06 Apr 2022, 01:42
މާތް ނަބިއްޔާ މުހައްމަދު ޞައްލައްﷲޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން ބުނެވޭ ގޮތުގައި މައްކާގައި އުޅުނު މުޝްރިކުންތަކެއް އިސްލާމް ވިއެވެ.
އިސްލާމް ވުމަށް ފަހު އަނެއްކާ ކާފިރުވިއެވެ. ގިނަގުނަ ފާފަތަކަކަށް އަރައިގަތެވެ. އަދި އެ މީހުން އަނެއްކާ އެނބުރި އިސްލާމް ދީނަށް ރުޖޫޢަވާން ބޭނުންވިއެވެ. އެހިނދު އެމީހުނަށް ބުނެވުނީ ތިޔަބައި މީހުން ކޮށްފައި ތިވާ ފާފަތަކުގެ ސަބަބުން ތިޔަބައި މީހުންގެ ފާފަތައް ފޮހެވިގެން ދާނީ ކިހިނަކުން ހެއްޔޭއެވެ. ތިޔަބައި މީހުން އަރައިގަނެފައި ތި ވަނީ ބޮޑެތި ފާފަތަކަށެވެ.
އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ބަޔަކު މީހުން ޤަތުލުކޮށް، ޒިނޭކޮށް، ބޮޑެތި ފާފަތަކަށް އަރައިގަތެވެ. އެއަށްފަހު އިސްލާމްވުމަށް އެ މީހުން އެދުނެވެ. އެދުމަށްފަހު އެމީހުން ބުނިކަމަށް ވަނީ ތިމަންމެނަށް ދެން ތިމަންމެން ކޮށްފައި މިވާ ކަންކަމާމެދު ތިމަންމެންގެ ފާފަ ފޮހެވޭނެތޯއެވެ.
ޒުމަރު ސޫރަތުގެ 53ވަނަ އާޔަތް ބާއްވާލެއްވުނީ މިކަމާ ގުޅިގެންނެވެ. ﷲޞުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަން ﷲގެ އަޅުތަކުން، ނުބައިކަންކަމުން އެމީހުންގެ ނަފްސުތަކުން އިސްރާފުކޮށްފައިވާ މީހުނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲގެ ރަހުމަތާމެދު ތިޔަބައި މީހުން އުންމީދު ކަނޑާ ނުލާށެވެ. ހަމަ ޔަގީނުން ވެސް ﷲ ޞުބްހާނަހޫ ވަތަޢާލާ ހުރިހާ ފާފައެއް ފުއްސަވާދެއްވައެވެ. ހަމަ ޔަގީނުން ވެސް ﷲޞުބުޙާނަހޫ ވަތަޢާލާ އެއީ އޯގާވަންތަ، ފުއްސަވައިދެއްވާ އިލާހެވެ.
އަޅުގަނޑުމެންގެ ތެރެއިން އެކި މީހުނަށް ކުރެވިފައި ހުންނާނީ އެކި ފާފަތަކެވެ. ތަފާތު ކުށްތައް، ބޮޑެތި ކުށްތައް، ކުދި ކުށްތައް، ރޭގަނޑާއި ދުވާލު އެނގުމާ ނޭނގި ކުރެވޭ ކުށްތަކެވެ. މި އެއްމެހާ ކުށްތަކަށް، މި އެންމެހާ ފާފަތަކަށް ﷲޞުބުޙާނަހޫ ވަތަވަތަޢާލާ ވަޢުދުވެ ވޮޑިގެންވަނީ ތިމަން ﷲ ފުއްސަވާދެއްވާނަމޭ، ތިޔަބައި މީހުން އުންމީދުކަނޑާ ނުލާށެވެ.
ލޮބުވެތި އަޚުން! ﷲގެ ރަޙުމަތާމެދު އަޅުގަނޑުމެން އުންމީދު ކަނޑާލައިގެނެއް ނުވާނެއެވެ. މިއީ އަޅުގަނޑުމެން ﷲއަށް ދުޢާ ދަންނަވަންވީ ވަގުތެވެ. ﷲއަށް އެނބުރި ރުޖޫޢަ ވާންވީ ވަގުތެވެ. ތަޢުބާ ވާންވީ ވަގުތެވެ. އެންމެ ރަނގަޅު ހެޔޮ ތަޢުބާއެއް ވެވިއްޖެނަމަ އަޅުގަނޑުމެންގެ ފާފަތައް ފޮހެވި އަޅުގަނޑުމެންގެ ޢަމަލުތައް ﷲޞުބުޙާނަހޫ ވަތަޢާލާ ގަބޫލުކުރަށްވާނެއެވެ. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން މި މޫސުމުގެ ފައިދާ ރަނގަޅަށް ލިބިގަނެ އަޅުގަނޑުމެނަކީ ﷲއަށް ގިނަގިނައިން ތައުބާވާ ބަޔަކަށްވުމެވެ.