އައްޑޫސިޓީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމަށް ބުނެ ހައްޔަރުކޮށްފައިވާ، ޝަރަފުއްދީން ސްކޫލްގެ މަސައްކަތު މުވައްޒަފެއް ކަމަށްވާ އާމިންދިޔެ (އާމިންދައްތަ) އަކީ ބަލި މީހެއް ކަމަށާއި އޭނާއަށް ލުއިގޮތެއް ހަމަޖައްސައި ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެ ކޮމިޓީން އާމިންދައްތައަށް ލުއި ކޮށްދިނުމަށް ކުރެވިދާނެ ކަންތައްތައް ބަލައި އެކަންތައްތައް ފަހި ކޮށްދޭން ޖެހޭ ކަމަށެވެ.

"އާމިންދައްތަ އަކީ ބަލިމީހެއް. އަމިންދައްތައަށް ލުއި ގޮތެއް މައްސަލަ ނިމެންދެން ވެސް އެންމެ ކުޑަމިނުން ގެއަށް ބަދަލުކުރުމަށް ވެސް މަސައްކަތްކުރެވިދާނެ." ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އާމިންދައްތަ އަކީ އެ ދައްތަގެ އަންހެން ދަރިފުޅު މަރުވުމާ ގުޅިގެން އޭނާގެ ތިން އަންހެން ދަރިން ވެސް ބަލާ މީހެއް ކަމަށެވެ. ފުލުހުންގެ ތަހުގީގުގައި އެ ކުދިންނާ ސުވާލު ކުރިއިރު ވަރަށް ހަޑި ހުތުރު ބަސް ބޭނުންކުރިކަމަށް އެކުދިން ބުނާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާމިންދައްތަ އަކީ އެފަދަ ކަމެއް ކުރާނެކަމަށް މީހަކު ހީކުރިވެސް މީހެއް ނޫން ކަމަށާާއި، އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރާކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

"އިއްޔެ ހަވީރު ވެސް ދައްތައާއެކު މަސައްކަތްކުރާތާ 25 އަހަރުވެފައިހުރި މީހަކާ އަޅުގަނޑާ ދިމާވި. ވަރަށް ދެރަވެފަ އެމީހާ ބުނި ތިމަންނައަށް ޔަޤީނޭ އާމިންދައްތަގެ ފަރާތުން އެކަހަލަކަމެއް ނުހިނގާނޭ" ނާޒިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެެ މައްސަލައިގައި ސުވާލުކުރަމަށް ބަންދުކުރި މީހުންވެސް ދޫކޮށްލިފަދައިން އާމިންދައްތަ ވެސް ގެޔަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި އެ ކުއްޖާ ފުރަތަމަ ދެއްކި ޑޮކްޓަރަކީ އެ ކުއްޖާއާ އާއިލީގޮތުން ގުޅުން އޮންނަ ޑޮކްޓަރެއް ކަމަށާއި، އެހެންކަމުން އާއިލާއިން ބޭނުންވާގޮތަށް މެޑިކަލް ރިޕޯޓް ބަދަލުކުރީތޯ ސާފުކޮށްލަން ޖެހޭކަމަށް ނާޒިލް ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަންހެން މީހާގެ އާއިލާއިން ބުނަނީ އެ ކުއްޖާ ކާފަގެ ވާހަކަތައް ކިޔައިދިނީ ޝަރީއަތް ނިމެންދެން ބަންދުކުރި ފަހުން ކަމަށެވެ.

މިކަމާ ގުޅިގެން ކުރިން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ އިތުރުން، އިތުރު މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކިލިބިފައި ނުވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ތަހުގީގަކީ "އޯޕަން ތަހުގީގެއް" ކަމަށާއި ތަހުގީގު ކުރިއަށްދާ މިންވަރަކުން ހޯދޭ ހޯދުން ތަކުގެ މައްޗަށް ބިނާކޮށް އިތުރު މީހަކާމެދު ފިޔަވަޅެއް އަޅަން ޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށެވެ.