18 Mar 2012, 20:05
މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭކަމަށް ބުނެ ފުލުހުން ހައްޔަރުކުރި ތިންވަނަ މީހާއާއި އޭނާގެ ބައިވެރިން ގޭބަންދަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބްއިނިސް ޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިރޭ ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުންގެ ތެރޭގައި ހިމެނޭކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މ. ލޮނުމިދިލިގޭ، އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގް (ސަފާ) އާއި އޭނާގެ ބައިވެރިން މިދިޔަ ހުކުރު ދުވަހުގެރޭ ގޭބަންދަށް ބަދަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ކަމަށެވެ.
ސަފާ އާއި އޭނާގެ ބައިވެރިން ފުލުހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރު ޖޫން މަހު ހ. ފަށަން ގެއިންނެވެ.
ސަފާ އާއި އެކު ހ.ފަށަން ގެއިން ފުލުހުން ހައްޔަރު ކުރީ ތ. ތިމަރަފުށީ، ކަރަންކާވިލާ އިސްމާއިލް ޝަހީމާއި ހ. ގަސްވާ، މުހައްމަދު މީޣާދު އާއި ގދ. ފިޔޯރީ، އެވަރެސްޓް އަނަސް އަނީސް އެވެ.
ސަފާ އާއި ސަފާގެ ބައިވެރިން ގޭބަންދަށް ބަދަލުކޮށްފައި ވާއިރު އޭނާ އާއި އޭނާގެ ބައިވެރިންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ.
ސަފާއާއި އޭނާގެ ބައިވެރިންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އާއި، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓިކަމުގެ ކުށުގެ ދައުވާ އެވެ. މީގެއިތުރުން ސަފާގެ މައްޗަށް ވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާވެސް ދައުލަތުން ސަފާގެ މައްޗަށް ކޮށްފައި ވެއެވެ.