ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ މާދަމާ ހުޅުވާއިރު ކުރިއެކޭ އެއްގޮތަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހަމަދު ވަހީދު ހަސަން މަނިކު މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ފުރުސަތު ނުދިނުމަށް މިއަދު އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުން ފާސްކޮށްފި އެވެ.

މި މަހުގެ އެއްވަނަ ދުވަހު މަޖިލިސް ހުޅުވަން ބޭއްވި ޖަލްސާގައި ވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމި ގޮތަށް އެ ޕާޓީންވަނީ ރައީސް ވަހީދަށް ރިޔާސީ ބަޔާން އިއްވަން ފުރުސަތު ނުދެއްވައިފަ އެވެ.

ސަން އަށް މައުލުމާތު ދެއްވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ ޕާލިމެންޓް ގުރޫޕުން ނިންމާފައިވަނީ ކުރިން ވެސް މިމަހުގެ އެއްވަނަ ދުވަހު މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ކަންކުރި ގޮތަށް ކަންކަން ކުރުމަށް ކަމަށާއި ރައީސް ޑރ. ވަހީދަށް ރިޔާސީ ބަޔާން އިއްވުމަށް ފުރުސަތުނު ދިނުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް މެންބަރުން ކުރާނެ ކަމަށެވެ.

"އަޅުގަޑުމެން ފާސްކޮށްފައިއެވަނީ މަޖިލިސް ތެރެއަށް ޑރ ވަހީދު ނުވެއްދުމަށް. މަޖިލިހަށް ވަންނަތަނުން ފެށިގެން ވަހީދަށް ހުރަސްއަޅާނަން. އަދި ޗެމްބަރުތެރެއަށް ވަހީދު ވަދެވަޑައިގެންނަވަން މަސައްކަތް ކުރައްވާނަމަ ޖަލްސާ ކުރިއަށް ގެންދާ ކަށްވެސް އަޅުގަނޑުމެން ފުރުސަތުދޭ ކަށް ގަސްތެއް ނުކުރަން،" އެމްޑީޕީގެ ޕާލިމެންޓްރީގްރޫޕްގެ މެންބަރު ވިދާޅުވިއެވެ.
އެ މެންބަރު ވިދާޅުވީ މަޖިލިސްގެ ރައީސަށް މާދަމާ ޖަލްސާ ފަށަން ފުރުސަތު ދިނުމަށް ވެސް އެމްޑީޕީގެ ޕާލިމެންޓް ގުރޫޕްގެ ވަރަށް ގިނަ މެންބަރުން މިއަދުގެ ބައްދަލުވުމުގައިވެސް ދެކޮޅު ހެދިކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދުއަށް ފުރުސަތު ނުދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވި 26 މެންބަރުންގެ އަގްލަބިއްޔަތުން ފާސްކުރެއްވި ކަމަށެވެ.

"ބައްދަލުވުން ދިޔައީ ވަރަށް ބަރާބަރަށް. އެއްވެސް ވަރަކަށް މިކަމުގައި މާބޮޑު ހިޔާލު ތަފާތުވުންތަކެއް ނެތް. ހުރިހާ މެންބަރުން ވެސް ބޭނުންވަނީ ވަހީދު ރިޔާސީ ބަޔާން ހުށައަޅަން ފުރުސަތު ދިނުމަށް އިއުލާން ކުރުމަށް އެފުރުސަތު މަޖިލިހުގެރައީސް އަބުދުﷲ ޝާހިދަށް ވެސް ނުދޭން،" މެންބަރު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީގެ ނައިބުރައީސް އަލްހާނު ފަހުމީ ރައީސް ވަހީދާ ބައްދަލު ކުރެއްވުމަށް ފަހު ވިދާޅުވީ އަވަސް އިންތިހާބަކަށް ދިއުމަށް އޮތް މަގަކީ މަޖިލިސް ހުޅުވިގެން ކަމަށާއި މިދަނޑިވަޅުގައި މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ގައުމަށް މަސްލަހަތު ހުރިގޮތް ނޫން ކަމަށެވެ.

އަލްހާން ވިދާޅުވީ ރައީސް ވަހީދު ހުންނެވީ "އިންތިހާބެއް ނުބާއްވަން ގަދަފައި ވިއްދައިގެން ނޫން" ކަމަށާއި މަޖިލިސް މިހާރު ހުއްޓުވާފައި ބޭއްވުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާ ނިމިގެން ގޮސްފައިވަނީ އެމްޑީޕީގެ މެންބަރުން މަޖިލިހުގެ ޖަލްސާ ބޭއްވުމަށް ހުރަސްއެޅުމުގެ ސަބަބުން މަޖިލިހުގެ ޖަލްސާއެއް ނުބޭއްވި ރައީސް ޑރ ވަހީދު ނުވަގަޑިއިރަށްވުރެ ގިނައިރު އެދުވަހު މަޖިލިހުގައި މަޑުކުރެއްވުމަށް ފަހުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ މަހު އައްޑުއަތޮޅުގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ވިދާޅުވެފައިވަނީ ޑރ ވަހީދަށް މަޖިލިހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވަން އެމްޑީޕީން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފުރުސަތު ދެއްވައިފިނަމަ މަޖިލިސް ތަޢައްޔަރުވާނެ ކަމަށެވެ.