07 Apr 2022, 15:30
ލޯންޗުގައި ހަތަރު ގަޑިއިރެއްހާއިރު ދަތުރުކުރުމަށްފަހު އަހަރެމެން ބަނދަރުކުރީ މިލަދުން މަޑުލު އުތުރުބުރީ ފުނަދޫއަށެވެ. އެހާ ގިނައިރު ލޯންޗުގައި ދަތުރުކުރުމުން ވެފައިހުރި ވަރުބައްޔާއެކު ވެސް ރަށުގެ މަލަމަތި ފެނުމުން އަހަރެމެންނަކަށް ނުތިބެވުނެވެ. ފޯނު ނަގައިގެން ކުރިމަތިން ފެންނަން އޮތް ޗާލޫ ޖަޒީރާގެ ފޮޓޯތައް ރައްކާކުރަމުން ދިޔައީމެވެ. ހިތާހިތުން އެ ރަށުގެ ރީތިކަމަށް ތައުރީފް ވެސް ކުރަމުންނެވެ.
ރާއްޖޭގެ ވެރިކަންކުރާ މާލެއާ 221 ކިލޯމީޓަރު ދުރުގައި އޮންނަ ފުނަދުއަކީ ށ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. މި ރަށުގައި 78 ހެކްޓަރުގެ ބޮޑު ސަރަޙައްދެއް އޮންނައިރު މި ރަށަކީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ބިން ބޮޑު ރަށެވެ.
އިހުގައި މި ރަށަށް ކިޔައި އުޅުނީ ފަރުކޮޅު ފުނަދޫއެވެ. އެއީ ފުނަދުއާ އެއް ފަޅެއްގައި އޮންނަ ފަރުކޮޅާ ގުޅުވަމުން ކިޔައި އުޅުނު ނަމެކެވެ. ފަރުކޮޅުފުނަދޫގެ ނަން ފުނަދޫއަށް ބަދަލުކުރީ 12 މާޗް 1995ގައެވެ. ރަށުގެ ނަން ބަދަލުކުރީ އެ ދެ ރަށަކީ ވަކީން އޮންނަ ދެ ރަށް ކަމަށް ވެފައި، އެއިރު ވެސް ދެ ރަށުގެ ނަން ވަކިކޮށްގެން ކިޔަމުން އަންނާތީ ކަމަށް ބުނެވެއެވެ.
ފުނަދުއަށް 1968 ވަނަ އަހަރު، ށ. ޅައިމަގުން އަތޮޅުވެރިކަން ބަދަލުކުރި އިރު ފުނަދުއަކީ ފަޅު ރަށެކެވެ. އޭރު އެ ރަށަކީ ހަމައެކަނި އަތޮޅު އޮފީސް ހިންގާ ރަށެވެ. މީހުން ދިރިއެއް ނޫޅެއެވެ. ފުނަދުއަށް އަތޮޅުވެރިކަން ބަދަލުކުރީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ފުނަދުއަކީ ބޮޑު ރަށަކަށް ވުމުން ގިނަ މީހުންނަށް އުޅެވޭނެތީއެވެ. އެއާއެކު އަތޮޅާ ކައިރި އެހެން ރަށްރަށުން މީހުން އެ ރަށަށް ބަދަލުކުރިއެވެ. މިހާރު އެ ރަށުގެ އާބާދީ ތިންހާހާ ގާތް ކުރެއެވެ.
ފުނަދޫގައި މީހުން އާބާދުކުރަން ފެށީ 1970ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ބަދަލުކުރެވުނީ ނ. ބޮމަސްދޫގެ 180 މީހުންނެވެ. އެއަށްފަހު ށ. ފިރުބައިނދޫ މީހުންނެވެ. އޭގެ ފަހުން ނޫމަރާ، މާކަނޑޫދޫ، އަދި ކޮމަންޑޫ ހިމެނޭހެން ޖުމްލަ ނުވަ ރަށެއްގެ މީހުން ވަނީ ފުނަދޫގައި ރަށްވެހިވެފައެވެ.

ފުނަދޫ އެއާޕޯޓާއި އެ ސަރަހައްދުގައި އޮންނަ "ގޮނި" ކިޔާ ފެންގަނޑެއް-- ސަން ފޮޓޯ/ މުޙައްމަދު ޝަފީއު
ނަވާރަ ސަތޭކަ އަށްޑިހަ ފަސްވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު ފުނަދޫގެ އާބާދީއަކީ 308އެވެ. އޭގެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އެ ރަށުގެ އާބާދީއަކީ 2015އެވެ. އެއީ 1078 އަންހެނުންނާއި، 937 ފިރިހެނުންނެވެ. ތިރީސް އަހަރު ތެރޭގައި އެ ރަށުގެ އާބާދީ ވަނީ 15 އިންސައްތަ އިތުރުވެފައެވެ.
ރަށުގައި ގާއިމްވެފައިވާ ސަރުކާރުގެ އިދާރާތަކުގައި ރަށުގެ ގިނަ ބަޔަކު މަސައްކަތް ކުރަމުން އަންނައިރު، ފުނަދޫ ރައްޔިތުންނަކީ އާންމު ގޮތެއްގައި މަސްވެރިކަމުން މަންފާ ހޯދަމުން އަންނަ ބައެކެވެ. އެ ގޮތުން ދޮށީ މަސްވެރިކަމާއި ފަރުމަސްވެރިކަމާއި ހިބަރު މަސްވެރިކަން ވެސް މި ރަށުގައި ކޮށް އުޅެއެވެ. މީގެ އިތުރުން ދަނޑުވެރިކަމާއި ފަންގި ވިނުމާއި އެކި ކަހަލަ އަމިއްލަ ވިޔަފާރިތައް ހިންގުމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަކީ ވެސް މިރަށުގެ މީހުން ކޮށް އުޅޭ އާންމު މަސައްކަތްތަކެވެ.

މަސްވެރިން ތަކެއް މަހުން ލަފައިން ފުނަދޫ ބަނދަރުގައި: ފުނަދޫ ގެ އިގްތިސޯދު ބިނާވެފައި ވަނީ މަސްވެރިކަމަށް---ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ފުނަދުއަކީ ރާއްޖޭގައި މިވަގުތު ރައްޔިތުންގެ އިންޖީނުގެއެއް ހިންގަމުން އަންނަ މަދު ރަށްތަކުގެ ތެރެއިން އެއް ރަށެވެ. ކަރަންޓުގެ ހިދުމަތް ރައްޔިތުންގެ އިންޖީނުގެއިން ދެމުން އަންނައިރު، ފެނަކައިން އަންނަނީ ރަށުގައި ނަަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައިގެ ގޮތުގައި ކައުންސިލުން ވެސް އަދި ރަށުގެ ރައްޔިތުން ވެސް ފާހަގަކުރާ މައްސަލައަކީ ރަށް ގިރުމުގެ މައްސަލައެވެ. ރަށުގެ ފެނަކަ އޮފީސް ހިންގަމުން އަންނަ ސަރަހައްދުގެ އިތުރުން ޔޫތު ސެންޓަރު ސަރަހައްދު ވެސް ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ.
ފުނަދޫގެ އެންމެ ހާއްސަކަމަކީ މި ރަށުގެ ދަށްފަޅުކަން ޔަގީނެވެ. ތިމާވެށީގެ ގޮތުން ރާއްޖޭގެ މަދު ރަށަކަށް ލިބިފައިނޫނީ ނުވާ ގުދުރަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ދަށްފަޅެވެ. ވަށައިގެން ރަނޑޫ ގަސްތައް ހެދިފައިވާ ހަތަރު ހެކްޓަރު ހުންނަ ދަށްޕަޅަކީ ފުނަދޫ ފަޅުތެރޭގައި އޮންނަ ކުޑަ ދެ ރަށާއި ކުޑަހުރައަކާ ދޭތެރޭ އޮންނަ ތިލަ ފަޅެކެވެ. މީގެ އިތުރުން ފުނަދޫގެ ރީތި ތުނޑިއާއި ހިތްގައިމު ގޮނޑުދޮށުން ރަށަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެއެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި ތަފާތު ނަންނަން ދީފައިވާ ބީޗުތަކުން ކޮންމެ ދިމާލަކަށް މޫދަށް ފޭބިޔަސް ފެންނަނީ ވިލު ނޫކުލައިގެ ބިއްލޫރިކޮޅެއްހާ ސާފު މޫދެވެ.

ފުނަދޫ ދައްފަޅު ސަރަަހައްދު-- ސަންފޮޓޯ/ މުހައްމަދު ޝަފީއު
ފުނަދުއަކީ ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ ރީތި ރަށެކެވެ. ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަކީ ރަށު ކައުންސިލްގެ ވިސްނުމެވެ. އެ ރަށުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަމެކެވެ. މިވަގުތު މާ ގިނަ ގެސްޓު ހައުސްތަކެއް ރަށުގައި ގާއިމްވެފައި ނެތް ނަމަވެސް، ކުރިމަގުގައި ރަށުގައި އިތުރު ގެސްޓު ހައުސްތަކެއް ވެސް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.
ރާއްޖޭގެ ގިނަ ރަށްރަށެކޭ އެއްފަދައިން ފުނަދުއަކީ ވެސް ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. މެހެމާންދާރީ އަދާކުރުމުގައި ދެވަނައެއް ނެތެވެ. އެއްފަސްކުރުމުގެ ސަބަބުން އެކި ރަށްރަށުގެ މީހުން އެކުގައި އުޅެ، ދައްކަމުން އަންނަ އެއްބައިވަންތަކަމަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް އޮތް ނަމޫނާއެކެވެ. މަސްހުނި އާއިލާތަކެއް އެ ރަށުގައި ދިރިއުޅުމަކުން ވަކި ތަފާތު ކަމެއްނުފެނެއެވެ. ރަށުގައި އިޖުތިމާއީ މާ ގިނަ މައްސަލަތަކެއް ނެތެވެ. ސިޔާސީ ވާދަވެރިކަމާއެކުގައި ވެސް، ރަށު ރައްޔިތުންގެ މެދުގައި ނަފްރަތާއި ފިތުނައެއް ނެތެވެ. ހުރިހާ ގޮތަކުން ބެލި ކަމުގައި ވިޔަސް ފުނަދޫގެ ރައްޔިތުންނަކީ ނަމޫނާ ބައެކެވެ.

ފުނަދުއަށް ކުރި ދަތުރުގައި އެތައް ކަމެއް ތަޖުރިބާ ކުރެވުނެވެ. އެއީ ހިތުން ދުވަހަކު ވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެ ވާހަކަތަކަށް އަހަރެމެން ފޯނުގައި ރައްކާކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތައް ހެކިދޭނެއެވެ.