05 Apr 2022, 12:29
ސްރީލަންކާގައި މިއަދު ސިއްހީ ކުއްލި ހާލަތު އިޢުލާންކޮށްފިއެވެ.
ލަންކާގެ ގަވަމެންޓް މެޑިކަލް އޮފިސާސް އެސޯސިއޭޝަން (ޖީއެމްއޯއޭ)އިން ބުނީ އެގައުމުގައި ސިއްހީ ކުއްލި ހާލަތު އިޢުލާން ކުރީ ބޭހާއި ސިއްހީ އާލާތްތައް ނުލިބުމާ ބެހޭ ގޮތުން އެ އެސޯސިއޭޝަނުން ބޭއްވި ބައްދަލުވުމަކަށް ފަހު ކަމަށެވެ.
ޖީއެމްއޯއޭގެ ސެކްރެޓަރީ ޑރ. ޝެނާލް ފާނަންޑޯ ވިދާޅުވީ ކުއްލި ހާލަތު އިޢުލާން ކުރަން ނިންމީ ބަލި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި ކަމަށެވެ. އަދި އެގައުމުން މިހާރު ބޭސް ނުލިބުމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރާއި ހެލްތު މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާލަތު އިޢުލާން ކުރުމުން ސިއްހީ ޚިދުމަތްދޭ ދައުލަތުގެ ތަންތަނުން ބޮޑަށް އިސްކަން ދޭނީ އެމާޖެންސީ އަދި އަވަސް ފަރުވާގެ ޚިދުމަތްތަކަށެވެ.
ލަންކާއަށް ތެޔޮ ލިބުން ދަތިވެ، ކަރަންޓު ނުއުފެއްދޭ މައްސަލަ ބޮޑުވުމުން އެގައުމުގެ ބައެއް ހޮސްޕިޓަލްތަކުގައި އާންމު އޮޕަރޭޝަންތައް ކުރުންވެސް ވަގުތީ ގޮތުން ހުއްޓާލާފައިވެއެވެ.
އެގައުމަށް ބޭނުންވާ މިންވަރަށް ތެޔޮ އެތެރެ ކުރަން ބޭރު ފައިސާ ނުލިބުމުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ބުރޫ އަރައި، ކޮންމެ ދުވަހަކު ވެސް އެކި ގަޑިތަކުގައި ކަރަންޓު ކަނޑަމުންދާތާ މިހާރު މަސްތަކެއް ވެއްޖެއެވެ.
އެ މައްސަލައިގައި ލަންކާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި ހަމަނުޖެހުންތައް ހިނގި ފަހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ސަރުކާރުން ވަނީ ކުއްލި ހާލަތު އިޢުލާންކޮށްފައެވެ.
އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެގައުމުގެ ހުރިހާ ވަޒީރުން ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި އިދިކޮޅު ޕާޓީތަކާ ގުޅިގެން އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަސައްކަތް ކުރެއްވި ނަމަވެސް އިދިކޮޅު ޕާޓީތަކުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.