06 Apr 2022, 13:32
ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބެންފީކާ ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ސެމީ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.
ބެންފީކާގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ކުރީކޮޅު ލިވަޕޫލްގެ މުޙައްމަދު ޞަލާޙަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.
ލިވަޕޫލުން މެޗުގައި ލަނޑުޖަހައި ލީޑު ނަގާފައިވަނީ 16 ވަނަ މިނެޓުގައެވެ. އެންޑްރިއު ރޮބާޓްސަން ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރަހިމާ ކޮނޭޓްއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލީޑު ފުޅާކޮށްފައެވެ. ލުއިޒް ޑިއާޒްގެ އެހީތެރިކަމާއެކު މި ލަނޑު ޖަހާފައިވަނީ ސަޑިއޯ މާނޭއެވެ.
ލީޑުގައި އޮވެ ލިވަޕޫލުން ކުޅެމުން ދަނިކޮށް، ބެންފީކާއިން ވަނީ 49 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޑާވިން ނުނެޒްއެވެ.
ބެންފީކާއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދިޔައިރު، ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖެހުމަށް މަސައްކަތްކޮށްފައެވެ.
ލިވަޕޫލްގެ ތިން ވަނަ ލަނޑު 87 ވަނަ މިނެޓުގައިި ކާމިޔާބުކޮށްދީފައިވަނީ ލުއިޒްއެވެ. އޭނާ މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ނަބީ ކެއިޓާއެވެ.
މި ދެޓީމު ބައްދަލުކުރާ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑްގައެވެ.