04 Apr 2022, 23:46
އެތުލެޓިކޯ މެޑްރިޑްގައި ތިބި ކުޅުންތެރިންނަށްވުރެ ނިސްބަތުން މޮޅެތި ކުޅުންތެރިން މެންޗެސްޓާ ސިތީގައި އެބަތިބިކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިންގްލިޝް ޕްރިމިއާ ލީގުގެ އެއް ގަދަ ބާރު ކަމުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެސްގައެވެ.
ސިމިއޯނޭ ބުނީ ސިޓީގައި މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، ދެ މެޗު ކުޅެން ޖެހޭތީ އެ މީހުންނަށް ފުރުސަތު އޮތް ކަމަށެވެ.
ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބުދަ ދުވަހުގެ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެތުލެޓިކޯއިން ނިނުންނާނީ ވަރުގަދަކޮށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
"އަހަރުމެން އެންމެނަށް ވެސް ޕްރެޝަރު އެބަ އޮތް. އެކަމަކު އަހަރެންނަށް ހީވާ ގޮތުގައި މިކަމަކީ ޒިންމާ ނެގުމުގެ ކަމެއް. ސިޓީގައި މޮޅެތި ކުޅުންތެރިން ތިބިކަމާމެދު އެއްވެސް ޝައްކެތް ނެތް. އެކަމަކު ދެ މެޗު ކުޅެން ޖެހޭކަން ހަނދާންކުރަންޖެހޭ،" އެތުލެޓިކޯއަށް ކޯޗުކަން ކޮށްދެމުން އަންނަ އާޖެންޓީނާގެ ސިމިއޯނޭ ބުންޏެވެ.
އޭނާ ބުނީ މިދިޔަ ސީޒަނުގައި ސިޓީ އަދި ބަޔާންގައި ވެސް މޮޅެތި ކުޅުންތެރިން ތިބި ނަމަވެސް، ތަށި ހޯދާފައިވަނީ ޗެލްސީ އިން ކަމަށެވެ.
ނޮކްއައުޓް ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ކަޓުވާލެވުނު ނަމަވެސް، ސިމިއޯނޭ ފާހަގަކުރި ގޮތުގައި ޔުނައިޓެޑަށްވުރެ ހުރިހާ ގޮތަކުން ވެސް ސިޓީ މާ ރަނގަޅެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް ސިޓީއިން ދަތުރުކޮށްފައިވަނީ ސްޕޯޓިން ބަލިކޮށްގެންނެވެ. އަދި އެތުލެޓިކޯއިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައިވަނީ ޔުނައިޓެޑް ބަލިކޮށްގެންނެވެ.
ސިޓީ އާއި އެތުލެޓިކޯ ބައްދަލުކުރާ މެޗުން އޮންނާނީ ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ރޭ 00:00 ގައެވެ.