ތައުބާ ވުމަކީ ތިމާ ކުރަމުންދާ ފާފަ ދޫކޮށް ﷲ ގެ މަގަށް ރުޖޫއަވުމެވެ. ކުރެވިފައިވާ ފާފައާމެދު ހިތާމަކޮށް އަލުން އެފަދަކަމެއް ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ. ހުއްދަނޫން ގޮތެއްގައި މީހެއްގެ ހައްގެއް ބޭނުންކޮށްފައިވާނަމަ އެ ހައްގެއް އަދާކުރުން ނުވަތަ އޭނާގެ ކިބައިން މާފު ހޯދުމެވެ. ﷲ އަށް އީމާންވެގެންވާ މީހުން، އިޚުލާޞްތެރިކަމާއެކު އެކަލާނގެއަށް ތައުބާވުމަށް އަމުރުކުރައްވާފައި ވެއެވެ.(ތަޙްރީމު: 8)

ފާފަ ކުރެވޭ މީހުންނަށް އެކަމުން ސަލާމަތް ވުމުގެ ފުރުސަތު ﷲ ދެއްވަވާފައި ވެއެވެ. މީހަކަށް ފާފައެއް ކުރެވުމުން އޭނާ އެކަމުގެ މައްޗަށް ހިތާމަކޮށް ތައުބާވޭތޯ، މަލާއިކަތާ އެ ފާފަ ނުލިޔުއްވަވާ ހަގަޑިއިރު މަޑުކުރައްވާނެއެވެ. އަދި އެ މުއްދަތުގައި(ވެސް) އޭނާ ތައުބާ ނުވެއްޖެނަމަ އެންމެ ފާފައެއްގެ ގޮތުގައި އެކަމެއް ލިޔުއްވާނެތެވެ.(ޠަބަރާނީ އާއި ބައިހަޤީ) މިއީ ފާފަ ލިޔުއްވުމުގެ ކުރިން ތައުބާވުމަށް އޮންނަ ފުރުސަތެކެވެ. ހަމަ މިއާއެކު ފާފަ ލިޔުއްވުމަށްފަހުގައިވެސް، މީހާގެ ފުރާނަ ހަށިގަނޑާ ވަކިވާ ވަގުތުގެ ކުރިން ތައުބާވުމުގެ ފުރުސަތު އޮންނާނެއެވެ.(ތިރުމިޒީ: 3847) އަދި ހުޅަނގު ފަރާތުން އިރު އެރުމުގެ ކުރިން، ތައުބާވުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ދެއްވަވާފައި ވެއެވެ.(މުސްލިމް: 2703) ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި، ތައުބާ ނުވެވޭނެ އެއްވެސް ފާފައެއް ނެތެވެ. ހަމައެހެންމެ ފުރިހަމަ ގޮތުގައި މީހަކު ތައުބާ ވެއްޖެނަމަ ﷲ އެ ތައުބާ ގަބޫލުކުރައްވާނެއެވެ.

ކިތަންމެ ކުޑަ ކަމެއްނަމަވެސް ފާފަޔާމެދު ބިރުވެތިވާން ޖެހޭނެއެވެ. މާބޮޑުކަމެއްނޫންކަމުގައި ދެކި ކުރެވޭ ކުދިކުދި ފާފަތައް ގިނަވެގެންގޮސް، މީހާ ހަލާކުކޮށްލާ ދަރަޖައަށް ހިނގައިދާނެކަމަށް ހަދީސްގައި އައިސްފައިވެއެވެ.(އަޙްމަދު: 402) ފާފައާމެދު މީހުން ދެކޭގޮތް ބަޔާންކުރައްވައި، ﷲ ރުއްސުން ލެއްވި އިބުނު މަސްޢޫދު ވިދާޅުވެފައި ވެއެވެ. ފަރުބަދައެއްގެ ތިރީގައި އިންނައިރު، އެފަރުބަދަ އޭނާގެ ބޯމައްޗަށް ވެއްޓިދާނެކަމާމެދު ބިރުގަންނަ ފަދައިން، މުއުމިނު އަޅާ ފާފަޔާމެދު ބިރުވެތިވާނެތެވެ. އެހެނެއްކަމަކު ފާފަ ކުރުމަށް އާދަވެފައިވާމީހާ ފާފަޔާމެދު ދެކޭނީ، އޭނާގެ ނޭފަތު ކުރީގައި މެއްސެއް ޖެއްސުމުން ފޮޅައިލީމައި، އޭތި އުދުހިގެން ހިނގައިދާހައި ލުއި ކަމެއްގެ ގޮތުގައެވެ.(ބުޚާރީ: 6308)

ތައުބާވުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ: ތިމާ ކުރަމުންދާ ފާފަ ވަގުތުން ހުއްޓައިލުމެވެ. މިކަން ކުރަންޖެހޭނީ ހަމައެކަނި ﷲ އަށްޓަކައެވެ. ފާފަ ކުރާ މީހުންނަށް އަޒާބު ހުރިކަން ހަނދާންކޮށް، ﷲ އަށް ބިރުވެތިވާ ހާލުގައެވެ. މިނޫން ނިޔަތެއްގައި، ފާފައާ ދުރަށް ދިޔަސް އެއީ ތައުބާވުމަށްޓަކައި ކުރެވޭ ކަމަކަށް ނުވާނެއެވެ. ތައުބާ ވުމުގެ ނިޔަތެއް ނެތިވެސް މީހަކު ފާފަކުރުން ހުއްޓައިލައިގެން ހުރެދާނެއެވެ. ބައެއް މިސާލު ތިރީގައި އެވަނީއެވެ.

- ފާފަ ކުރުން ހުއްޓައިލީ ނުވަތަ ނުކޮށް އެހުރީ އަދި އެކަން ކުރެވެން ނެތިގެން ކަމަށް ވުން ނުވަތަ އެކަން ކޮށްފިނަމަ މީހުން ދެކޭނެ ގޮތަކާމެދު ކަންބޮޑުވާތީ ކަމަށްވުން.

- ފާފައެއް (މިސާލަކަށް ޒިނޭ) ކުރުމާ ދުރުހެލިވީ އެކަމުގެ ސަބަބުން ތިމާ އަށް ބަލިމަޑުކަމެއް ކުރިމަތިވެދާނެތީކަމަށްވުން.

- ޤާނޫނު ތަންފީޒު ކުރާ ފަރާތަކުން ޖާސޫސެއްގެ ގޮތުގައި އައިސް ރިޝްވަތު ދީ ތިމާ އަތުލައިގެންފާނެކަމުގެ ބިރަށްޓަކައި ރިޝްވަތު ހިފުން ހުއްޓައިލުން.

- ލިބޭނެ ގޮތެއް ނެތިގެން ނުވަތަ ގަންނާނެ ފައިސާ ނެތީމައި، ބަނގުރާ ނުވަތަ މަސްތުވާ ތަކެތި ބޭނުންކުރުން ހުއްޓައިލައިގެން ހުރުން.

- އަދި ތިމާގެ ބާރަކާނުލައި ލިބުނު ގެއްލުމެއްގެ ސަބަބުން، ފާފަ ކުރެވެން ނެތިގެން ފާފަ ނުކޮށް ހުރުން. މިސާލަކަށް: ވައްކަން ކޮށް އުޅުނު މީހަކު، ހަށިގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެކަން ކުރަން ނުކުޅެދޭތީ އެކަމާ ދުރުވެގެން ހުރުން.

ފާފަ ކުރާމީހާ، ބުނެވި ދިޔަފަދަ ހާލަތްތަކުގައި ފާފަޔާ ދުރުވެގެން ހުރުން އެއީ ތައުބާވުމަށްޓަކައި އޭނާ އެޅި ފިޔަވަޅެއްކަމުގައެއްނުވާނެއެވެ. އެއީ އޭނާ ފާފަ ކުރުން ހުއްޓައިލުމަށް މެދުވެރިވި ސަބަބު ފިލައި ގޮސްފިނަމަ، އަލުން އޭނާ ފާފައަށް އެނބުރި ދިއުމުގެ އަޒުމު އޮތީމައެވެ.

ތައުބާ ވުމުގައި ހިމެނޭ ދެވަނަ ކަމަކީ: ތިމާ ކުރި ފާފައާމެދު ލަދުވެތިވެ ދެރަވެ ހިތާމަ ކުރުމެވެ. ފާފައެއް ކުރެވިއްޖެ ކަމަށާއި ތިމާއަކީ ﷲ ގެ ހަޒުރަތުގައި ކުށްވެރިއެއްކަމަށް އިޢުތިރާފު ވުމެވެ. ފާފައާމެދު ދެރަވެ ހިތާމަ ކުރުމަކީ ތައުބާވުމުގެތެރެއިން ހިމެނޭ ކަމެއްކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައި ވެއެވެ.(އިބުނު މާޖާ: 4252، އަޙްމަދު: 3568) ވީމާ، ފާފަ ކުރުން ހުއްޓައިލިޔަސް ކުރިން ކޮށްފައިވާ ފާފައެއް ހިތަށް އަރުވައިގެން އެކަމުން އުފާވެރި ޝުޢޫރުތައް އިހުސާސް ކުރުމަކީ މިބުނި ޝަރުތާ ޚިލާފު ކަމެކެވެ. މިސާލަކަށް، ބަދު އަޚުލާގީ އަމަލުތައް ކުރުމުގައި ދުވަސްތައް ހޭދަކުރި މީހަކު އެކަން ހުއްޓައިލައި ތައުބާ ވިއެވެ. އެހެންނަމަވެސް ދޭތެރެއަކުން، އޭނާ ކުރިން ކުރަމުން ދިޔަ ކަންތައްތައް ހަނދާނަށް ގެނެސް އެކަމުން ހިތްހަމަޖެހޭފަދަ އިހުސާސްތައް އާކުރެއެވެ. އަދި އެފަދަ ފުރުސަތެއް ލިބިއްޖެނަމަ އަލުން އެކަން ކޮށްލާނަމޭވެސް ހިތަށް އަރުވައެވެ. އެހެން ގޮތަކަށް ބުނާނަމަ ޚިޔާލީ ދުނިޔެއެއްގައި އޭނާގެ ކުރީގެ ނުބައި އަމަލުތަކާއެކު ވަގުތު ހޭދަ ކޮށް، އުފާވެރި ޝުއޫރުތައް އާކުރެއެވެ. މިއީ ތައުބާވާ މީހާގެ އަމަލުތައް ހުންނަންޖެހޭނެ ގޮތެއްނޫނެވެ.

ތައުބާވުމަށްޓަކައި ދެން ކުރަންޖެހޭ ކަމަކީ ހުއްޓައިލި ފާފައަށް އަލުން އެނބުރި ނުދިއުމަށް އަޒުމު ކަނޑައެޅުމެވެ. އަދި ހުއްދަނޫން ގޮތެއްގައި މީހެއްގެ ހައްގެއް ބޭނުންކުރެވިފައިވާނަމަ އެމީހަކަށް އެ ހައްގު ރައްދުކުރުމެވެ. ނުވަތަ ހައްގުގެ ވެރިޔާގެ ކިބައިން މާފު ހޯދުމެވެ. ކިތަންމެ ގިނައިން ފާފަ ކުރެވިފައިވިޔަސް އެކަމުން ސަލާމަތް ވެވޭނެކަމުގެ އުފާވެރި ޚަބަރު ދެއްވަވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙުމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހައި ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ރަސްކަލާނގެއެވެ." (ޒުމަރު: 53)