05 Apr 2022, 12:44
އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލެސް އަތުން އާސެނަލް ބަލިވުމުން، ލީގުގެ ހަތަރު ވަނައަށް އަރަން އާސެނަލްއަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ކްރިސްޓަލް ޕެލެސްގެ ދަނޑުގައި ކުޅުނު އެ މެޗުން އާސެނަލް ބަލިވެފައިވަނީ 3-0ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތްއިރު އާސެނަލް އޮތީ 54 ޕޮއިންޓާއެކު ލީގު ތާވަލުގެ ފަސް ވަނައިގައެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް ލިބެނީ 54 ޕޮއިންޓެވެ. އެހެންކަމުން ރޭގެ މެޗުން އެއްވަރުވެގެން ވެސް ހަތަރު ވަނައަށް އެރުމުގެ ފުރުސަތު އާސެނަލަށް އޮތެވެެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލެސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ޔޯކީމް އެންޑާސަން ދިން ބޯޅައަކުން މި ލަނޑު ޖަހާފައިވަނީ ޖިއާން މަޓެޓާއެވެ.
އޭގެ އަށް މިނެޓު ފަހުން މެޗުގެ 24 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލެސްއަށް ލީޑު ފުޅާ ކޮށްދިނީ ޖޯޑަން އަޔޫއެވެ. މި ލަނޑު ޖެހުމަށް ވެސް އެހީތެރިވެދިނީ އެންޑާސަންއެވެ.
އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި މަޓެޓާ ފޮނުވާލި ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލެސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފަށައިގެން މެޗުގެ 59 ވަނަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އެމީލް ސްމިތް ރޯވް އާއި މާޓިން އޮޑެގާޑް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.
އާސެނަލްއިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކްރިސްޓަލް ޕެލެސްއިން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ވިލްފްރީޑް ޒަހާ ޖަހައިދިނީ ލިބުނު ޕެނަލްޓީއެއްގައެވެ.
މެޗުން މޮޅުވެ ކްރިސްޓަލް ޕެލެސް ލީގުގެ ނުވަ ވަނައިގައި އޮތީ 37 ޕޮއިންޓާއެކުއެވެ. ބަލިވި އާސެނަލް އޮތީ 54 ޕޮއިންޓާއެކު ފަސް ވަނައިގައެެވެ. ހަތަރު ވަނައިގައި އޮތް ޓޮޓެންހަމަށް ވެސް ލިބެނީ 54 ޕޮއިންޓެވެ. އެއީ އާސެނަލް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ.