18 Mar 2012, 18:53
ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި ސުލްހަވެރި ޑިމޮކްރެޓިކް މާހައުލެއް މަޖިލީހުގައި ގާއިމްކުރެވި ދޫދިނުމުގެ ވިސްނުން ގެންގުޅެންޖެހޭނެ ކަމަށް އިންޓާޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) އިން މިއަދު ބުނެފި އެވެ.
އައިޕީޔޫއިން މިއަދު ނަލަހިޔާ ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމާއަތުގެ ޑައިރެކްޓަރު އޮފް ޕްރޮގްރާމް މާޓިން ޗުންގޮން ވިދާޅުވީ މަޖިލީހަކީ އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވޭ ތަނެއްގެ ގޮތުގައި ހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލިސް ހުއްޓުވުމުގެ ހައްގު އެއްވެސް މެންބަރަކަށް ލިބިގެންނުވާ ކަމަށާއި މަޖިލީހުގެ ކޮންމެ މެންބަރަކީ ވެސް "ހަޖަމް"ކުރަން ދަންނަ މެންބަރަކަށް ވާންޖެހޭނެ ކަމަށް މާޓިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލިސް ހުއްޓުވާ މެންބަރުން ތަޅުމުން ނެރެންޖެހޭނެ ކަމަށް ނިންމާނީ މަޖިލީހުގެ ރައީސް ކަމަށާއި އެކަމުގައި ގޮތެއް ނިންމަންޖެހޭނީ އައިޕީޔޫން ނޫން ކަމަށެވެ.
މާޓިން ވިދާޅުވީ މެންބަރުން މަޖިލީހަށް ނެރެ، މަޖިލިސް ކުރިއަށް ގެންދިއުމަށްވުރެ ރަނގަޅުވާނީ ޑިމޮކްރަޓިކް މާހައުލެއްގައި މަޖިލީހުގައި ބަހުސްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި އެފަދަ މާހައުލަކަށް ދެވޭވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެއްބަސްވުމަކަށް އައިސްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މިއެދެނީ މަޖިލިސް ކުރިއަށް ގެންދަން ވާނީ ހުރިހާ މެންބަރުން ވެސް ބައިވެރިވާ ގޮތަކަށް. އެފަދަ މާހައުލަކަށް ފުރުސަތު ދޭންޖެހޭނެ. އެއްވެސް މީހަކަށް މަޖިލީހަށް ހުރަސްއެޅުމުގެ ހައްގު އޮތް ކަމަކަށް ގަބޫލެއް ނުކުރަން. އެކަމަކު މެންބަރުން މަޖިލީހުން ނެރުމާމެދު ގޮތް ނިންމާނީ އަޅުގަނޑުމެންނެއް ނޫން،" ގާނޫނު ހަދާ މަޖިލިސްތަކުގެ ޖަމްއިއްޔާ އައިޕީޔޫގެ ޕްރޮގްރާމް ޑައިރެކްޓަރު މާޓިން ވިދާޅުވި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު މަޖިލިސް ހުޅުވުމަށް ބާއްވަން އުޅުނު ޖަލްސާއަށް އައިޕީޔޫގެ ވަފްދުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، މަޖިލީހުގެ ގެލެރީތަކުގައި ތިބެގެން މަޖިލީހުގެ ތަޅުމުގައި ހިނގައިދިޔަ ކަންތައް ބަލާފަ އެވެ. އަދި މާދަމާ ބާއްވާ ޖަލްސާ ދިމާކޮށްވެސް ވެސް އައިޕީޔޫގެ ވަފްދުން ވަނީ ރާއްޖެ އައިސްފަ އެވެ.