18 Mar 2012, 15:31
މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބަޖެޓްގެ ބޭރުން ސިފައިންނާއި ފުލުހުންނަށް 400 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އައްޑޫ ތަރައްގީއަށް ބަޖެޓުގައި ހުރި ފައިސާ ވެސް ހިމެނޭ ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ނަސަންދުރައިގައި ބޭއްވި "އެމްޑީޕީ އައްޑޫ ސިޓީ ދާއިރާގެ ބައްދަލުވުން" ހުޅުވައި ދެއްވުމަށް ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބަޖެޓުގެ ބޭރުން ސިފައިންނާއި ފުލުހުންނަށް ހަރަދުކޮށްފައިވާ ފައިސާއަކީ އައްޑޫ ތަރައްގީގެ ދެބައިކުޅަ އެއްބަޔާއި އާސަންދައިގެ ދެބައިކުޅަ އެއްބައި ފައިސާ ކަމަށެވެ. ނަޝީދު ވިދާޅުވީ ފައިސާ ހަރަދުކުރަންޖެހޭ ތަންތަނަށް ހަރަދު ކުރަންޖެހޭ މިންވަރަށް ފައިސާ ހަރަދުނުކޮށް އެހެން ގޮތަކަށް ފައިސާ ހަރަދުކުރާނަމަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށެވެ.
"ކަންކަން ހިނގަމުން މިދަނީ ގާނޫނީ އުސޫލަކުން ނޫން. އަޅުގަނޑުމެންނަށް އިނގޭ އައްޑޫ ތަރައްގީ އަށް ހުރި ހުރިހާ ފައިސާއެއް ސިފައިންނާއި ފުލުހުންނަށް ހަރަދުކޮށް ނިންމައިފިކަން. މިދިޔަ ދެ މަސްދުވަހުތެރޭ ސިފައިންނާއި ފުލުހުންނަށް ބަޖެޓުގެ އިތުރުން 400 މިލިއަން ރުފިޔާ ހަރަދުވެފައިވާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާކަމެއް ނޫން. އެއީ އާސަންދައިގެ ދެބައިކުޅަ އެއްބައި އައްޑޫ ތަރައްގީގެ ދެބައިކުޅަ އެއްބައި،" ނަޝީދު ވިދާޅުވި އެވެ.
އާންމުކޮށް ތަކުރާރުކުރައްވާ ގޮތަށް މިއަދު ވެސް ނަޝީދު ވިދާޅުވީ ބަޣާވާތަކުން ގެނެސްފައި އޮތް ސަރުކާރެއްގައި ޑިމޮކްރެޓިކް އުސޫލުން ކަމެއް ހިނގާފާނެ ކަމަށް އަދި ކޮށްފާނެ ކަމަށް ގަބޫލުކުރުމަކީ ނުބައި ވިސްނުމެއް ކަމަށާއި ޑިމޮކްރެޓިކް ވެރިކަމެއް އަލުން އިޔާދަ ނުކުރެވެނީސް އައްޑޫގެ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
"މިއަހަރުގެ ބަޖެޓުގައި ހުރި ހުޅުމީދޫ، ފޭދޫ ހިތަދޫ ބަދަރު އެ ނިމެނީ. އަދި ކުރަން ނިންމާފައި ހުރި އައްޑޫ އަދި ހިތަދޫއަށް ޓޫރިޒަމް ތައާރަފްކުރުން. ބޯޅަދަނޑު ތަރައްގީ ކުރުން، ނަރުދަމާ ހެދުން މީގެން އެއްވެސް ތަރައްގީގެ މަސައްކަތެއް ޖުމްލަކޮށް ޑިމޮކްރެޓިކް ސަރުކާރަކަށް ނޫނީ ނުކުރެވޭނެ. އަޅުގަނޑު ދަންނަވާނީ ވަރަށް ފެންނުހިފޭ ވިސްނުމަކަށޭ ވާނީ ހުދު މުހުތާރު ވެރިކަމެއްގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން ޑިމޮކްރަޓިކް އުސޫލެއްގެ ތެރެއިން ވިސްނާފައި ތަރައްގީ ކުރާން ހުރި ކަންތައްތަކެއް ކުރެވިދާނެ ކަމަށް ނިންމައިފިނަމަ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ފެށުނު ބައްދަލުވުން ވެސް ހިންގަން ބޭނުންވަނީ އައްޑޫގައި ކަމަށާއި އެމަނިކުފާނު އަދިވެސް އައްޑުއަށް ވަޑައިގަންނަވާނެ ކަމަށެވެ.