މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ ޢަލީއަށް ޕީޕީއެމްއިން އަޅާފައިވާ ފިޔަވަޅުތައް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެންގެވުމަކަށް އެ ޕާޓީން އުވައިލައިފިއެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ނަހުލާ ސަސްޕެންޑު ކުރީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ސާބިތުވާ ކަމަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ކަނޑައެޅުމުންނެވެ.

ސުލޫކީ ކޮމެޓީން އެގޮތަށް ނިންމުމުން ނަހުލާ ސަސްޕެންޑް ކުރީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގައި ހަ މަސް ދުވަސް ވަންދެން ވާދަ ނުކުރެވޭ ގޮތަށެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ އޭނާއަށް ޕާޓީން އަޅާފައިވާ ހުރިހާ ފިޔަވަޅެއް ރައީސް ޔާމީންގެ އެންގެވުމަކަށް އުވައިލާފައިވާ ކަމުގެ ރަސްމީ ސިޓީ، މިދިޔަ ބުރާސްފަތި ދުވަހު އަތަށް ލިބިފައިވާ ކަމަށެވެ.

"ޕާޓީން އަޅުގަނޑަށް އަޅާފައިވާ ހުރިހާ ފިޔަވަޅެއް ބާތިލް ކުރިކަމުގެ ސިޓީއެއް މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ވިދާޅުވެގެން އެ ފިޔަވަޅުތައް އުވައިލި ކަމުގެ ސިޓީ އަޅުގަނޑަށް ފޮނުވީ،" ނަހުލާ ވިދާޅުވިއެވެ.

މިކަމާބެހޭ ގޮތުން "ސަން"އިން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދުއާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ނަހުލާގެ މައްސަލަތައް އަލުން ރިވިއު ކުރުމަށްފަހު، އެ ހުރިހާ ފިވަޔަޅުތަކެއް އުވައިލާފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވައެވެ.

"އެ ކަންކަން އަލުން ރިވިއު ކުރުމަށްފަހު، ސަސްޕެންޝަން އުވައިލަން ނިންމީ،" ހީނާ ވިދާޅުވިއެވެ.

ނަހުލާއާއި ގުޅުވައިގެން ތަފާތު އެކި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތި ވެފައިވެއެވެ. އެގޮތުން ކައުންސިލަރުންތަކަކަށް ބިރު ދެއްކި ކަމަށް ބުނެ ވެސް މައްސަލައެއް ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެފަދަ ވާހަކަތައް ދޮގު ކުރައްވަމުން ނަހުލާ ވިދާޅުވެފައި ވަނީ ބަޔަކު އަޑީގައި ތިބެގެން އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފަތުރަނީ އޭނާގެ އަގު ވައްޓާލައި ރައްޔިތުންނަށް ކަންކަން އޮޅުވައިލުމަށް ކަމަށެވެ.