06 Apr 2022, 16:13
ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ބަހުގެ އެކެޑަމީން ހުޅުވާލައިފިއެވެ.
ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ އެ މުބާރާތް ފަށާނީ އަންނަ މަހުގެ ނުވައެއްގައެވެ. އެގޮތުން ސާނަވީ ދަރިވަރުންގެ ބައި ފިޔަވާ އެހެން ހުރިހާ ބައެއްގެ ވާހަކަ ދެއްކުން ދެ ހަފުތާއެއްހާ ދުވަހަށް ދިގުދެމިގެންދާނެއެވެ.
އެއަށް ފަހު، ސާނަވީ ދަރިވަރުންގެ ބައި އޮންނާނީ ޖޫން 23އިން 30އަށެވެ. އެ ބައި ޖޫން މަހަށް ފަސްކުރަން ޖެހުނީ މުބާރާތް ފުރަތަމަ ބާއްވާ ދުވަސްތައް އޯލެވެލް އިމްތިޙާނުގެ ދުވަސްވަރާ ދިމާވާތީއެވެ.
އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ސްކޫލްތަކުގެ ބަޔެވެ. އެބައި ބަހާލާފައި ވަނީ ތިން އުމުރުފުރާއަކަށެވެ. އެއީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީއެވެ.
ދެން އޮތީ މަތީ ތަޢުލީމުގެ ބަޔެވެ. އެއީ ޔުނިވާސިޓީއާއި ކޮލެޖާއި އިންސްޓިޓިއުޓްތަކާ އެކެޑަމީތަކަށް ޚާއްޞަ ބަޔެވެ.
ތިން ވަނަ ބަޔަކީ އަމިއްލަފަރާތްތަކުގެ ބަޔެވެ. އެއީ 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރުފުރައިގެ ބަޔެވެ. އަދި އޮފީސްތަކާއި ކުންފުނިތަކާއި ކުލަބުތަކާއި ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކަށް ވެސް ވަކި ބަޔެއް ވަނީ ކަނޑައަޅާފައެވެ.
އެ މުބާރާތުގައި މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު، ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެވެ. އަދި ބައިތަކުގައި ބައިވެރިވާ ފަރާތްތަަކުން ވާހަކަ ދައްކަންވީ މައުޟޫއުތައް ކަނޑައަޅާނެ ދާއިރާތައް މިހާރު ގެޒެޓުކޮށް، އެކެޑަމީގެ ވެބްސައިޓުގައި ވެސް ވަނީ އާންމުކޮށްފައެވެ.
އެ މުބާރާތުގައި ބައިވެރިވުމަށް ޓަކައި ގޫގުލް ފޯމެއް ފުރުމަށް ފަހު މިމަހުގެ 17އިގެ 13:00ގެ ކުރިން ހުށަހަޅަންވާނެއެވެ. އެ ފޯމްތައް އެކެޑަމީގެވެބްސައިޓުންލިބެން ހުންނާނެއެވެ.
އެ މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ވެސް އެކެޑަމީންނާއި އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު، އެކެޑަމީގެ ނަންބަރު 7986230އަށް ގުޅުމުން ވެސް ލިބޭނެއެވެ.