05 Apr 2022, 11:12
އެންމެ ކުޑައިރުއްސުރެ ވެސް ޢަބްދުﷲ ރައިހާން ދުށް ހުވަފެނަކީ ފުޓުބޯޅަ ކުޅުންތެރިއަކަށްވުމެވެ. މީހުންނަށް އެނގެން ވެސް އޭނާ ބޭނުންވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ އުންމީދުތައް ގުޅިފައިވަނީ ވެސް ފުޓުބޯޅައާއެވެ.
އެންމެ ކުޑައިރު އުފަންރަށް މަހިބަދޫގައި އުޅުނުއިރު ވެސް އޭނާއަކީ އާޓަށް ވަރަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. އާއިލާގައި ވެސް އުޅެނީ ގިނައިން ކުރަހާ މީހުންކަމަށް ވީމައި ކަމަށް ވެދާނެއެވެ.
"ގޭގައި އާޓާ ރައްޓެހި ބައެއް އުޅޭނީ. އެންމެން ވެސް ކުރަހާނެ،" ރައިހާން ކިޔައިދޭން ފެށިއެވެ.
އެކަމަކު އާޓިސްޓަަކަށް ވާކަށް އޭރު އޭނާ ބޭނުމެއް ނުވެއެވެ. ރައިހާން ބުނާ ގޮތުންނަމަ މިހާރު ވެސް އޭނާ އާޓިސްޓަކަށް ވާކަށް ބޭނުމެއް ނޫނެވެ.
"އަބަދުވެސް ބޭނުންވަނީ ބޯޅަ ކުޅޭ މީހަކަށް ވާން،" ރައިހާންގެ ހުވަފެނަކީ އެއީއެވެ.
އެ ހުވަފެން ހަގީގަތަކަށް ހަދަން ރައިހާން ބުރަ މަސައްކަތްތަކެއް ކުރެއެވެ. އެކަމަކު، އުމުރުން އެންމެ 20 އަހަރުގައި އޭނާގެ ވާއަތު ކަކުލު ހުޅަށް އަނިޔާވީއެވެ. އަދި އޮޕަރޭޝަނެއް ކުރަން ޖެހުނީއެވެ.

ކުޑައިރުއްސުރެ ވެސް ރައިހާން ދުށް ހުވަފެނަކީ ފުޓުބޯޅަ ކުޅުންތެރިއަކަށްވުން --
އެ ހިސާބުން ކުޅެން ނުދެވި ގޭގައި އޮންނަން ރައިހާނަށް މަޖުބޫރުވިއެވެ. ބޭރަށް ނުކުންނަން ޖެހެނީ، އަސައެއްގެ އެހީގައެވެ. ނުކުމެއްޖެނަމަ އެތައް ބައެއްގެ ސުވާލުތަކާ ކުރިމަތިލާން ޖެހެއެވެ.
"ފެންނަ ކޮންމެ މީހަކު ވެސް އަހާނީ ކިހިނެއް ވީތޯ. އަނެއްކާ ބައިވަރު ވާހަކަތަކެއް ދޯ. އެ ގޮތް ބޭނުން ނުވާތީ ގޭގައި އިށީންދެގެން އިނދެގެން ކުރެހީ ހަމަ. ފޯނުގައި ވެސް ގަނޑުގައި ވެސް،" ރައިހާން ކިޔައިދިނެވެ.
ފަޔަށް އަނިޔާވުމުން ވެސް އޭނާ ހުއްޓައެއް ނުލިއެވެ. ފުޓުބޯޅަ ކުޅުމަކީ އޭނާގެ ލޭގައި ހުރި ކަމެކެވެ. އަބަދުވެސް ދެކެމުންއައި ހުވަފެެނެވެ. ކުރި އުންމީދެވެ.
"އޮޕަރޭޝަން ކޮށްގެން ރަނގަޅުވެގެން އައީ މިކޮޅަށް [މާލެއަށް] ކުޅެން. އައިސްފައި މާޒިޔާ އަންޑަ ޓުވެންޓީވަންއަށް ކުޅެނިކޮށް އަނެއްކާ ދިޔައީ. ހަމަ އެ ހުޅު ދިޔައީ. އެ ފަހަރު ދިޔައީ މާ ބޮޑަށް،" ވެއްޓުމުން ތެދުވެ ދުއްވައިގަތްތާ މާ ދުވަހެއް ނުވެ ރައިހާން އަނެއްކާ ވެސް ވެއްޓުނެވެ.

ރައިހާން "ސަން"އަށް އިންޓަވިއު ދެނީ -- ސަން ފޮޓޯ/ މުހައްމަދު ނާއިލް
އޮޕަރޭޝަނެއް ކުރުމަށްފަހު، މި ފަހަރު ވެސް ރައިހާނަށް ގޭގައި އޮންނަން ޖެހުނެވެ. މި ފަހަރު ވެސް ގޭގައި އޮތްއިރު، އޭނާގެ އެކުވެރިއަކީ ކުރެހުމެވެ.
ފުރަތަމަ އަނިޔާވި ފަހަރު ކުރެހުމަށްފަހު ރައިހާން ހުއްޓާލިއެވެ. ނަމަވެސް ދެވަނަ ފަހަރަށް އަނިޔާވެ ކުރެހުމުގެ ދުނިޔެއަށް ރައިހާން އެކީއެކައްޗަކަށް ވަނީއެވެ.
"އެއްކޮށް މީހާ ހަމައަކަށް އެޅެން ނެގި ތިންމަސް،" ރައިހާން ގޭގައި ތިންމަސް އޮންނަން ޖެހުނެވެ.
ކުރެހުމުގެ ދުނިޔޭގައި ރައިހާންގެ ނަމަކީ މީހުންނަށް އެނގޭ ނަމެއް ނޫނެވެ. އޭނާ މަޝްހޫރުވީ މިދިޔަ ލޮކްޑައުން ތެރޭގައިބޮހީމިއަންގެނަމުންނެވެ. ރާއްޖޭގައި ކުރިން ނުފެންނަ ފަންނެއްކަމަށްވާ، ސްކްރެބަލް އާޓުން އޭނާ އެތައް ބަޔަކު ފީޗަރ ކުރިއެވެ.
ބޮހީމިއަން ޕޭޖަކީ އޭނާ އަމިއްލައަށް ހެދި ޕޭޖެއް ނޫނެވެ. އެއީ އޭނާގެ ބޭބެ ހަދައިދިން ޕޭޖެކެވެ. އޭގެ ނަން އޭނާއަށް ކަމުދިޔައީ އޭގެ މާނަ ރީތިވުމުންނެވެ.
އޭގެ މާނައަކީ ބޭރުތެރޭގައި އުޅެން މާ ބޮޑަށް ބޭނުން ނުވާ، ފަންނުވެރިކަމަށް ޝައުގުވެރިކަން ހުންނަ މީހާއެވެ.
"ދެ ފަހަރަށް މި އިންނަނީ އެއް ހުޅެއް ގޮސްފައި. ދެން ބައިވަރު އެއްޗެހި ހިތަށް އަރާނެ ދޯ،" ރައިހާން ބުންޏެވެ.
ރައިހާން ގަބޫލުކުރާ ގޮތުގައި އަސްލު ބޮހީމިއަންއަކީ ބޭބެއެވެ. އޭނާއަށް މި ފަންނުގައި އެންމެ އެހީތެރިވި މީހަކީ ވެސް އެއީއެވެ.
ރައިހާންއަށް ސްކްރެބަލް އާޓް ތައާރަފްވީ ވެސް ނޭނގުމެއްގެ ތެރެއިންނެވެ. އޭނާގެ ވަރަށް ގާތް ރައްޓެއްސެއްކަމަށްވާ ހަސަން ކުރަހައިފައި ދިން އެއްޗެއްގެ ސަބަބުންނެވެ.
"މިހާ މެސީކޮށް އިން އެއްޗަކުން މަށަށް ވެސް މިއީ ނޭމާކަން އެނގެންޏާމު. އެ ހިސާބުން އަސްލު ކިއުރިއަސްވީ މިހެން ކުރަހަން. ދެން ހަމަ އެޅުނު ގޮތަކަށް ރޮނގު އެޅީމަ ވެސް ވައްތަރުވަނީ،" ހަސަން ކުރެހި ކުރެހުން ދައްކާލަމުން ރައިހާން ކިޔައިދިިނެވެ.

ރައިހާންގެ އެކުވެރިޔާ ހަސަން ކުރެހި ކުރެހުން -- ސަން ފޮޓޯ/ މުހައްމަދު ނާއިލް
އެެއީ އޭނާގެ ސްކްރެބަލް އާޓުގެ ފެށުމެވެ. އެ ކުރެހުން މިހާރު ވެސް އޭނާ ވޮލެޓަށް ލައިގެން އެބަ ގެންގުޅެއެެވެ.
"ސްކްްރެބަލް އާޓަކީ އޮންނަ އެއްޗެއްކަން ވެސް އެނގުނީ އެ ހިސާބުން. އޭރު ވެސް ހަމަ ރޮނގުއަޅަނީ ރޮނގުއަޅަނީ،" ރައިހާން ކިޔައިދިނެވެ.
ރައިހާންގެ ކުރެހުންތަކަކީ މިހާރު ހިޓެކެވެ. އޭނާގެ ކުރެހުންތަކަށް އެތައް ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ.
ރާއްޖޭން ބޭރުގެ ބައެއް މީހުންނާއެކު ވެސް ރައިހާން މަސައްކަތް ކުރެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި، "ރަނގަޅަށްކޮށްފިނަމަ" އާޓުން ރަނގަޅު އާމްދަނީ އެއް ހޯދޭނެއެވެ.
ބޮހީމިއަންއަކީ ރައިހާންކަން މީހުންނަށް އެނގެން އޭނާ ފުރަތަމަ ބޭނުންނުވީ ވެސް ސަބަބެއް އޮވެގެންނެވެ. އޭނާ ބޭނުންވަނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މީހުންނަށް އެނގޭށެވެ.
ރައިހާންގެ އުންމީދުތައް ވެސް ގުޅިފައިވަނީ ފުޓުބޯޅައާއެވެ. ގްރީން ސްޓްރީޓްސްއަށް ކުޅޭ މި ޒުވާނާ ފުޓުބޯޅަ ދަނޑުގައި ކުރާ އުންމީދު އޭނާ ބޭނުމީ ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.
ހުވަފެން ހަގީގަތަކަށް ހަދަން ރައިހާން ކުރި މަސައްްކަތުގައި އޭނާ ވެއްޓުނެވެ. ފަޔަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުނެވެ. އެކަމަކު، ފަހަރުގައި އެއީ އޭނާގެ ނަސީބުކަަމަށް ވެސް ވެދާނެއެވެ. ބޮހީމިއަން އުފަންވެ، ހިޓަކަށްވީ އެކަމުގެ ސަބަބުންނެވެ.