04 Apr 2022, 22:10
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް ގެންދާ ވެޓަރަންސް ލީގުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރީން ސްޓްރީޓްސް ބަލިކޮށް ހުޅުމާލެ ވެޓަރަންސް އިން ފެށުން ރަނގަޅުކޮށްފިއެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު މެޗުގައި ހުޅުމާލެ ވެޓަރަންސްއިން ގްރީންގެ މައްޗަށް ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެވަަނަ މިނެޓުގައި ހުޅުމާލެ ވެޓަރަންސް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުޙައްމަދު ޒިޔާދެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ޢަލީ ޝަމީމް (ކޮޔަރު އައްޔަ) ދިން ބޯޅައަކުންނެވެ.
ހުޅުމާލެ ވެޓަރަންސް އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފައިވަނީ ދެ ވަނަ ހާފުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުޙައްމަދު ޖަމީލް (ޖަމްބެ)އެވެ.
މި މުބާރާާތަކީ ކުރީގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށް ގެންދާ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މި އަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ އެފްއޭއެމާ ގުޅިގެން ކްލަބް އިވެންޓްސްގެ ފަރާތުންނެވެ.
މުބާރާތް ރޭވިފައިވަނީ ހަތް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު އޮންނާނީ މި މަހު 30 ވަނަ ދުވަހުއެވެ.