06 Apr 2022, 16:57
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކެވިން ޑި ބްރައިނާ ޖެހި ލަނޑާއެކު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ތަފާތު އުފާ ފާޅުކުރުމެއް ފެނިއްޖެއެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމުން ރޭ ވަނީ އެތުލެޓިކޯ ބަލިކޮށްފައެވެ.
އެ މެޗުގައި ސިޓީން ލަނޑު ޖަހާފައިވަނީ ދެ ވަނަ ހާފު ފަށައިގެން މެޗުގެ 70 ވަނަ މިނެޓުގައެވެ. އެ ލަނޑާއެކު ގާޑިއޯލާގެ ފަރާތުން ފެނުނީ ލަނޑެއްގެ އިންތިޒާރުގައި ހުރި ތަނެވެ. ވީ އުފަލާއެކު އޭނާ ވަނީ ފެންފުޅިއެއް އަތަށް ނަގައި ބިމަން ހޫރާލާފައެވެ.
ލަނޑުގެ ކުރިން ވެސް ސިޓީއަށް ލިބެމުން ދިޔަ ފުރުސަތުތަކުގައި ގާޑިއޯލާ ފެނުނީ ވަރަށް ތަފާތު ގޮތަކަށެވެ.
ލަނޑެއް ނުޖެހި ސިޓީއަށް ލިބެމުން ދިޔަ ފުރުސަތުތައް ބޭކާރުވާތީ، މެޗުގެ 68 ވަނަ މިނެޓުގައި ގާޑިއޯލާ ވަނީ ފިލް ފޮޑެން ކުޅެން ނެރެފައެވެ. ކުޅެން އެރިތާ ދެ މިނެޓުގެ ތެރޭގައި ފޯޑެން ވަނީ ސިޓީގެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާ ދިން ބޯޅައާއެކު ލަނޑު ޖެހީ ޑި ބްރައިނާއެވެ.
ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ސިޓީން މި މަހުގެ 14 ވަނަ ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ނިކުންނާނީ ރަށުން ބޭރުގައެވެ.