06 Apr 2022, 14:26
ސްރީލަންކާގައި އިޢުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ރޭ އުވާލައިފިއެވެ.
ލަންކާގައި މިދިޔަ ހުކުރު ދުވަހުގެ ރޭ އިޢުލާން ކުރި ކުއްލި ހާލަތު އުވާލީ ރައީސް ގޯޓާބަޔަ ރާޖަޕަކްސް ރޭ ނެރުއްވި އަމުރަކުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައިވަނީ ލަންކާގައި ކުރިއަށްގެންދާ މުޒާހަރާތަކުގައި ރައީސްގެ އިސްތިއުފާއަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ރާޖަޕަކްސަ ކުއްލި ހާލަތު އިޢްލާނު ކުރެއްވީ، މިދިޔަ ބުރާސްފަތި ދުވަހު ރައީސްގެ ގެކޮޅު ކައިރީގައި އާންމުންގެ ބަޔަކު މުޒާހަރާ ކުރުމާ ގުޅިގެންނެވެ.
އެ މުޒާހަރާތައް ފެށުނީ ކައްކާ ގޭހާއި ޕެޓްރޯލާއި ކަރަންޓު ފަދަ އަސާސީ ތަކެއްޗާއި ޚިދުމަތްތައް ލިބުން ދަތިވުމުންނެވެ.
އެ މުޒާހަރާތަކާ ގުޅިގެން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ ލަންކާގެ ހުރިހާ ވަޒީރުން އިސްތިއުފާ ދިނުމާއި ގުޅިގެން ރާޖަޕަކްސް ވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް، ރޭ ސަރުކާރު ހިންގާ ކޯލިޝަންގެ ގިނަ އަދަދެއްގެ މެމްބަރުން ވެސް ވަނީ ކޯލިޝަންގެ އެންގުންތަކާ އެއްގޮތަށް ދެން ވޯޓު ނުދޭނެ ކަމަށް ވިދާޅުވެފައެވެ.
ސްރީލަންކާގައި ދަރަނިތައް ބޮޑުވެ، އިމްޕޯޓް ކުރާ މުދަލަށް ފައިސާ ދެއްކުމަށް ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.