06 Apr 2022, 10:08
﷽
--------
އިރުއޮއްސުނު އިރު ވެހެން ފެށި ވާރޭ ރޭގަނޑު އެގާރަ ޖަހާ ބޮޑުވީއިރުވެސް ހުއްޓައެއް ނުލައެވެ. ދޭތެރެ ދޭތެރެއިން ވިދާލާ ވިދުވަރާއެކު ގުގުރީގެ އަޑު އިވިލައެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގެ އަޑާއެކުވެގެން އަންނަ ވައިރޯޅިތަކުގެ ޒޫމް އަޑުތަކުން މުޅި ފަޒާގެ ހިމޭންކަން ވަނީ ނަގާލާފައެވެ. މި ވިއްސާރަރޭ ގޭގެ ސްޓަޑީގައި ހުރެ ކުޑަޮދޮރުތަކުން ބޭރުބަލަމުން ދިޔަ ރިފްއަތުގެ މޫނުމަތީގައިވަނީ ހާސްކަމެވެ. ގޭ ގޯތިތެރޭގައި ހައްދާފައި ހުރި ގަސްތައްވެސް ހީވަނީ ވަޔާ މުލުން ލުހެލާފާނެހެންނެވެ. އަތުގައި އޮތް ފޯނަށް އޭނާ އިރުއިރުކޮޅަކާ ނަޒަރު ހިންގައިލަމުން ކޮންމެވެސް މީހަކަށް ގުޅަން މަސައްކަތް ކުރަމުންދިޔައެވެ. ވަށައިގެން ސްޓަޑީގެ ތެރެއަށް ބަލައިލަމުން ރިފްއަތު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ތަނަވަސް އެ ކޮޓަރި ތެރެއިން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނުކުންނަން ހިނގައިގަތެވެ.
ރިފްއަތަކީ ރާއްޖޭގައި ނަންވިދާ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ އެތައް ބައިވަރު ރިސޯޓެއް ރާއްޖޭގައި ވާއިރު، މިހާރު އޭނާ އެ ދަނީ ރާއްޖޭން ބޭރަށް އެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ އަކީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރު މީހެކެވެ. އަދި މީހުން އެހާ ޤަދަރުކުރާ މީހެއްވެސް މެއެވެ. ފެށުނީއްސުރެ އެ އާއިލާއަކީ ވިޔަފާރީގައި މަޝްހޫރު އާއިލާއެކެވެ. އާއިލީ އެ ވިޔަފާރީގެ ފެށުމަކީ ރިފްއަތުގެ ބައްޕަ ތާރިޤެވެ. ބައްޕަ މަރުވުމަށްފަހު ރިފްއަތު ވިޔަފާރިއާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ނުވެ މަންމަ ސަކީނާ ވެސް މިދުނިޔެއާ އަލްވަދާޢު ކީއެވެ. އެއަށްފަހު އާއިލާގެ ހުރިހާ ޒިންމާއެއް ނެގީ އޭނާއެވެ.
ސްޓަޑީއިން ބޭރަށް ނުކުމެގެން ރިފްއަތު މިސްރާބުޖެހީ ބޮޑު ކޮޓަރިއާ ދިމާލަށެވެ. އެއީ ތަނަވަސް ބޮޑު ގެއެކެވެ. ބަލައިލި ކޮންމެ ދިމާލަމުން ގޭގެ ހައިބަވަންތަކަން ފެންނަމުންދިޔައެވެ. ބޮޑު ކޮޓަރީގައި ހުރި ޝާހީ ސޯފާތަކާއި ދަމާފައިވާ ދޮރު ފޮތިތަކާ ގޭތެރޭގައި އަޅާފައިވާ ކާޕެޓުން އެކަނިވެސް އެކަން ދޭހަވެއެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ނުވެއެވެ. އޭރު ބޮޑު ދޮރު ހުރީ ހުޅުވާފައެވެ. ވުމާއެކު ވިދުވަރާއެކު އަންނަ އަލި ގޭތެރެއަށް ވެސް އެޅެމުން ދިޔައެވެ. ހާސްކަމާއެކު ރިފްއަތު ދެކޮޅަށް ހިނގަން ފެށިއެވެ. މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ އަސަރު އޭރުވެސް ކުޑައެއް ނުވިއެވެ. ރިފްއަތު އުޅޭ ގޮތުން ހީވަނީ ކޮންމެވެސް ބޮޑުކަމަކާ ފިކުރުކުރާހެންނެވެ. އިރުއިރުކޮޅަކާ ނިތުގައި އަތް ހިންގައިލާނެއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުންދާއިރުވެސް ރިފްއަތަކީ ހަށިގަނޑު ވަރުގަދަކޮށް ހުރި ފިރިހެނެކެވެ. އާއްމުކޮށް ގިނަ މީހުންނަށް ދިމާވާ ފަދަ ސިއްޚީ އެއްވެސް މައްސަލައެއް އޭނާއަށް ދިމައެއް ނުވެއެވެ. އިސްތަށިގަނޑު ވެސް އެހާ ވަރުގަދައެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން ގޮސް ސޯފާގައި އިށީން ރިފްއަތު އަނެއްކާވެސް ފޯނުން މީހަކަށް ގުޅަން މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބު ނުވުމުން އޭނާ ފޯނު ސޯފާމައްޗަށް އެއްލައިލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.
"ފެންތައްޓެއް ގެނެސްދީބަލަ!" ރިފްއަތު އެހެން އިންދާ ގޭގައި މަސައްކަތްކުރާ ނޯކަރު ކުއްޖެއްކަމުގައިވާ ޖެސިކާ ފެނުމާއެކު އޭނާ ބުނެލިއެވެ.
"ލައްބަ ސާރ." ޖެސިކާ އަދަބުވެރިކަމާއެކު ރިފްއަތާ މުހާތަބްކުރަމުން ކާކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ޖެސިކާއަކީ ފިލިޕީންސްއަށް ނިސްބަތްވާ އަންހެން ކުއްޖަކަށް ވީނަމަވެސް، އޭނާއަށް ކޮންމެވެސް ވަރަކަށް ދިވެހިން ވާހަކަ ދައްކަން އެނގެއެވެ. ބޮޑެތި ޖުމްލަތައް ބުނުމުގައި ކޮންމެވެސް ވަރެއްގެ ކޮށިކަމެއް ހުރިނަމަވެސް، އާއްމުކޮށް ބުނަން ޖެހޭ އެއްޗެހި ފަސޭހަކަމާއެކު ޖެސިކާ ބުނެެއެވެ. ޖެސިކާ ފެންތަށި ހިފައިގެން އައިއިރުވެސް ރިފްއަތު އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް ހޭވެރިކަންވީވެސް ޖެސިކާ ގޮވައިލުމުންނެވެ.
"ސާރ..."
ޖެސިކާގެ އަޑާއެކު ރިފްއަތު ފެންތަށި އަތުލަމުން އެއްނޭވާއިން ފެންތަށި ބޮއިލިއެވެ. އެއަށްފަހު އޭނާ އަތުކުރީގައި އޮތް ލެދަރ ބޯބޮޑު ގަޑިއަށް ނަޒަރު ހުއްޓައިލިއެވެ. ގަޑިން އެގާރަ ގަޑީ ބައިވަނީއެވެ. އެއާއެކު އޭނާގެ ހާސްކަން އިތުރުވިއެވެ. އޭރުވެސް ވެހެމުން ދިޔަ ބޯ ވާރެއަށް އެއްވެސް ވަރަކަށް ބަދަލެއް ނާދެއެވެ. ތަށި ޖެސިކާ އަތަަށް ދިނުމާއެކު އޭނާ ދާން ހިނގައިގަތެވެ.
ރިފްއަތު ސޯފާއިން ތެދުވިއެވެ. އެވަގުތު ގޭގެ ބޮޑު ދޮރުން އެތެރެއަށް ވަދެގެން އައި އަންހެން ކުއްޖާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ހިކިކޮށް ހުރި އަންހެން ކުއްޖެކެވެ. ހުރީ ތެމި ފޯވެފައެވެ. އޭނާގެ ފަންއިސްތަށިގަނޑުން އެއްބައިވަނީ މޫނުމައްޗަށް ވެއްޓިފައެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ކަނާއަތް ހިއްލައިލުމަށްފަހު، އިސްތަށިތައް މޫނުމަތިން އެއްފަރާތް ކޮށްލުމާއެކު އޭނާގެ މޫނު ރީތިކޮށް ހާމަވިއެވެ. އެއާއެކު ރަތްވެފައިވާ ދެލޯ ހާމަވިއެވެ. ދެލޯ ކައިރިވަނީ ކަޅުވެ ވަޅުވަދެފައެވެ. ތުންފަތްވެސް ވަނީ ހިސާބަކަށް ކަޅުވެފައެވެ. ހަށިގަނޑު ވެސް ވަނީ ހިކި އަނަރޫފަވެފައެވެ. ރިފްއަތު ފެނުމާއެކު އެ އަންހެން ކުއްޖާ އެއްމިޔަކަށް ހިނިތުންވާން މަސައްކަތް ކުރަމުން ކުރިއަށް ހިނގައިގަންނަން އުޅުނެވެ. އެވަގުތު އޭނާ އަރި އަޅައިލިއެވެ. އުނދަގުލުން ހަށިގަނޑު ބެލެންސް ކުރުމަށްފަހު އޭނާ އަނެއްކާވެސް ރިފްއަތަށް ބަލައިލިއެވެ. އަދި އަނެއްކާވެސް ކުރިއަށް ހިނގައިގަންނަން މަސައްކަތް ކުރިއެވެ. ދެފަހަރަކު މަސައްކަތް ކުރިފަހުން ދެފިޔަވަޅު ކުރިއަށް އެޅޭ ގޮތްވިއެވެ. އެ އަންހެން ކުއްޖާގެ ހަރަކާތްތައް ހުރިގޮތުން ހުރީ ހަމަހޭގައި ނޫންކަން ޔަޤީންކުރެވެއެވެ.
"މިޝްޔާ..." ރިފްއަތުގެ އަޑު ބޮޑު ކޮޓަރިތެރޭގައި ގުގުމައިލުމާއެކު މިޝްޔާ ރިފްއަތަށް ބަލައިލިއެވެ. އެއަށްފަހު، ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.
"ތީ ކާކު؟ ރިފްއަތުތަ ތީ؟ ދަ ބިޒްނަސް މޭން ރިފްއަތުތަ؟...ހަހަ" މިޝްޔާ ރިފްއަތާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެއަށްފަހު އޭނާ ހީގަތެވެ. ހިނގައިގަތުމާއެކު މިފަހަރު އޭނާ އަރި އަޅައިލައިގެން ގޮސް ޓައިލްސްތަކު މައްޗަށް ވެއްޓުނެވެ. އިރުކޮޅަކު ހުއްޓި އިނުމަށްފަހު، މިޝްޔާ ތެދުވިއިރުވެސް، ރިފްއަތަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއްވެސް އަޅައިލަން ނޭނގިފައެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިޝްޔާ ހުރީ ހަމަހޭގައި ނޫންކަން އޭނާއަށް އެނގެއެވެ.
ތެދުވެގެން މިޝްޔާ ހިނގައިގަތީ ސޯފާއާ ދިމާލަށެވެ.
"މިޝްޔާ... ތެމިފައި ހުރެގެން ސޯފާގައި..." ރިފްއަތަށް ބުނެވުނީ އެހާ ވަރަކަށެވެ. މިޝްޔާ ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ.
"އޫމް.... އަރާމު..." މިޝްޔާ ދެލޯ މަރައިލިއެވެ.
"މިޝްޔާ... މިޝްޔާ..." ރިފްއަތު މިޝްޔާއާ ކައިރިވެލުމަށްފަހު، މިޝްޔާއަށް ދެފަހަރަކު ގޮވައިިލިއެވެ.
"ހޫމް..." ވަރުބަލިކަން އެކުލެވިފައިވާ އަޑަކުން މިޝްޔާ "ހޫމް" އެއް ލައްވައިލުމަށްފަހު، ހީގަތެވެ. ރިފްއަތު ދެފަަހަރަކު މިޝްޔާގެ ކޮލުގައި ޖަހައިލިއެވެ. މިޝްޔާ އޭނާގެ ބޯ ދެފަރާތަށް ހޫރައިލިއެވެ.
ރިފްއަތު އޭނާގެ ދަރިފުޅަށް ފުންނަޒަރަކުން ބަަލައިލިއެވެ. އެމޫނުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. މުޅި މީހާގެ ސިފަވަނީ ގެއްލިފައެވެ. އެ މޫނުމަތިން ކަމެއް ދެނެގަންނަން ރިފްއަތު މަސައްކަތް ކުރާ ފަދައެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު އުޅޭ ގޮތުން އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ.
މިޝްޔާއަށް ބަލަން ހުރި ރިފްއަތުގެ މަތިން ފެންނަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ހިތާމައިގެ އަސަރުވެރިވެފައިވާ އެ މޫނުމަތިން ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ އަސަރުތައްވެސް ފާޅުވަމުން ދިޔައެވެ. އޭނާ އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ.
"ނިދިޔަ ދީބަލަ!" މިޝްޔާ ނުުރުހުން އެކުލެވިފައިވާ އަޑަކުން ރިފްއަތަށް ޖަވާބު ދިނެވެ.
"ސޯފާގަ އޮވެގެންނެއް ނޫން ނިދާނީ..." ރިފްއަތު ވާހަކަ ދެއްކިއެވެ.
"އަހަރެން ކަންތައް ކުރަން ޖެހޭ ގޮތް އެނގޭނީ އަހަންނަށް." ރުންކުރުގޮތަކަށް މިޝްޔާ ޖަވާބުދިނެވެ. ރިފްއަތު ދެފަރާތަށް ބޯ ހޫރައިލިއެވެ. އެއަށްފަހު، ނޯކަރު ކުއްޖަކަށް ގޮވާ ގެނައުމަށްފަހު، ދޮރު ތަޅުލުމަށް ބުނެލިއެވެ. އޭނާ މިޝްޔާއަށް ބަލައިލުމަށްފަހު ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާލަށެެވެ.
****
ހެނދުނު ރިފްއަތު ހޭލައިގެން އޮފީހަށް ދާންވެގެން ރީތިވެގެން ނުކުތްއިރުވެސް، މިޝްޔާ ސޯފާގައި ނިދާފައި އޮތެވެ. އިސްތަށިގަނޑު ވަނީ ހޭވިފައެވެ. އެއް އަތާ އެއްފައި ވަނީ ސާފައިން ބޭރަށް ވެއްޓިފައެވެ. މިޝްޔާ އޮތީ ފުން ނިދީގައެއެވެ. ލާފައިހުރި ހެދުންވެސް މިހާރު ވަނީ ހިކިފައެވެ.
ރިފްއަތު ހެނދުނުގެ ނާސްތާކޮށްގެން އޮފީހަށް ދާން ގެއިން ނުކުތުމުގެ ކުރިންވެސް މިޝްޔާއަށް ބަލައިލިއެވެ. ޖެސިކާ ކައިރީގައި މިޝްޔާ ހޭލުމުން ރަނގަޅު އެއްޗެއް ތައްޔާރުކުރުމަށް ރިފްއަތު ބުނެލިއެވެ. އެއަށްފަހު އޭނާ ގެއިން ނުކުތެވެ.
މިޝްޔާއަށް ހޭލެވުނީ އެގާރަޖަހަން ކައިރިވެފަ ހުއްޓައެވެ. ތެދުވެ ސޯފާގައި އިށީނެވެ. އޭރުވެސް އޭނާގެ ދެލޯ ރަނގަޅަށް ނުހުޅުވެއެވެ. ބޮލުގައި ހުރި ބަރުކަމެއްގެ ސަބަބުން ވޭނީ އާހްއަކާއެކު މިޝްޔާ ބޮލުގައި އަތް ޖައްސައިލިއެވެ. އޭނާގެ ބޯ ހީވަނީ ފަޅައިގެން ގޮސްފާނެހެންނެވެ. އޭނާގެ އަތާ ފައިގައިވެސް ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. ހީވަނީ ނިދަން އޮވެވުނު ގޮތަކުން އެރި ތަދެއްހެންނެވެ. ތެދުވަން އުޅުނުނަމަވެސް، ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރުކޮށްފައި ބޮލުގައި އަތް އަޅައިގެން އެ ހުރި ގޮތަށް ހުރެ މިޝްޔާ ތެދުވިއެވެ. އެއާއެކު، އޭނާގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ.
(ނުނިމޭ)
ނޯޓް: ވާހަކައަކީ އަމިއްލަ ޚިޔާލަކަށް ލިޔަމުން ގެންދާ ޚިޔާލީ ވާހަކައެކެވެ. ވުމާއެކު ވާހަކައިގެ ހިމެނޭ ކަންތައްތަކާއި ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާނީ އަޅުގަނޑަށް ސިފަކުރެވޭ ގޮތަށެވެ. މީ ފަހަރެއްގައިވެސް ހިނގަމުންދާކަމަކާ ނުވަތަ ހިނގާފައިވާ ކަމަކާ ނުވަތަ ހިނގާފާނޭކަމަށް ލަފާކޮށް ލިޔަމުން ގެންދާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ތިޔަ ކިޔުންތެރިންނަށް ކަމުދާނެ ތަފާތު ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަމެވެ. މި ފުރުސަތުގައި އަޅުގަނޑުގެ ވާހަކަތަކަށް ތި ދެއްވާ ސަޕޯޓްއަށް ހިތުގެ އިޚްލާސްތެރި ޝުކުރު ރައްދުކުރަމެވެ.