ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވާތީ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މިހާރު މަޖިލީހުގައި ބަހުސް ކުރެވެމުންދާ ކުންފުނިތަކުގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ހަދައިފައިވާ ދިރާސާއެއް މެންބަރުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

މިއީ މެންބަރުންނަށް ބިލްތަކާ ގުޅޭ ގޮތުން އެހީތެރިވެދިނުމަށް ޓަކައި ހިއްސާކޮށްފައިވާ ކަރުދާހެއް ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި މިވަގުތު 25އެއްހާ ބިލުގެ މަސައްކަތް އެބައޮތް ކަމަށާއި މި މަސައްކަތްތަކުގެ ސްޕީޑު ހަލުވި ކުރުމަށް ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ބިލްތައް މަޖިލީހުގެ އެކިއެކި ކޮމިޓީތަކުގައިވާ މުއްދަތު ކުޑަކުރުމަކީ މަދުކުރުމަކީ ހުރިހާ މެންބަރުންގެ ވެސް އަމާޒަކަށް ވާނެ. މި ބިލުތައް ނުނިމި ކޮމިޓީތަކުގައި ވުމުގެ ބަދަލުގައި އަވަހަށް ބިލްތައް ނިންމާލެވޭނޭ ގޮތެއް، އެފަދަ ވިސްނުމެއް އިއްޒަތްތެރި މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

ކޮމިޓީތަކުގެ މަސައްކަތްތަކުގެ ސްޕީޑު ލަސްވުމަކީ ރައީސް ނަޝީދު އަބަދުވެސް ފާޅުކުރައްވާ ކަންބޮޑުވުމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް 36 ބިލެއް ވަނީ ހުށަހަޅަން ނިންމައިފައެވެ. އަލަށް 14 ގާނޫނެއް ހެދުމަށާއި މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން 22 ގާނޫނަކަށް އިސްލާހު ގެނައުމަށް ވެސް ބިލު ހުށަހަޅައިފައިވެއެވެ.