މިއަހަރު ކުރިއަށް ގެނދިޔުމަށް ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް ބޭނުންވާ 800އަށް ވުރެ ގިނަ ޓެބްލެޓުތައް ގަނެދޭނެ ބަޔަކު ހޯދުމަށް އަނެއްކާވެސް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްގެ ބޭނުމަކަށް މިއަހަރު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ބޯހިމެނުމުގެ މަސައްކަތަށް 812 ޓެބްލެޓު ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެ ޓެބްލެޓުތައް ހޯދުމަށް މީގެ ކުރިން ވެސް އިޢުލާން ކުރި ނަމަވެސް އެ ފަހަރު ހުށަހަޅާފައިވާ ބީލަންތައް މިހާރު ބާތިލްކޮށް، އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީގެ އިޢުލާނުގައިވެއެވެ. ނަމަވެސް ކުރީގެ ބީލަންތައް ބާތިލުކުރި ސަބަބެއް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިންކަމަށް އިޢުލާނުގައިވެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރީފަންޑެބަލް ފީއެއްގެ އިތުރުން ބިޑް ސެކިއުރިޓީގެ ގޮތުގައި 33،000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިރުތުން އެ މަސައްކަތާ ބެހޭ ލިޔެކިޔުންތަކުގެ ސޮފްޓްކޮޕީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން، މާދަމާއިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ބީލަމާ ގުޅިގެން އިތުރު ސުވާލެއް އޮތްނަމަ އަންނަ އަންގާރަ ދުވަހުގެ 13:30ގެ ކުރިން މިނިސްޓްރީއަށް މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އެ މަސައްކަތަށް ކުރިމަތިލާ މީހުންގެ ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު، 10:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައެވެ.

މިއަހަރުގެ ބޯހިމެނުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެމްބަރުން 30 ސެޕްޓެމްބަރުގެ ނިޔަލަށެވެ.