އެމެރިކާއަށް ޙަމަލާދިނުމުގެ ޤާބިލްކަންލިބިފައިވާ އުތުރުކޮރެޔާގެ "ތަޔޮދޮންގ" މަރުކާގެ ނިއުކްލިޔަރ މިސައިލެއް
އުތުރުކޮރެޔާއިން ޖައްވަށް ފޮނުވުމަށް ހަމަޖައްސާފައިވާ ސެޓަލައިޓް ފޮނުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ބައިނަލްއަޤްވާމީ ނޫސްވެރިންނަށާއި ބޭރުޤައުމުތަކުގެ ތަޖްރިބާކާރުންނަށް އެޤައުމުން ދަޢްވަތުދީފިއެވެ.

އުތުރުކޮރެޔާ ސަރުކާރުން އިއްޔެ ބުނިގޮތުގައި އެޤައުމުން ޖައްވަށް ފޮނުވާ ފުރަތަމަ ސެޓަލައިޓް ފޮނުވާނެތާރީޚާއި ގަޑިއާއި ތަނުގެ މަޢްލޫމާތު މިހާރުވަނީ ފަންނީގޮތުން މިކަމާގުޅުންހުރި ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ދީފައެވެ. މީގެތެރޭގައި ބައިނަލްއަޤްވާމީ ސިވިލްއޭވިއޭޝަން އޮގަނައިޒޭޝަނާއި ބައިނަލްއަޤްވާމީ މެރިޓައިމް އޮގަނައިޒޭޝަން ފަދަ ފަންނީ ޖަމާއަތްތައް ހިމެނެއެވެ. އުތުރުކޮރެޔާއިން 1999 ވަނަ އަހަރުވަނީ ތަޖްރިބާކުރުމުގެ ގޮތުން ޑަމީ ސެޓަލައިޓެއް ޖައްވަށް ފޮނުވާފައެވެ.

ނަމަވެސް އެއަށްފަހު ޖައްވަށް ސެޓަލައިޓެއް ފޮނުވަން އުތުރުކޮރެޔާކުރި މަސައްކަތްވަނީ ފަންނީ މައްސަލައަކާގުޅިގެން ފޭލްވެފައެވެ. ނަމަވެސް އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔަރ ހަތިޔާރު އުފައްދައި އަދި 3 ފަހަރެއްގެ މަތިން ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކޮށްފައިވާ އުތުރުކޮރެޔާއަކީ ދުރުރާސްތާގެ މިސައިލްއުފެއްދުމާއި ސެޓަލައިޓް އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަންވެސް ލިބިގެންވާ ޤައުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރުކޮރެޔާގެ މަސްއޫލުވެރިއަކު މިއަދު ވަނީ އަންނަ އެޕްރީލްމަސް ފެށުމާއެކު ޖައްވަށް ސެޓަލައިޓެއް ފޮނުވުމަށް އެޤައުމުން ފުރިހަމައަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. ފަޒާގެ ޢިލްމީ ދިރާސާތަކަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މިސެޓަލައިޓް ފޮނުވަނީ އުތުރުކޮރެޔާގެ ބާނީ އަދި އެޤައުމުގެ މިހާރުގެ ޒަޢީމް ކިމްޖޮންގްއުންގެ ކާފަ ކިމްއިލްސަންގްގެ އުފަންދުވަހުގެ މުނާސަބަތާގުޅުވައިގެން ކަމަށްވެސް އުތުރުކޮރެޔާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ސެޓަލައިޓެއް ޖައްވަށް ފޮނުވާކަން އުތުރުކޮރެޔާ ހާމަކޮށްފައިމިވަނީ ނިއުކްލިޔަރ ހަތިޔާރާއި ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުން ހުއްޓާލައި ނިއުކްލިޔަރ ވާހަކަތަކަށް އަލުން އެނބުރި ރުޖޫޢަވުމަށް އުތުރުކޮރެޔާ އެއްބަސްވެއްޖެ ކަމަށް އެމެރިކާ ބުނެފައިވަނިކޮށެވެ. އެހެންކަމުން ޖައްވަށް ސެޓަލައިޓެއް ފޮނުވާކަން އުތުރުކޮރެޔާ އިޢްލާންކުރުމުން އެމެރިކާވަނީ ސިހުމާއެކު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން މިއަދު މިކަން ސިފަކުރީ ޖެއްސުމުގެ ޢަމަލެއްގެ ގޮތުގައެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި އުތުރުކޮރެޔާގެ މިނިންމުން ސިފަކޮށްފައިވަނީ މިސައިލްތަޖްރިބާއާއި ނިއުކްލިޔަރ ތަޖްރިބާތައް ހުއްޓާލުމަށް މިދިޔަމަހު އުތުރުކޮރެޔާއެކު އެމެރިކާ ވެފައިވާ އެއްބަސްވުމާ މުޅިން ޚިލާފު ނިންމުމެއްގެ ގޮތުގައެވެ. މިއީ މިއެއްބަސްވުމާ ޚިލާފަށް ދުރުރާސްތާގެ މިސައިލް ތަޖްރިބާކުރުމަށް އުތުރުކޮރެޔާ ރޭވިރޭވުމެއް ކަމަށްވެސް އެމެރިކާގެ ބަޔާން ބުނެއެވެ.

ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ގާނީ މިމަހުގެ އެއްވަނަދުވަހު ވިދާޅުވެފައިވާގޮތުން ނިއުކްލިޔަރ އަދި މިސައިލް ތަޖްރިބާތައް ހުއްޓާލުމަށް އުތުރުކޮރެޔާ އެއްބަސްވީ ދެޤައުމުގެ ޑިޕްލޮމޭޓުންގެ މެދުގައި ފެބްރުއަރީމަހު ބެއިޖިންގ ގައި ބޭއްވި މަޝްވަރާތަކާގުޅިގެންނެވެ.

ނިއުކްލިޔަރ އަދި މިސައިލް ތަޖްރިބާތައް ހުއްޓާލުމަށް އުތުރުކޮރެޔާ އެއްބަސްވިކަމަށް އެމެރިކާ ބުނެފައިވީނަމަވެސް މިކަމާބެހޭގޮތުން އުތުރުކޮރެޔާގެ މަސްއޫލުވެރިއަކު ބަޔާނެއް ދެއްވާފައެއްނުވެއެވެ. އުތުރުކޮރެޔާގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވަނީ ނިއުކްލިޔަރ މައްސަލާގައި ކުރިން ބާއްވަމުން ގެންދިޔަ 6 ފަރާތުގެ ވާހަކަތަކުގައި އެޤައުމު އަލުން ބައިވެރިވުމަކީ އެކަށީގެންވާ ކަމެއްކަމުގައެވެ. އެމެރިކާ ބުނާގޮތުން އުތުރުކޮރެޔާ މިކަންކަމަށް އެއްބަސްވީ 240 ހާސް ޓަނުގެ ހިލޭކާބޯތަކެތި އެޤައުމަށް ފޯރުކޮށްދިނުމަށާއި އަދިކުރިމަގުގައި އުތުރުކޮރެޔާއަށް އިތުރަށް ބޭނުންވާ ކާބޯތަކެތީގެ އެހީތައްވެސް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން އެމެރިކާ ދިނުމުން ކަމުގައެވެ.

އުތުރުކޮރެޔާވަނީ މީގެކުރިންވެސް ދެފަހަރެއްގެމަތިން މިފަދަކަންކަމަށް އެއްބަސްވެ އެއާއެއްގޮތަށް ކުރުމުއްދަތަކަށް ޢަމަލުކުރުމަށްފަހު އެމެރިކާ އަތުން ބޮޑެތި އެހީތަކެއް ހޯދާފައެވެ. ނަމަވެސް އެމެރިކާއަތުން އެހީތައް ހޯދުމަށްފަހު އެމެރިކާބުނާ އެއްބަސްވުންތަކާ ޚިލާފްވެ އަލުން ނިއުކްލިޔަރ ތަޖްރިބާތަކާއި މިސައިލް ތަޖްރިބާތައް އުތުރުކޮރެޔާވަނީ ކޮށްފައެވެ.

އެމެރިކާގެ ކުރީގެ ދެރައީސުން ކަމަށްވާ ބިލްކްލިންޓަނާއި ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައިވެސް މިފަދަ އެއްބަސްވުންތައްވެ އެމެރިކާގެ އަތުން ކާބޯތަކެއްޗާއި ތެލާއި އެނޫން އިޤްތިސާދީ އެހީތައް ހޯދުމަށްފަހު އެއާ ޚިލާފުވެ ކުރީގެ ޙާލަތަށް އުތުރުކޮރެޔާގެ އަލުން އެނބުރި ރުޖޫޢަވެފައިވެއެވެ. އެހެންކަމުން އެމެރިކާ މިފަހަރުވެސް މިޖެހުނީ އުތުރުކޮރެޔާގެ ދަންމަޅީގައި ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ގެންދަނީ ސިފަކުރަމުންނެވެ. -- ނޫސްއެޖެންސީތައް