އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި ކިޔަވައިދޭން ފަށައިފިއެވެ.

ޕޮލިސް ކޮލެޖު ރަސްމީކޮށް ހުޅުވުމަށްފަހު، އެ ކޮލެޖުގައި ކިޔަވައިދޭން މިއަދު ފަށާފައިވާއިރު، އެންމެ ފުރަތަމަ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭން ކޯހެކެވެ.

ފުލުހުން ބުނީ މިއަދު ކިޔެވުން ފެށީ އެ ކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލް ކަމަށެވެ.

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.

އެކޯހުގެ ކިޔެވުން ވަގުތީގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެގޮތުން އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލްއެވެ.

ޕޮލިސް ކޮލެޖުގައި މިއަދު ކިޔަވައިދެނީ -- ފޮޓޯ/ ޕޮލިސް

ފުލުހުން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިން އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުޤީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ ތ. އަތޮޅާއި ލ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ، އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެއެވެ.

އިންޑިއާގެ ސްރީ އަވަންތިކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޕޮލިސް ކޮލެޖުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރުގައެވެ.

އައްޑޫގައި ހުޅުވި ޕޮލިސް ކޮލެޖުގައި އެންމެ ޒަމާނީ ފެންވަރުގެ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ހެލިޕެޑާއި ޕީޓީ ގްރައުންޑުގެ އިތުރުން ޓްރެއިނިން ސެންޓަރެއް ހުރެއެވެ. އަދި 800 މީހުންގެ ޖާގައިގެ ޖިމަކާއި ބާސްކެޓް ކޯޓަކާއި ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 400 މީޓަރުގެ ޓްރެކާއި 40 މީހުންގެ ޖާގަ ހިމެނޭހެން 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.