05 Apr 2022, 13:40
ސެވިއްޔާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް އޭނާގެ ޖާޒީއާއި ސޯޓު ސަޕޯޓަރަކަށް ހަދިޔާކޮށް، ފުޓުބޯޅަ ސަޕޯޓަރުންގެ ސަމާލުކަން ހޯދައިފިއެވެ.
ސްޕެނިޝް ލީގުގައި ބާސެލޯނާ އަތުން 1-0އިން ބަލިވި މެޗަށްފަހު ރަކިޓިޗް ވަނީ އޭނާގެ ޖާޒީ އާއި ސޯޓު މެޗު ބަލަން ދިޔަ ސަޕޯޓަރަކަށް ހަދިޔާކޮށްފައެވެ.
ރަކިޓިޗް އަކީ ކުރިން ބާސެލޯނާއަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ އެ ޓީމުގައި ހަ އަހަރު ހޭދަކޮށްފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު 13 ތައްޓެއް ކާމިޔާބުކޮށްފައެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހުން ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. އެގޮތުން މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ރަކިޓިޗްއަކީ އޭނާގެ ސަޕޯޓަރުން ދެކެ ލޯބިވާ މީހެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް ރަކިޓިޗް ދެކެ ލޯބިވާ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ ރަކިޓިޗް ބާސާގެ ދަނޑުން ފެނުމަކީ ބާސާގެ ހުރިހާ ސްޕޯޓަރުންނަށް ވެސް އުފާވެރިކަމެއް ކަމަށާއި، އޭނާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
ސެވިއްޔާއާއެކު ވެސް ރަކިޓިޗް ދަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗުގައި ސެވިއްޔާ އަތުން ބާސާ މޮޅުވުމާއެކު ބާސާއިން ވަނީ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. އެއީ ސެވިއްޔާއަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ބާސާއިން ރޭ ވަނީ ސެވިއްޔާއިން މެޗަކުން ބަލިނުވެ އައި އައުން ނިމުމަކަށް ގެނެސްފައެވެ.