމުން ކޯޓުއާ ބުނެފައިވަނި ޗެލްސީ މިހާރު އޮތީ އުނގަދޫ ހާލަތެއްގައި ކަމަށާއި، ނަމަވެސް ޗެލްސީ ދެކެ ލޯބިވާ އެންމެން ވެސް އެ ހާލަތު ބަދަލުކުރުމަށް މަސައްކަތް ކުރާ މަންޒަރު އެންމެނަށް ވެސް ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން ކޯޓުއާ ވަނީ އޭނާ ޗެލްސީގައި ހޭދަކުރި ދުވަސްތަކުގެ ވާހަކަ ވެސް ދައްކާފައެވެ.

"ޖުމުލަކޮށް ބުނާނަމަ، އަހަރެން ޗެލްސީގައި ހަތް އަހަރު ހޭދަކުރިން. އަހަރެން ކެރިއަރުގައި އެއީ ވަރަށް ބޮޑު ބައެއް،" ކޯޓުއާ ބުންޏެވެ.

މީގެ އިތުރުން ކޯޓުއާ ބުނީ ޗެލްސީން އޭނާއަށް ކުރިއެރުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށެވެ.