05 Apr 2022, 23:31
ސިޔާސީ ޕާޓީތަކަށް މީހުން އިތުރުކުރުމަށް ވަގު ފޯމު ހުށަހަޅާ މައްސަލަ ހުއްޓުވުމަށްޓަކައި، ހުށަހަޅާ ކޮންމެ ވަގު ފޯމަކަށް އެ ޕާޓީއެއް ޖޫރިމަނާކުރަން ވިސްނާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
"ސަން" އާ މިރޭ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އެއް ޕާޓީއަކުން މާގިނަ ވަގު ފޯމް ހުށަހަޅާކަމުގެ ޝަކުވާ ލިބޭނަމަ އެ ޕާޓީއަކަށް އެކަމާ ގުޅިގެން އިންޒާރެއް ދޭނެކަމަށެވެ. އަދި އެއަށްފަހު ވެސް ބަދަލެއް ނުފެނިއްޖެ ނަމަ ހުށަހަޅާ ކޮންމެ ވަގު ފޯމަކަށް ޖޫރިމަނާކުރަން ވިސްނާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވިސްނާފަ އޮތީ ކޮންމެ ވަގު ފޯމަކަށް 5000 ރުފިޔާ ވިޔަސް، އީސީގެ މެމްބަރުން އެއްބަސްވާ އަދަދަކުން އެ ޕާޓީއެއް ޖޫރިމަނާކުރަން،" އޭނާ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ޕާޓީއަށް ވަނުމަށް އެދި އެ ކޮމިޝަނަށް ފޯމް ހުށަހެޅުމުން، އެމީހަކު ޕާޓީގައި ރަޖިސްޓްރީ ކުރުމުގެ ކުރިން އޭނާގެ ނަމާއި އައިޑީކާޑު ނަންބަރުގެ ފަހު ތިން އަކުރު ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.
"އެމީހަކު ނޭދޭ ޕާޓީއަކުން ފޯމެއް ހުށަހަޅާފަ އޮތްކަމަށް އަޅުގަނޑުމެންގެ ވެބްސައިޓުން ފެނިއްޖެއްޔާ އެމީހަކު އަޅުގަނޑުމެނަށް މެއިލް ނުވަތަ ޓެކްސްޓް މެސެޖް މެދުވެރިކޮށް އެކަން އެންގުމުން އަޅުގަނޑުމެން އެމީހަކު އެ ޕާޓީއަކަށް ނުވައްދާނަން،" އޭނާ ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ ޕާޓީއަށް ވަނުމަށް ފޯމުގައި ސޮއިކުރިތޯ ޔަގީންކުރުމަށްޓަކައި އެ ކޮމިޝަނަށް ލިބޭ ކޮންމެ މެމްބާޝިޕް ފޯމެއްގައިވާ މޮބައިލް ނަންބަރަށް މެސެޖް ކުރާނެ ކަމަށެވެ.
"އެހެންވީމަ މިކަމުގައި އިއުތިރާޒެއް ވާނަމަަ މި ކޮމިޝަނަށް އަންގައިދޭށޭ ކިޔާފަ އަޅުގަނޑުމެން މެސެޖުކުރާނީ. ދެން އެމީހަކަށް ނޭނގި ހުށަހަޅާފައިވާ ފޯމެކޭ ބުނެފިނަމަ ހަމަ އެ ފޯމް ވެސް ބާތިލްކޮށްފަ އެ ފޯމު ހުށަހެޅި ޕާޓީއަކަށް އަންގާނަން،" އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމުތަކާ ގުޅިގެން ބައެއް ޕާޓީތަކާ މިހާރުވެސް ސުވާލު ކޮށްފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމުގެ ޖަވާބެއްގެ ގޮތުން އެ ޕާޓީކަތުން ބުނަނީ އެއީ ރަށްރަށުގައި ތިބޭ ސަޕޯޓަރުން ފޮނުވާ ފޯމުތައްކަމަށް އޭނާ ވިދާޅުވިއެވެ.
"ޕާޓީގެ މެމްބަރަކު ނުވަތަ ޕާޓީގެ ސަޕޯޓަރަކު ގެންނަހާ ފޯމެއްގަ ސޮއިޖަހާލާފަ އީސީއަށް ނުފޮނުއްވުމަށް އަޅުގަނޑުމެން މިހާރުވެސް ދަންނަވާފަވާނެ،" އޭނާ ވިދާޅުވިއެވެ.