18 Mar 2012, 18:40
ކޮމަންވެލްތުން ރާއްޖޭގައި ކުރާ މަސައްކަތުގައި ބައިނަލް އަގުވާމީ މިންގަޑުތަކާއި ހިލާފުވާނަމަ އެ ޖަމާއަތާމެދު ސަރުކާރުގެ ވިސްނުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.
އައްބާސް މިއަދު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ކޮމަންވެލްތުން ނެރުނު ބަޔާނާ މެދު ސަރުކާރުން ކަންބޮޑުވާ ކަމަށާއި އެ ބަޔާން ނެރެފައިވަނީ ރާއްޖޭގެ މާހައުލު ރަނގަޅަށް ދިރާސާ ކުރުމެއްނެތި ކަމަށެވެ. އައްބާސް ވިދާޅުވީ އެ ބަޔާން ނެރުމުގައި އެ ޖަމްއިއްޔާއިން އަމަލުކުރާ ޕްރޮޓޮކޯލްތަކާއި ހިލާފުވެފައިވާ ކަމަށެވެ.
"ކޮމަންވެލްތުގެ މަންދޫބާއި ބައްދަލުކުރައްވާ ރައީސް ވަނީ އެވާހަކަތަށް ވިދާޅުވެފައި. އެބޭފުޅާ ވިދާޅުވި އެކަން ބައްލަވައި ދެއްވާނެ ކަމަށް. އަޅުގަނޑުމެން އެހެންވީމަ އެކަންކަމަށް ބަލާނަން. އެ ވިސްނުން ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ވެސް އަޅުގަނޑުމެން މަޖިލީހަށް ވައްދައިގެން އެކަން [ކުރިއަށްގެންދާނީ]،" އައްބާސް ވިދާޅުވި އެވެ.
ކޮމަންވެލްތުގެ ބަޔާނުގެ ބަސްމަގާ މެދު ނުރުހުން ފާޅުކުރައްވާ އައްބާސް ވިދާޅުވީ ކޮމަންވެލްތު މައްސަލައިގައި ރާއްޖެއަށް ހުރިހާ ދޮރުތަކެއް ވެސް ހުރީ ހުޅުވިފައި ކަމަށާއި ރާއްޖެއަކީ ވަކި ބަޔެއްގެ ދަށުގައި އޮންނާނެ ގައުމެއް ނޫން ކަމަށެވެ.
"އެ ހިސާބަށް ގޮސްފިއްޔާ އެ ފިޔަވަޅު އަޅާނީ މަޖިލީހުގެ ތެރެއިން. ރާއްޖެއަކީ ވަކި ބަޔެއްގެ ދަށުގައި އޮންނާނެ ގައުމެއް ނޫން. ރާއްޖޭގެ ކަރާމަތާއި ރައްކާތެރިކަން އަދި ރައްޔިތުންގެ ހައްގު ގެއްލޭ ފަދަ ކަމެއް ސަރުކާރުން ނުކުރާނެ،" އައްބާސް ވިދާޅުވި އެވެ.
ބައެއް މީޑިއާތަކުގައި މިއަދު ބުނެފައި ވަނީ ރާއްޖެ ކޮމަންވެލްތުން ވަކިވާން ވިސްނަމުން އަންނަ ކަމަށެވެ. އައްބާސް ވިދާޅުވީ އެއީ ސިޔާސީ ބަޔަކު ސިޔާސީ ވިސްނުމެއްގައި ދައްކާ ވާހަކައެއް ކަމަށެވެ.