އދ. މަޖިލިސް (އެޕްރީލް 5): ޔުކްރޭނާއި ރަޝިއާގެ ބާރުތަކާ ދެމެދު ވަރުގަދަ ހަނގުރާމައެއް ހިނގި ޔުކްރޭންގެ ކިޔޭވްގެ އަވަށެއްކަމަށްވާ ބޫކާއިން އާންމުންގެ އެތައް ބަޔަކު މަރާލާފައިވާ މަންޒަރުތައް ފެނުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާ އެކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި މުސްތަގިއްލު ތަހުގީގެއް ހިންގަންޖެހޭ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޝް ވިދާޅުވެއްޖެއެވެ.

ގުޓެރެޝް ވިދާޅުވީ މިކަން މުސްތަގިއްލު ގޮތެއްގައި ތަހްގީގުކޮށް ޙަޤީޤަތް ހޯދުމުން ޙަޤީޤަތާ ޚިލާފު އަޑުތައް އެރުމުގެ ފުރުސަތު ނޯންނާނެކަމަށާއި މިކަންކުރިބަޔަކު ޒިންމާކުރުވުމަށް ވެސް އޭރުން މަގުފަހިވެގެންދާނެ ކަމުގައެވެ. އެހެންކަމުން ޔުކްރޭން ހަނގުރާމައާ ގުޅުންހުރި ހުރިހާ ފަރާތްތަކަކުންވެސް މިކަން ތަހުގީގު ކުރުމަށް އެއްބާރުލުން ދޭނެކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަރުގަދަ ހަނގުރާމައަކަށްފަހު ރަޝިއާ ސިފައިން ބޫކާއިން ފޭބިތާ ހަތަރު ދުވަސްފަހުން އެއަވަށަށް ވަން ނޫސްވެރިންނަށްވަނީ އަތްފައި ބަނުމަށްފަހު އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މީހުންތަކެއްގެ ހަށިތަކެއް ބޫކާގެ މަގުތަކަށް އުކާލާފައިވާ މަންޒަރު ފެނިފައެވެ. އެމީހުންވަނީ މިމަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކޮށްފައެވެ.

ބޫކާގެ މަގުތަކުގައި މަރާލާފައިވާ މީހުންގެ ހަށިތައް

ޔުކްރޭންގެ ސަރުކާރުންވަނީ މިއީ ބޫކާގެ އާންމުންނާ ދެކޮޅަށް ރަޝިއާ ސިފައިން ހިންގި ގަތުލުއާންމެއް ކަމަށް ސިފަކޮށް މިކަމުގައި ރަޝިއާ ޒިންމާކުރުވައި ރަޝިއާއަށް އަދަބު ދިނުމަށް އެމެރިކާއަށާއި ޔޫރަޕްގެ ވެރިންގެ ކިބައިން އެދިފައެވެ. މިއާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ވެރިންވަނީ މިއީ ރަޝިއާގެ އަމަލެއްކަމަށް އަމިއްލައަށް ނިންމާފައެވެ.

މިކަން ބެލުމުގައި މުހައްގިގެއްގެ ބަޔާއި ޕްރޮސެކިއުޓަރެއްގެ ބަޔާއި ފަނޑިޔާރެއްގެ ބައިވެސް އަދާކޮށްފައިވަނީ ހުޅަނގުގެ ގައުމުތަކުގެ ސިޔާސީވެރިންނެވެ. އެބޭފުޅުން ވަނީ މިއީ ރަޝިއާގެ ކަމެއްކަމަށް މުޅިން ނިންމައި ރަޝިއާއަށް އަދަބު ދިނުމުގެ ފިޔަވަޅުތައް އިޢުލާންކުރަން ތައްޔާރުވާކަން ހާމަކުރައްވާފައެވެ.

ރަޝިއާ ޔުކްރޭނަށް އަރައިގަތުމުން އެމެރިކާއާއި ޔޫރަޕުން ރަޝިއާއާ ދެކޮޅަށް ގާތްގަނޑަކަށް ފަސްދޮޅަހަކަށް ހާސް ފިޔަވަޅު އަޅައިގެންވެސް ރަޝިއާގެ ހަނގުރާމައިގެ ހަރަކާތްތައް ހުއްޓުވިފައިނުވާއިރު އަދި ރަޝިއާއަށް މާބޮޑު އަދަބެއް ދިނުމުގައި އެމެރިކާއާއި ޔޫރަޕް ނާކާމިޔާބުވެފައިވާއިރު މިމައްސަލާގައި ރަޝިއާއަށް އަސަރެއް ކުރާވަރުގެ ފިޔަވަޅުތަކެއް އެޅުމުގެ ގާބިލްކަން އެގައުމުތަކުގެ ކިބާގައި ހުރިތޯވަނީ ސުވާލު އުފެދިފައެވެ.

މަރުވެފައިވާ ހަށިތައް ނަގައިގެން ގެންދަނީ

ރަޝިއާ ބުނާގޮތުން ބޫކާ އިން އާންމުންގެ އެތައްބަޔަކު މަރާލާފައިވާ މަންޒަރުތަކަކީ ޔުކްރޭން އަމިއްލައަށް ހަދައިގެން އުޅޭ ފޭކު މަންޒަރުތަކެކެވެ. މި މަންޒަރުތައް ދެއްކީވެސް ޔުކްރޭނުން އެއަވަށަށް ވެއްދި ޔުކްރޭނަށް ތާއީދުކުރާ ހުޅަނގުގެ ނޫސްވެރިންތަކެއް ކަމަށާ މުސްތަގިއްލު ނޫސްވެރިންނޫން ކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާގެ ތަރުޖަމާނަކު ވަނީ މިދިޔަ މާޗް 30ގައި ބޫކާއިން ރަޝިއާ ސިފައިން ފޭބުމާއެކު އެސަރަހައްދުގެ މުނިސިޕަލް ކައުންސިލްގެ ވެރިޔާ ބޫކާގެ މަގުތަކާއި ހަނގުރާމަ ހިނގި ގޯޅިތަކުގެ މަންޒަރުތައް ވީޑިއޯ ކޮށްގެން ދެއްކިއިރު މީހުން މަރާލާފައިވާ މިމަންޒަރުތައް ނުފެނުނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.

ބޫކާގެ މުނިސިޕަލް ކައުންސިލްގެ ވެރިޔާ 31 މާޗްގައި ބޫކާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގި ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވި އިރު މިމަންޒަރުތައް އޭނާއަށް ފެނިފައިނުވަނީ ކީއްވެތޯވެސް ރަޝިއާ ސުވާލުކުރެއެވެ. ނަމަވެސް ޔުކްރޭން ސިފައިންނާ ހަނގުރާމައިގެ ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި ބައެއް އާންމުން މަރުވެފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ރަޝިއާ ބުނެއެވެ.

ރަޝިއާއިން ވަނީ، ބޫކާގައި ރަޝިއާ ސިފައިން ގަތުލުއާންމެއް ހިންގާފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ސުލްހައިގެ މަޝްވަރާތަކަށް ހުރަސް އެޅުމަށް ޓަކައި ހުޅަނގުގެ ގައުމުތަކުން ރާވާފައިވާ ރޭވުމެއްގެ ދަށުން ޔުކްރޭން ސަރުކާރުން ހިންގާ ކަންތައް ކަމަށް ސިފަކޮށްފައެވެ.

މިމައްސަލައާބެހޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް ރަޝިއާއިންވަނީ އެދިފައެވެ. ނަމަވެސް ރަޝިއާގެ މިއެދުމަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ދެބާރުން އަޅާލާފައެއް ނުވެއެވެ.

އެމެރިކާގެ އަމިއްލަ ކުންފުންޏަކުންވެސް ވަނީ ބޫކާގައި އާންމުން މަރާލުމަށްފަހު ވަޅުލާފައިވާ ސަރަހައްދެއް ފެންނަ ކަމަށްބުނާ ސެޓެލައިޓް ފޮޓޯތަކެއް އާންމު ކޮށްފައެވެ. އެފޮޓޯތަކުން ފެންނަނީ ބޫކާގެ ފައްޅިއެއް ހުރި ސަރަހައްދެއްގައިވާ ބޮޑު ވަޅުގަނޑަކަށް މަރާލަފައިވާ އެތައް ބައެއްގެ ހަށިތައް އަޅާލާފައިވާ މަންޒަރެވެ. ބޫކާގެ އެ ސަރަހައްދުން 400އަށް ވުރެ ގިނަ އާންމުންގެ މަރާލާފައިވާ ހަށިތައް ފެނުނު ކަމަށް ޔުކްރޭންގެ ސަރުކާރުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ރަޝިއާގެ ރައީސް ވްލަޑީމީރު ޕޫޓިންއަކީ ހަނގުރާމައިގެ މުޖްރިމެއްކަމަށް ސިފަކުރައްވާފައެވެ. ރައްދުގައި ރަޝިއާގެ މީޑީއާއިންވަނީ އެމެރިކާގެ ވެރިންނަކީ އެހެން މީހުންނާ ދިމާއަށް އެއްޗެއް ބުނެވޭވަރަށްވުރެ މާބޮޑެތި މުޖްރިމުންނާއި އަނިޔާވެރިން ކަމަށާއި އެމެރިކާއިން އިރާގާއި އަފްޣާނިސްތާނާއި ވިއެޓްނާމް ފަދަ ގައުމުތަކުގައި މިލިއަނުން އާންމުން މަރާފައިވާ ކަމަށް ބުނެފައެވެ.