05 Apr 2022, 10:17
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހުޅުވި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކެއުން ތައްޔާރު ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޕޮލިސް ކޮލެޖުގެ މުވައްޒަފުންނަށް ކެއުން ތައްޔާރު ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500ގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދާނީ މި ހިނގާ މާޗު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި މި ކަމާބެހޭ ގޮތުން ބާއްވައި ޕްރީބިޑް މީޓިން ފިނޭންސް މިނިސްޓްރީގައި އޮންނާނީ މި މަމަހުގެ 13 ވަނަ ދުވަހުގެ 11:00ގައި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހެނީ 175،000 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާލާ ދުވަހުން ފަށައިގެން 148 ދުވަސް ކަމަށެވެ.
އިތުރަށް ފިނޭންސް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ ބިޑު ހުޅުވުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުގެ 13:00 ޖަހާއިރު މިނިސްޓްރީގައި ކަމަށެވެ.
އިންޑިއާގެ ސްރީ އަވަންތިކާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޕޮލިސް ކޮލެޖުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2017 ވަނަ އަހަރުގައެވެ.
އައްޑޫގައި ހުޅުވި ޕޮލިސް ކޮލެޖުގައި އެންމެ ޒަމާނީ ފެންވަރުގެ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ހެލިޕެޑާއި ޕީޓީ ގްރައުންޑުގެ އިތުރުން ޓްރެއިނިން ސެންޓަރެއް ހުރެއެވެ. އަދި 800 މީހުންގެ ޖާގައިގެ ޖިމަކާއި ބާސްކެޓް ކޯޓަކާއި ފުޓްބޯޅަ ދަނޑަކާއި ޓެނިސް ކޯޓާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 400 މީޓަރުގެ ޓްރެކާއި 40 މީހުންގެ ޖާގަ ހިމެނޭހެން 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނެއެވެ.
ފުލުހުން ބުނެފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމުކުރި ޕޮލިސް ކޮލެޖުގެ ހުރިހާ ކަމެއް ހިންގުމާއި އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ބަލަހައްޓާނީ ދިވެހި ފުލުހުން ކަމަށެވެ.