"އަހަރެން މީ ބޭކާރު މީހެއް... ބޭބެ އަހަރެންދެކެ ރުޅި އައުން ހައްގު... އަހަންނަށް މަންމައަށްވެސް އެހީނުވެވުނު... އަހަންނަށް އެހީވެވުނުނަމަ، މަންމަގެ ފުރާނަ..." ޒިވިއަންއަށް އޭނާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ.

********

"އެއީ ޒިވިއަންގެ މައްސަލައެއް ނޫނޭ..." ވިސްނައިދޭ ރާގަކަށް އިރަމް ބުންޏެވެ. "ޒިވިއަން ހުރީ މަންމައަށް އެހީވެވޭނެ ހާލެއްގައެއް ނޫން..."

"މިއަދާ ހަމައަށްވެސް އަހަންނަށް އަހަރެންގެ އަމިއްލަ ނަފުސު ކުށްވެރިކުރެވޭ... މަންމަގެ ފަހު ދުވަސްތަކުގަވެސް އަހަންނަށް މަންމަ ކައިރީ ނުހުރެވުނު... މަންމައާ ބޭބެއަށް އަހަރެންގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ދުވަހު އަހަރެން އެމީހުންނާ ދުރަށް ދިޔައީ..." ނުރޯން މަސައްކަތްކުރި ނަމަވެސް ޒިވިއަންއަށް އެންމެފަހުން ރޮވުނީއެވެ.

"ޒިވިއަން ބޭނުންވެގެނެއް ނޫނެއްނު ދިޔައީ... އެހާލުގަ ޒިވިއަން ހުރެގެންވެސް އެމީހުންނަށް އެހީތެރިކަމެއް ނުދެވޭނެއޭ..." އިރަމް ބުންޏެވެ.

ޒިވިއަން އިސްޖަހައިގެން އިނދެ ރުޔެވެ. މާޒީގެ ހަނދާންތަކުން އޭނާގެ ހިތް ތޮރުފަމުންދިޔަ ކަހަލައެވެ. ކަރުނަތައް ހިފަހައްޓާކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ. ޒިވިއަންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަޖަހާލާ އިރަމް އިނެވެ. ޒިވިއަން ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް އޭނާގެ ދުލަކަށް ނައެވެ. ޒިވިއަން ކިހާ ހިތްވަރުގަދަ ހެއްޔެވެ؟ އެހާލުގައިވެސް އެ ވިސްނަނީ އެހެން މީހުންނާއި މެދުގައެވެ. އަމިއްލަ ހާލާއިމެދު ކުޑަކޮށްވެސް ވިސްނައިލުމެއް ނެތެވެ.

"އިރަމްގެ ސަބަބުން ބޭބެގެ ދިރިއުޅުން ވަރަށް އުފާވެރި... އަހަރެން ދެކެން ބޭނުންވި ދުވަސް ފެނިއްޖެ... އަބަދުވެސް ބޭބެއާ އެކީ ތިގޮތުގަ ހުންނައްޗޭ..." ޒިވިއަން ބުނެލިއެވެ.

"ތިކަހަލަ ވާހަކަ މިގަޑީ..." އިރަމްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އަރު ބެދުނެވެ.

ޒިވިއަންގެ ވާހަކައިން ހީވީ، އެއީ އޭނާ ކުރި ފަހުގެ ވަސިއްޔަތެއް ހެންނެވެ. އެފަދަ ވާހަކައެއް އަޑުއަހަން އިރަމްއަށް ފަސޭހައެއް ނުވިއެވެ.

********

އިރަމް ގެއަށް ދިޔައީ ޒިވިއަންއަށްވުރެ ކުރިންނެވެ. އޭރު ގޯތިތެރޭގައި ދެކޮޅަށް ހިނގާލަހިނގާލާ އައިޒަކް ހުއްޓެވެ. އިރަމް ފެނުމުން ވަގުތުން ކައިރިއަށް ދިޔައެވެ. އެފަދަ ލަސް ގަޑިއެއްގައި އިރަމް ބޭރުގައި ކީއްކުރީ ހެއްޔެވެ؟ އެހާ މާޔޫސްވެފައި ހުރީ ކީއްވެ ހެއްޔެވެ؟

"ކިހިނެއްވީ؟... ކަމެއްވީތަ؟... ކޮންތާކުން ތިއައީ؟..." އައިޒަކް އެއްފަހަރާ ހުރިހާ ސުވާލެއް ކުރިއެވެ.

އިރަމް އިރުކޮޅަކު އައިޒަކްގެ މޫނަށް ބަލަން ހުއްޓެވެ. ޒިވިއަންގެ ކަންތައް އެނގުމުން އައިޒަކަށް ވާނީ ކިހިނެއް ހެއްޔެވެ؟ ހަމަ ޔަގީނުންވެސް، އައިޒަކްގެ ހިތް ކުދިކުދިވާނެއެވެ. ޖަޒުބާތުގައި ޖެހިފައި ހުރި އިރަމްއަށް އައިޒަކްގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާއަށް އައިޒަކްގެ މޭގައި ލައްވެލެވުނެވެ.

"ކިހިނެއްވީ؟..." އައިޒަކް ހާސްވިއެވެ.

އިރަމްއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އައިޒަކަށް އެނގުނެވެ. އޭނާ ކެތްތެރިކަމާއިއެކު އިންތިޒާރުކުރީ އިރަމްގެ ޖަވާބަކަށެވެ. އެހެނަސް، އެކަމާއި ގުޅުވައިގެން އިރަމް އިތުރު އެއްޗެއް ނުބުންޏެވެ.

"ހިނގާ ރޫމަށް... ވަރަށް ނިދި އައިއްސި..." އިރުކޮޅެއްގެ ހިމޭންކަމަށްފަހު، އިރަމް ބުނެލިއެވެ.

"އަހަރެންގެ ރޫމްގަތަ މިރޭ ނިދަނީ؟..." އައިޒަކް ލާނެތް ރާގަކަށް ސުވާލުކުރިއެވެ.

އިރަމް އައިޒަކްގެ އަތްދަށުން ދެމިގަނެގެން ގޮސް ކޮޓަރިއަށް ވަނެވެ. އައިޒަކް އޭނާގެ އަތުގައި އޮތް ރަތްފިނިފެންމާ އިރަމްއަށް ދިނީ ކޮޓަރިއަށް ވަދެފައެވެ. އިރަމް ރޮއެފައި ހުރިކަން އެނގުނު ނަމަވެސް ގަދަކަމުން ސަބަބު ހޯދާކަށް އޭނާ ނޫޅުނެވެ. ބަދަލުގައި އޭނާ ބެލީ އިރަމްގެ ނުތަނަވަސްކަން ދުރުކޮށްދީ، ހެއްވައިލުމަށެވެ.

"މީ ދެންމެ އަންނަނިކޮށް ކުއްޖަކު ދިން މަލެއް..." އިރަމްގެ ސަމާލުކަން އަތުލުމުގެ ގޮތުން އައިޒަކް ބުންޏެވެ.

"ދެން ކީއްކުރަން އެހެން މީހަކަށް ތި ދިނީ..." ޝަކުވާގެ ރާގަކަށް އިރަމް ބުނެލިއެވެ. ވާހަކަ ދެއްކިއިރު، އިރަމްގެ މޫނުމައްޗަށް ވެރިވި އަސަރުތައް ފެނުމުން، އައިޒަކްގެ ކައިރިއަށް ހިނި އަންނަގޮތް ވިއެވެ.

"އަހަރެން ލޯބިވާ މީހަކަށްނު އަހަރެން މާ ދޭނީ..." އައިޒަކް ބުންޏެވެ.

"ތި މާ ބޭނުމެއް ނޫން..." އައިޒަކްގެ އަތުގެ ތެރެއަށް މާ ލުމަށްފަހު، އިރަމް ގޮސް އެނދުގައި އޮށޯވެލިއެވެ.

"ޖެލަސްވީތަ؟..." އައިޒަކަށް ހެވުނެވެ.

"ނުވޭ..." އިރަމް ވަގުތުން ދެކޮޅު ހެދިއެވެ.

"މީ އަހަރެން ރުފިޔާ ދިނީމަ، ފިހާރައިގަ އިން ކުއްޖާ ދިން މަލެކޭ ދޫންޏާ... ފިރިހެންކުއްޖެއް އިނީ ފިހާރައިގަ... މިކުއްޖާ ހުއްޓާ، އަންހެންކުއްޖަކު ދޭ މަލެއްގަ ހިފަންވީ ކީއްކުރަން؟...." އައިޒަކް އިރަމް ރުއްސަން މަސައްކަތް ފެށިއެވެ.

އައިޒަކް ހާސްވެގެން ތެޅިގަތުމުން އިރަމްއަށް މަޖާވިއެވެ. އިތުރަށް އައިޒަކް ތަޅުވައިލަން ބޭނުންވިއެވެ.

"އޯކޭއޭ އަންހެންކުއްޖަކު ދިނަސް..." ކުޑަކޮށް ނުރުހިފައިވާ ކަހަލަ ރާގަކަށް އިރަމް ބުންޏެވެ.

"ހަމަ އޯކޭތަ؟..." އައިޒަކް ހެމުން އިރަމްގެ ކައިރީގައި އޮށޯވެލިއެވެ. އިރަމް ގެނެސް އަތްމަތީގައި ބާއްވައިލުމަށްފަހު، އިސްތަށިގަނޑުގައި ފިރުމައިލީ ނުހަނު ލޯބިންނެވެ.

"ޔަގީން ކޮންމެސް ކަމެއް ވެއްޖެކަން... އެހެންނޫނީ އަހަރެންގެ މި ލޯބި ފުށްކޮޅު ތިހެން ނޯންނާނެ...." އައިޒަކް ބުންޏެވެ.

އިރަމް ވަގުތުން އައިޒަކްގެ މޭގައި މޫނު ފޮރުވައިލިއެވެ.

"އަހަރެން މިހުރީ އަހަރެންގެ ވައިފްއާ އެކީ... ކޮންމެ ކަމެއް ބޭނުންވިޔަސް އިރާދަކުރެއްވިއްޔާ، އަހަންނަށް އަހަރެންގެ ވައިފަށް އެހީތެރިކަން ދެވޭނެ..." އައިޒަކް ޔަގީންކަން ދިނެވެ.

"ވާހަކައެއް އަހާލަންތަ؟..." ހުއްދައަށް އެދޭފަދަ ނަޒަރަކުން އައިޒަކްގެ މޫނަށް ބަލައިލަމުން އިރަމް ސުވާލުކުރިއެވެ.

"އަހަރެންގެ ވައިފް ނުޖެހޭނެ އެއްވެސް ކަމެއްގަ އަހަރެންގެ ހުއްދަ ހޯދާކަށް... ބޭނުން ވާހަކައެއް ހަމަ ބުނަންވީ..." އައިޒަކް ބުނެލިއެވެ.

"ބުނީމެއްނު ކޮއްކޮއެއް ހުންނަ ވާހަކަ..." އިރަމް ވާހަކަފެށީ އައިޒަކްގެ މޫނަށް ވެރިވެދާނެ ކުލަވަރުތަކަށް ވިސްނައިގެން އޮވެއެވެ.

އައިޒަކް އެއްޗެއް ނުބުނުމުން އިރަމް މާޔޫސްވިއެވެ. ޒިވިއަންގެ ކުށެއް ނެތްކަމާއި ވަގުތު ފާއިތުވުމުގެ ކުރިން ޒިވިއަންއާއި ދެމެދު އޮތް ގުޅުން ރަނގަޅުކުރަން އެދެން އިރަމް ބޭނުންވިއެވެ. އެހެނަސް، ޒިވިއަންގެ އެދުމާއި ހިލާފުވާން އޭނާއަށް އުނދަގޫވިއެވެ. ހަދަންވީ ގޮތެއް ނޭނގި އިރަމްގެ ސިކުނޑި ސުމަކަށް ދިޔައެވެ.

"އޭނަ އުޅެނީ އަނެއްކާވެސް އަހަންނާ ދުރަށް ދާން..." އައިޒަކް ހިތި ގޮތަކަށް ހިންދިރުވައިލިއެވެ.

އިރަމްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް ހަޔާތުގެ ހިތި ސަފުހާތައް ނިއުޅައިލަން އޭނާ ތައްޔާރުވެލިއެވެ. އަމިއްލަ ހިތަށްވެސް ތަސައްލީއެއް ލިބޭނީ އޭރުންކަމަށް އައިޒަކަށް ގަބޫލުކުރެވުނެވެ.

"އަހަންނަށް ރަނގަޅުވާނީވެސް އޭނަ ދިޔެއްޔާއެއްނު... އެކަމަކު އަހަރެންގެ ހިތަށް ވަރަށް އުނދަގޫ އެބަވޭ... ހިތަށް އަރަނީ ކޮންމެސް ކަމެއް ގޯސްކޮށް ވާން އުޅެނީއޭ..." އައިޒަކް ބުންޏެވެ. "އަހަރެން ދެން ކިހިނެއް ހަދަންވީ؟..."

"ބައެއް ފަހަރު ހުރިހާ ކަމެއް ހިނގަނީ، ލޮލަށް ފެންނަ ގޮތަކަށް ނޫން..." ފުރުސަތުގެ ބޭނުންހިފައި، އިރަމް ވާހަކަ ދައްކަން ފެށީ ނުހަނު ވިސްނުންތެރިކަމާޢި އެކުގައެވެ. "ބައެއް ކަންކަމަކީ، އެމީހަކަށް ގޯސްކޮށް ހީވާ ހީވުމަކުން އަމިއްލަ ސިކުނޑި އެމީހަކަށް ވިސްނައިދޭ ގޮތެއްގެ މައްޗަށް ނިންމޭ ނިންމުމެއް... އެ ނުވެދާނެ އަސްލު ކަން ހިނގައިދިޔަ ގޮތް ކަމަށް... ލޮލަށް ފެންނަ ކޮންމެ ކަމަކީ ހަގީގަތެއް ނޫނޭ މީހުން ބުނަނީ އެހެންވެ... ޒެކްއަށް ތި ކަންތައް ކުރެވެނީ އެންމެ ރަނގަޅަށް ކަމަށް ހީނުވަންޏާ، އެންމެ ރަނގަޅު ގޮތަކީ ހިތްއެދޭ ގޮތަށް ކަންކުރުން... އޭރުން ފަހުން ހިތާމަކުރަން ނުޖެހޭނީ..."

އައިޒަކް ވިސްނައިލިއެވެ. އިރަމް ބުނީ ރަނގަޅު ވާހަކައެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ޒިވިއަން އޭނާގެ މަންމައަށް އެހީނުވީ ކީއްވެ ހެއްޔެވެ؟ މަންމަގެ ދެ ކިޑްނީ ފެއިލްވީއިރު، ކިޑްނީ ހަދިޔާކުރެވޭނެ މީހަކަށް ހުރީ ހަމަ އެކަނި ޒިވިއަންއެވެ. އެކަމަކު، ޒިވިއަން އޭނާގެ މަންމައަށް އެހީނުވެ ދޫކޮށްލާފައި، މާދުރަށް ދިޔައީ ކީއްވެ ހެއްޔެވެ؟ ގުޅުމުން ފޯނަށް ޖަވާބުނުދިނީ ކީއްވެ ހެއްޔެވެ؟ މަންމަގެ ފަހު ދުވަސްތަކުގައި ޒިވިއަން ގެނެސްދިނުމަށް އެދި ކުރި އާދޭސް ދެންމެ ވީކަމެއްހެން އައިޒަކްގެ ހިތުގައި ހަރުލާފައި އެބަ ހުއްޓެވެ. އޭނާ ޒިވިއަންއަށް ނަފުރަތުކުރަން ބޭނުން ވަނީ އެ ސަބަބަށްޓަކައެވެ. ޒިވިއަން ހޯދަން އައިޒަކް ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އާދޭސްކޮށް ކުރި އެތައް މެސެޖަކަށްވެސް ޒިވިއަން ދިނީ ބީރު ކަންފަތެކެވެ. އެއީ އިރަމް ބުނި ފަދައިން އޭނާއަށް ފެނުނު ގޮތް ހެއްޔެވެ؟ ނޫނީ ހީވި ހީވުމެއް ހެއްޔެވެ؟ އެ ހުރިހާ ކަމަކަށް ފަހުގައިވެސް އަމިއްލަ ހިތް އެދޭފަދައިން ޒިވިއަންއަށް މަޢާފުކުރަންވީ ހެއްޔެވެ؟

"އަހަންނަށް އެނގޭ ޒެކްގެ ހިތް ވަރަށް ސާފުކަން... އެހެންނޫނީ އަހަންނަކަށް މާފެއް ނުކުރާނެ..." އިރަމް ބުނެލިއެވެ.

ކުޑަ ހިނދުކޮޅަކަށް ނަމަވެސް އައިޒަކްގެ ހިތް ހުއްޓުނު ކަހަލައެވެ. އަސަރުން ފުރިގެންވީ އެ ޖުމްލަ އޭނާގެ ހިތުގެ ހިމަ ނާރާއި ހަމައަށް ވާސިލުވިއެވެ. އިރަމް ބުނީ ތެދެކެވެ. އިރަމް ކުރި ކަންތަކަށްފަހު، އިރަމްއަށް ނަފުރަތުކުރަން އޭނާ ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެކަމަކު އެ ހުރިހާ ކަމަކަށް ފަހުގައިވެސް އެންމެފަހުން، އޭނާގެ ހިތް އިރަމްއަށް ސާފުވީއެވެ. ހިތުގައި އުފެދުނު ލޯތްބަށްވެސް ފަނޑުކަމެއް ނައެވެ.

"ކިހިނެއް އެނގެނީ އަހަރެން މާފުކުރިކަމެއް؟...." ނުރައްކާތެރި ނަޒަރަކުން އިރަމްގެ މޫނަށް ބަލައިލަމުން އައިޒަކް ބުންޏެވެ.

އިރަމް ބާލީހެއް ނަގައި އައިޒަކްގެ ގައިގައި ޖެހިއެވެ. އައިޒަކް ވަގުތުން އިރަމްގެ ދެ އަތުގައި ހިފެހެއްޓިއެވެ. އެ ނާޒުކު އަންހެންކުއްޖާ އޭނާގެ އަތުގެ ތެރޭގައި ހައްޔަރުކޮށްލަން ހިނދުކޮޅެއްވެސް ނުނެގިއެވެ. އިރަމްގެ ދެލޮލުން ފެން އަންނަންދެން އައިޒަކް އިރަމް ހެއްވަމުން ދިޔައެވެ.

********

ވިޝްކާ އާއި އިދާން ތިބީ ރެސްޓޯރެންޓެއްގައެވެ. އާވި އަރައަރައި ހުރި ދެ ކޮފީތަށި ދެ މީހުންގެ ކުރިމަތީގައި ހުއްޓެވެ.

"އަހަރެންގެ އެބައޮތް ޕްލޭންއެއް..." އިދާން ބުންޏެވެ. "ވަރަށް ސަޅި ޑީލްއެއް ލިބިއްޖެ..."

"އަހަރެން ނޫޅެން ދެން ދޮންބެއަށް ޓްރަސްޓް ކުރާކަށް... ބޭނުމެއް ނޫން ހެލްޕެއްވެސް..." ވިޝްކާ އިނީ މޫނު ކުނިކޮށްލައިގެންނެވެ.

"އޯކޭ..." އިދާން ބުނެލިއެވެ.

"ދެން ދޮންބޭ..." ޝަކުވާގެ ރާގަކަށް ވިޝްކާ ގޮވައިލިއެވެ.

"ވިޝްކާ ބުނީނު ހެލްޕެއް ބޭނުމެއް ނޫނޭ..." އިދާން ބުންޏެވެ.

"އެހެންވިއްޔާ ދަނީ..." ވިޝްކާ ތެދުވިއެވެ.

"މަޑުކޮށްބަލަ... ހެލްޕް ވާށޭ ހުރިހާ ކަމެއް މި ކޮށްދެނީ..." އިދާން ވިޝްކާގެ އަތުގައި ހިފައި ހުއްޓުވިއެވެ.

ވިޝްކާ އިށީނުމުން އިދާން އޭނާގެ ފޯނުން ތަސްވީރެއް ދައްކައިލިއެވެ.

"މީ ކާކުކަން އެނގޭތަ؟..." އިދާން އަހައިލިއެވެ.

ތަސްވީރު ފެނުމާއިއެކު ވިޝްކާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)