ކެވިން ޑި ބްރައިނާ ޖަހައިދިން ހަމައެކަނި ލަނޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑްގެ ކައިރިން ސިޓީއަށް ހަނި މޮޅެއް ލިބިއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސިޓީ މޮޅުވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގައި ވެސް ސިޓީން ދިޔައީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. ނަމަވެސް އެތުލެޓިކޯއިން ބޮޑަށް ކުޅެފައިވަނީ ޑިފެންސިވް ގޭމަކަށެވެ.

މެޗުން 11 ވަނަ މިނެޓުގައި ސިޓީގެ އައިމެރިކް ލަޕޯޓޭ ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. އޭގެ ފަހުން އިލްކޭ ގުންޑޮގަން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ އަމާޒު ނުވެ މާ މަތިންނެވެ. މެޗުގެ 46 ވަނަ މިނެޓުގައި އަނެއްކާވެސް ގުންޑޮގަން ހަމަލާއެއް ފޮނުވާލި ނަމަވެސް، އެފަހަރު ވެސް ބޯޅަ ގޯލާ އަމާޒުވާ ގޮތް ނުވިއެވެ.

ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެ ވަނަ ހާފު ފަށައިގެން މެޗުގެ 54 ވަނަ މިނެޓުގައި ޑިބްރައިނާ ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފައެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ލަޕޯޓޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެެވެ.

އޭގެ ފަސް މިނެޓު ފަހުން ސިޓީއަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ޑިބްރައިނާއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިއާ ތެރެއިން ފިލް ފޮޑެން ދިން ބޯޅައެއް ތިރި ތިރިން ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެ ވަނަ ލެގު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެތުލެޓިކޯގެ ދަނޑުގައެވެ.