މުޅި ދުނިޔެއިންވެސް މަދުން ނޫނީ ނުފެންނަ ބައްޔެއް ތަހައްމަލު ކުރަން ޖެހުނު ޔޫނުސް ލަޔަކް ފަރަހް އުމުރުން އެއް އަހަރުގައި ނިޔާވެއްޖެއެވެ.

ލަޔަކް ނިޔާވިކަން ހާމަކޮށްފައިވަ ވަނީ، ލަޔަކްގެ މަންމަ ހައްވާ އުލާ އިބްރާހީމް މިއަދު ހެނދުނު ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

މިދިޔަ މަހުގެ ތެރޭގައި ނިއުމޯނިއާ ޖެހި، ލަޔަކްގެ ހާލު ދެރަވާން ފެށިއެވެ. އެހެންކަމުން އާއިލާއިން ވަނީ ލަޔަކް ގޮވައިގެން ބެންގަލޫރަށް ގޮސްފައެވެ. ބެންގަލޫރުގައި ހެދި ޓެސްޓަކުން، ލަޔަކް އަށް ލޭގެ އިންފެކްޝަން ޖެހިފައިވާކަން އެނގުނެވެ. އަދި މީގެ ދެތިން ދުވަސް ކުރިން ލަޔަކްއަށް އައިސީޔޫގައި ފަރުވާ ދީފައިވެއެވެ.

ލަޔަކްއަށް ޖެހިފައި ވަނީ ހާލެކްއަން އިކްތިއޯސިސް ކިޔާ ބައްޔެކެވެ. އޭގެ ސަބަބުން ހަންގަނޑު ބޯވެ، ކުރަކިވެއެވެ.

ލަޔަކްއާ ބެހޭގޮތުން ލަޔަކްގެ މަންމަ އުލާ މިދިޔަ މަހު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ، ލަޔަކްގެ ބައްޔަކީ އެއްކޮށް ރަނގަޅު ކުރެވޭނެ ބައްޔެއްކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ. ނަމަވެސް ލަޔަކް ދުނިޔޭގައި އޮތްހާ ހިނދަކު ތުއްތު ކުއްޖާ ތަހައްމަލު ކުރަމުންދާ ވޭން ކުޑަ ކުރުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަން ޖެހޭނެކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ފުރާނެ ކަމަށެވެ.