06 Apr 2022, 10:40
ރަމަޟާން މަހަކީ ކޮންމެ އަހަރަކު މުސްލިމުންނާ ބައްދަލުކުރާ ބަރަކާތްތެރި މަހެކެެވެ. މި މާތް މަހަކީ ގޯސް ކަންތައްތަކުން ދުރުހެލިވެ، ދިރިއުޅުން ބަދަލުކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ރަމަޟާން މަހު ރޯދައަށް ހުރުމަކީ އިންސާނާގެ ހަށިގަނޑަށް ފައިދާތަކެއް ލިބިދޭ ކަމެކެވެ. އެގޮތުން، ރޯދައަށް ހުރުމުގެ ސަބަބުން ބަރުދަން ލުއިވެ، ލޭމައްޗަށް ދިޔުމާއި ހަކުރު މައްޗަށް ދިޔުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ރޯދަ ހިފުމަކީ ލޭގައި ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭކަމެކެވެ. އަދި ހަކުރުބަލީގެ ނުރައްކާ ބޮޑު މީހުން ރޯދަ ހިފުމުން، އެމީހުންގެ ހަށިގަނޑުން އެދެވޭ ބަދަލުތަކެއް ފެނިފައިވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
ހަކުރުބަލި ހުންނަ 10 މީހުން ހިމަނައިގެން ހަދާފައިވާ ދިިރާސާއަކުން ދައްކާ ގޮތުގައި ރޯދައަށް ހުރުމުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެއެވެ.
ދުނިޔޭގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވާ އެއް ސަބަބަކީ ހިތުގެ ބައްޔެއް ޖެހިފައިވުމެވެ. އެގޮތުން މުޅި ދުނިޔެއިން މަރުވާ މީހުންގެ 31.5 ޕަސެންޓު މީހުން މަރުވަނީ ހިތުގެ ބަލިތަކުގެ ސަބަބުންނެވެ.
ރޯދައަށް ހުރުމަކީ ހިތުގެ މައްސަލަތައް ތަހައްމަލް ކުރަމުންދާ މީހުންނަށް ފައިދާ ލިބިދޭކަމެކެވެ. އެގޮތުން، އަށް ހަފުތާ ވަންދެން ރޯދަހިފައިފައިވާ މީހެއްގެ ހަށިގަނޑުން އެލްޑީއެލް ކޮލެސްޓްރޯލް ނުވަތަ ގޯސް ކޮލެސްޓްރޯލް އަދި ބްލަޑް ޓްރައިގްލިސެރައިޑްގެ ލެވެލް 25 ޕަސެންޓާއި 32 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށްވާ ކަމަށް ދިރާސާތަކުން ދައްކައެވެ.
މީގެ އިތުރުން، ހަށިގަނޑަށް މުހިންމު ހޯމޯންއެއް ކަމަށްވާ ހިއުމަން ގްރޯތު ހޯމޯން (އެޗްޖީއެޗް) ލެވެލް ރޯދަ ހިފުމުން އިތުރުކޮށްދެއެވެ. މި ހޯމޯންއަކީ އިންސާނާގެ ހެދިބޮޑުވުމަށާއި ހަށިގަނޑުގައި ކާނާއިން ހަކަތަ އުފެއްދުމަށް މުހިންމު އަދި ހަށިގަނޑުގެ މަސްތަކުގެ ބާރު ގަދަކުރުމަށް އެހީތެރިވެދޭ ހޯމޯންއެކެވެ.
ނުވަ ފިރެހެނުން ހިމަނައިގެން ހަދާފައިވާ ދިރާސާއެއްގައި ވަނީ ހަމައެކަނި ދެ ދުވަހު ރޯދަހިފުމުގެ ސަބަބުން އެޗްޖީއެޗް ޕްރޮޑަކްޝަން ރޭޓް ފަސް ގުނައަށް އިތުރުވެފައިވާ ކަމަށް ދައްކާފައެވެ.
ހަމައެއާއެކު، ރޯދަހިފުމަކީ މުޅި ދުވަހު ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެއް ކަމުން، އޭގެ ސަބަބުން ވެސް އެޗްޖީއެޗް ލެވެލް އިތުރުވުމަށް މަގުފަހިވެއެވެ.