05 Apr 2022, 00:54
ރަމަޟާންމަހާ ދިމާކޮށް ބާޒާރުމަތިން ލުނބޯ ލިބުން ދަތިވެފައި ވަނިކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ލުނބޯގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ލުނބޯ ވިއްކަނީ 45 ރުފިޔާއަށް ކިލޯއެއްކަމަށެވެ. އަދި ލުނބޯ ވިއްކަނީ މީހަކަށް ކިލޯއެއްގެ މަގުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ހޯލްސޭލްކޮށް ލުނބޯ ގަންނަން ބޭނުންވާ މީހުނަށް އެސްޓީއޯގެ އެގްރިސެންޓަރުން މީހަކަށް ތިން ކިލޯގެ ރޭޓުން ލުނބޯ ވިއްކާނެއެވެ.
އެސްޓީއޯއިން ބުނީ ލުނބޯ އެތެރެކޮށް ވިއްކަން ނިންމީ މިވަގުތު ބާޒާރުގައި ލުނބޯގެ އަގު މައްޗަށް ދިއުމާ ގުޅިގެން އާންމު ރައްޔިތުންނަށް އަގުހެޔޮކޮށް ލުނބޯ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށްކަމަށެވެ.
ލުނބޯގެ އަގު މައްޗަށް ދިޔައީ ލުނބޯ ލިބުން ދަތިވާތީކަމަށް ވިޔަފާރިވެރިން ބުނެއެވެ. ރޯދައިގެ ކުރިން ވެސް ލުނބޯގެ އަގު އުފުލިފައި ވާއިރު ދާދިފަހުން ލުނބޯ ކިލޯއެއް 120 ރުފިޔާއަށް ވެސް ވަނީ ވިއްކާފައެވެ.
ކޮންމެ އަހަރަކު ވެސް ރަމަޟާންމަހާ ދިމާކޮށް ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދެއެވެ. އެހެން ނަމަވެސް، ލުނބޯ ފިޔަވާ އެހެން ބާވަތްތަކުގެ އަގު އަދި ހުރީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ.
އެ ގޮތުން ބާޒާރުމަތީގައި މިރުސް ކިލޯއެއް ހުރީ 650 ރުފިޔާ އާއި 500 ރުފިޔާއަށެވެ.