05 Apr 2022, 16:39
އައްޑޫ ސިޓީގައި މި ފަހުން ހިންގި މާރާމާރީއެއްގައި ޒަހަމުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:30 ކަންހާއިރު އެ މާރާމާރީ ހިންގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ޕޯޓް ކަންމަތީގައެވެ.
އެ މާރާމާރީގައި 30 އަހަރުގެ ޒުވާން ފިރިހެނެއްގެ ގައިގައި ތަޅައި ވަނީ ޒަހަމު ކޮށްލައިފައެވެ.
ފުލުހުން މިއަދު ބުނީ އެ މީހާއަށް އައްޑޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް އޭނާއަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ. މާލޭގައި ފަރުވާ ދެނީ ކޮން ހޮސްޕިޓަލެއްގައިކަން ނޭންގޭތީ އިތުރު ތަފްސީލު ވަނީ ލިބޭގޮތް ނުވެފައެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.