18 Mar 2012, 16:13
ހއ. ހޯރަފުށީ ގައި ތެލުގެ ވިޔާފަރި ކުރަމުން ދިޔަ އެރަށު ސީވިއު، ހުސެއިން މުހައްމަދު މަނިކު (ހުސޭނުބޭ) ގެ މަރުގެ މައްސަލައިގައި ޓެރަރިޒަމްގެ ޓެރަރިޒަމްގެ ދައުވާ ލިބޭ ތިން މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ފަސް ހެކީންގެ ހެކިބަސް ނަގައިފި އެވެ.
ފުރަތަމަ ހެކިބަސް ނަގާފައި ވަނީ އަބްދުލް ހަމީދު ކިޔާ މީހެއްގެ ހެކިބަހެވެ. ދައުލަތުގެ ވަކީލު ކުރި ސުވާލުތަކުގެ ޖަވާބުގައި އޭނާ ބުނީ ފުލުހުން އަހުމަދު ގޮވައިގެން އެރަށު ބޮޑުވިނަ ގެއަށް ދިޔައިރު އެތާގައި އޭނާ ހުރި ކަމަށެވެ. އަދި ބުނީ ފުލުހުން އެރަށު އޮޅުވިލާގޭ ބަލާ ފާސްކުރި އިރު ވެސް އޭނާ އެތާގައި ހުރިކަމަށާއި އެވަގުތު އެތާގައި އޮތް ފިނި ހެދުމެއް ދައްކާފަ އެއީ ހުސޭނުބޭ މަރާލިއިރު ލައިގެން ހުރި ފިނިހެދުން ކަމަށް އަހުމަދު ބުނި ކަމަށެވެ.
"އޮޅުވިލާގެ ބަލާ ފާސްކުރި އިރު އަޅުގަނޑު ހުރިން. އަހުމަދު ބުނީ މަރާލިއިރު ލައިގެން ހުރި ފިނިހެދުމޭ އެ އޮތީ،" އޭނާ ބުންޏެވެ.
އަހުމަދު އެގޮތަށް ބުނީ ފުލުހުން މަޖުބުރޫކުރުމުންތޯ އަހުމަދުގެ ވަކީލު އެއްސެވުމުން އޭނާ ބުނީ ފުލުހުން އަހުމަދު އަށް މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ.
ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ދެވަނައަށް ހެކިބަސް ދިން އިބްރާހިމް އާދަމް ބުނީ ސެޕްޓެމްބަރު 27 ،2010 ދުވަހުގެރޭ އެރަށު ފޯސްޓާ ކިޔާ ފިހާރައެއް ކައިރިން ނުއުމާނާއި ލަތީފު ރަތް ކުލައިގެ ސައިކަލެއްގައި ދަނިކޮށް ދުށް ކަމަށާއި ލަފާކުރެވޭ ގޮތުގައި އެއީ އެރޭ 9:30 އެހާކަން ހާއިރު ކަމަށެވެ.
އޭނާއާ ސުވާލުކުރުމަށް ލަތީފުއާ އަހުމަދު އަށް ފުރުސަތު ހުޅުވާލުމުން ދެ މީހުންވެސް ވަނީ ސުވާލެއް ނެތްކަމަށް ބުނެފައެވެ.
ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން މުހައްމަދު އާދިލު ބުނީ ސެޕްޓެމްބަރު 27، 2010 ދުވަހުގެރޭ އެރަށު އެސްޓީއޯ ފިހާރަ ތެރޭގައި ދެ ގަޑިއެއް ހާއިރު ހުސޭނުބެއާއި ވާހަކަދައްކަން އޭނާ ހުރި ކަމަށެވެ. އަދި އެވަގުތު މުހައްމަދު ލަތީފު އެ މަގުން ހިނގާފައި ދިޔަ ކަމަށެވެ.
"27، 2010 ދުވަހުގެރޭ އެސްޓީއޯ ފިހާރަ ތެރޭގައި ދެ ގަޑިއެއް ހާއިރު ހުސޭނުބެއާ ވާހަކަދައްކަން އިނިން. އެވަގުތު މުހައްމަދު ލަތީފު އެމަގުން ހިނގާފަ ދިޔަ،" އޭނާ ބުންޏެވެ.
ލަތީފު އެ އަންނަނީ މަސްބާނައިގެންތޯ އެވަގުތު ހުސޭނުބެ އޭނައާ ސުވާލު ކުރުމުން އެކަން އޭނާއަށް ނޭނގޭ ކަމަށް ހުސޭނުބޭ ކައިރި ބުނި ކަމަށެވެ. އަދި ލަތީފު ހުސޭނު ބެއާއި ދިމާލަށް ބެލި ކަމަށް އެވަގުތު ހުސޭނުބެ އޭނާ ކައިރީ ބުނިކަމަށް ވެސް އޭނާ ބުންޏެވެ.
ދައުލަތުގެ ވަކީލު ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ނުއުމާންގެ ބޭބެ އަދުނާން އަބްދުﷲ ބުނީ އޮކްޓޯބަރު، 4، 2010 ދުވަހު ފުލުހުން ނުއުމާން ގޮވައިގެން އެރަށު އަލިމަސް ގެއަށް ދިޔައިރު އޭނާ އެތާގައި ހުރި ކަމަށެވެ. އަދި ބުނީ ފުލުހުން އެގެ ޗެކްކުރީ އޭނާގެ ހާޒިރުގައި ކަމަށާއި ނަމަވެސް އެގެއިން ފެނުނީ ކޮންއެއްޗެއް ކަމެއް އޭނާ ހަނދާނެއް ނެތް ކަމަށެވެ.
ދެން ހެކިބަސް ނަގާފައި ވަނީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ހެކި ބަހެވެ. ދައުލަތުން ކުރި ސުވާލުތަކުގެ ޖަވާބުގައި އޭނާ ބުނީ ސެޕްޓެމްބަރު 27، 2010 ގެ ރޭ 7:00 ގައި އަލިމަސް ގޭ ޓީވީ ބަލަން އިންދާ އަހުމަދު ފެނުނު ކަމަށާއި އެތަނުން ނުފެންނަ ކަމަށެވެ.
އެ މައްސަލައިގައި ހެކިބަސް ދިން އިބްރާހިމް ފަޒުލީން ބުނީ ސެޕްޓެމްބަރު 27، 2010 ދުވަހުގެ ރޭ ގެ ވަގުތެއްގައި ލަތީފު ދުށްކަމަށާއި އެވަގުތު ލަތީފު ހުރީ ފޯނެއްގައި ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ވެސް އޮންނާނީ ހެކިބަސް ނެގުން ކަމަށާއި، ފުރަތަމަ ނެގުމަށް ހަމަޖެހިފައި ވަނީ ފާޅުގަ ނަގާ ހެކިބަސް ކަމަށާއި އެއަށް ފަހު އެއް ދުވަހަކުން ސިއްރުން ނަގާ ހެކިބަސް ނަގާ ނިންމާނެ ކަމަށެވެ.